ރޭގެ މެޗުގައި ޑޭވިޑް ލުއިސް އަށް ރެފްރީ ރަތްކާޑު ދައްކަނީ
ރޭގެ މެޗުގައި ޑޭވިޑް ލުއިސް އަށް ރެފްރީ ރަތްކާޑު ދައްކަނީ
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ އާސެނަލް ބަލިކޮށް ސިޓީން ފެންވަރު ދައްކާލައިފިއެވެ.

ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ، އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން 100 ދުވަހަށް ފަހު އަލުން ފަށައި، ރޭ ކުޅުނު މެޗުގައި އިނގިރޭސި ގަދަ ދެބާރުގެ ކުރިމަތިލުމުގައި އާސެނަލް ކޮޅަށް ތިން ގޯލް ޖަހައި މެންޗެސްޓަރ ސިޓީން ވަނީ ފެންވަރު ސާބިތުކޮށްދީފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުޅިބަލާ މީހުން ދަނޑަށް ނުވައްދައި ކުޅުނު މި މެޗު ސިޓީއިން ފަސޭހަ ކަމާއި އެކު ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މެޗުގައި ގިނަ ބައެއްގެ ސަމާލުކަމަށް އައި އެއް ކަމަކީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޑޭވިޑް ލުއިޒްއަށް ހެދުނު ބޮޑު ގޯހަކުން ދެއްކި ރަތްކާޑެވެ.

ތިން ލަނޑު ސުން ލަނޑުން އާސެނަލް ބަލިވި މެޗާއި އެކު ޕްރިމިއަ ލީގުގެ ހުރިހާ ޓީމަކަށްވެސް އޮނަތިރީސް މެޗު ހަމަވީއެވެ. ހުރިހާ ޓީމަކަށް އޮނަތިރީސް މެޗު ހަމަވިއިރު، އެއްވަނައިގަ ލިވަޕޫލް އޮތީ ބާރަ ޕޮއިންޓްގެ ފަރަގަކާއި އެކުއެވެ. ލިވަޕޫލަށް، ތިރީސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރަން ބޭނުންވަނީ އެންމެ ދެ މޮޅެވެ.

ރޭގެ މެޗު ފެށުމުގެ ކުރިން ކޯވިޑް-19 ގައި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވާއިރު، ފްރަންޓް ލައިންގައި މަސައްކަތްކުރާ ހެލްތު ޕްރޮފެޝަނަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ ކުޅުންތެރިއެއްގެ ޖާޒީގެ ކުރިމަތީގައި "ހިތެއް"ގެ ޑިޒައިނަށް ބެޖެއް ވެސް ވަނީ ހަރުކޮށްފައެވެ. ހަމަ އެއާއެކު ކުޅުންތެރިންގެ ނަމުގެ ބަދަލުގައި ޖަރޒީގެ ފަހަތުގައި ލިޔެފައި ވަނީ އެމެރިކާގެ ފުލުހުންތަކެއް މަރާލި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑްގެ ހަނދާން އާކުރުމުގެ ގޮތުން "ބްލެކް ލައިވްސް މެޓަރސް" އެވެ.

އިނގިރޭސި ލީގުގެ ކުޅުން މި ހަފްތާ ބަންދުގައިވެސް ކުރިއަށް ދާނެއެވެ. މިވަގުތު ޓޭބަލްގެ އެއްވަނައިގަ ލިވަޕޫލް އަށްޑިހަ ދެ ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގަ އޮތް ސިޓީއަށް ލިބިފައިވަނީ ފަސްދޮޅަސް ޕޮއިންޓެވެ. އާސެނަލް ނުވަވަނައިގަ އޮތީ ސާޅީސް ޕޮއިންޓާ އެކުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން