ބޮލީވުޑް ގެ މަޝްހޫރު ފިލްމީ ތަރި، ސުޝާންތް ސިންގް ރަޖްޕުޓްގެ މަރުމިވަނީ، ބޮލީވުޑްގެ "އަނދިރިފަރާތް" ހާމަވެގެންދިޔަ ހާދިސާއަކަށްވެފައެވެ. އާއިލީ ނުފޫޒު ފޯރުވުމަކީ މި ދާއިރާގައި އާއްމު ކަމެއްކަމަށް ސުޝާންޓްގެ މަރުން ވަނީ ސާބިތުކޮށްދީފައެވެ. ގިނަ ފޭނުން ގަބޫލު ކުރާ ގޮތުގައި، ސުޝާންޓް އަމިއްލަ އަށް މަރުވެފައި ވަނީ އޭނާގެ ފިލްމުތަކަށް ލިބެންޖެހޭ މަޝްހޫރުކަން ނުލިބުމުގެ ސަބަބުންނެވެ. މިކަމުގެ އަސްލަކީ، ބޮލީވުޑް އަކީ ވަކި ބައެއްގެ އާއިލީ ނުފޫޒު ވަރަށް ބޮޑަށް ފޯރާފައިވާ އިންޑަސްޓްރީ އަކަށް ވުމެވެ.

ސިޔާސީ ވެރިއެއް ކަމަށްވާ ސަންޖޭ ނިރުޕަމް އޭނާގެ ޓުވިޓަރ އެކައުންޓުގައި ބުނެފައިވާ ގޮތުގައި، ބޮލީވުޑް އިން ވަނީ ހުނަރުވެރި ތަރިއަކާމެދު ވަރަށް ނާއިންސާފުން އަމަލުކޮށްފައެވެ. ސުޝާންޓްގެ ފިލްމު ޗިޗޮރޭ އަށްފަހު އޭނާ އިތުރު 7 ފިލްމެއްގައި ސޮއެ ކޮށްފައިވެއެވެ. ނަމަވެސް މި ފިލްމުތައް 6 މަސްދުވަހުގެ ތެރޭގައި ވަނީ ގެއްލިފައެވެ.

މިހާރު ފޭނުން ގަބޫލުކުރާގޮތުގައި ސުޝާންޓް އޭނާގެ އަމިއްލަ ފުރާނަ ދުއްވާލީ، މި އިންޑަސްޓްރީގައި އާއިލީ ނުފޫޒު ފޯރުވަމުންދާ ގޭންގުތަކުގެ ސަބަބުންނެވެ. މިހާދިސާ އާއި ގުޅިގެން ޕަޓްނާގައި ބޭއްވުނު މުޒާހަރާ ތަކާއި އުއްބައްތީގެ ހިނގާލުމަށްފަހު، ބިހާރްގެ މުޒައްފަރްޕުރް ގެ ކޯރޓެއްގައި ވަނީ ބޮލީވުޑްގެ މަޝްހޫރު 8 ފަރާތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް ހުށަހަޅާފައެވެ. އެގޮތުން އެމީހުން ތުހުމަތު ކުރާ މީހުންގެ ތެރޭގައި ސަލްމާން ޚާން، ކަރަން ޖޯހަރް، ސަންޖޭ ލީލާ ބަންސާލީ އަދި އެކްތާ ކަޕޫރް ހިމެނެއެވެ. ލޯޔަރ ސުދީރް ކުމާރް އޮހްޖާ ބުނިގޮތުގައި، ސުޝާންޓްގެ ހާލަތު އެހާ ގޯސްވާން މެދުވެރިވީ އޭނާގެ 7 ފިލްމެއް ގެއްލި، އޭނާ ކުޅެފައިވާ ބައެއް ފިލްމު ދޫނުކުރުމާއި ގުޅިގެން ކަމަށް ގަބޫލު ކުރެވޭކަމަށެވެ.

34 އަހަރުގެ އެކްޓަރު އޭނާގެ އެޕާރޓްމަންޓްގައި މަރުވެފައި އޮއްވާ ފެނުނީ 14 ޖޫން 2020 ގައެވެ. މިއީ ބަޔަކު ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނި ނަމަވެސް މި ހާދިސާ އަދި އިތުރަށް ތަހުގީގު ކުރާނެކަމަށް މަހަރަޝްތްރާ ހޯމް މިނިސްޓަރު، އަނިލް ދެޝްމުކް ވިދާޅުވެފައިވެއެވެ. ފިލްމީ ދާއިރާގައި ސުޝާނޓް ސިންގް ރާޖަޕުޓް މަޝްހޫރުވީ ފިލްމް ކައި ޕޯ ޗޭ އަށްފަހުއެވެ. އޭގެ ފަހުން އެމް.އެސް ދޯނީ، ދަ އަންޓޯލްޑް ސްޓޯރީ، ކެދާރނާތް އަދި ޗިޗޯރޭ އަކީ ވެސް ސުޝާންޓްތުގެ މޮޅު އެކްޓިންގ ފެނިގެންދާ ފިލްމު ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން