ބާސެލޯނާ އަށް 6.7 މިލިއަން ޔޫރޯ ދެއްކުމަށް ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ ގެ މައްޗަށް ސްޕެއިންގެ ކޯޓަކުން އަމުރުކޮށްފި އެވެ.

ކޯޓުން މިއަދު އަމުރުކޮށްފައި މިވަނީ ބާސެލޯނާއިން ލޯޔަލިޓީ ބޯނަސްގެ ގޮތުގައި ނޭމާ އަށް 43.6 މިލިއަން ޔޫރޯ ދޭންޖެހޭ ކަމަށް ބުނެ 2017 ވަނަ އަހަރު އޭނާ ހުށަހެޅި މައްސަލައިގައި ނޭމާ އާ ދެކޮޅަށް ހުކުމް އިއްވަމުންނެވެ. މި މައްސަލައިގައި 28 އަހަރުގެ ނޭމާ އާ ދެކޮޅަށް ކޯޓުން ހުކުމްކުރި ނަމަވެސް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނޭމާ އަށް އޮންނާނެ އެވެ.

ބާސެލޯނާގެ ކުރީގެ ފޯވާޑް ނޭމާ ވަނީ ބާސެލޯނާއަށް ދެކޮޅަށް ފައިސާގެ މައްސަލައެއް ފީފާ އަށްވެސް ހުށަހަޅައިފަ އެވެ. ނަމަވެސް ފީފާ އިން ނިންމާފައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

ނޭމާ ބާސެލޯނާ އިން ޕީއެސްޖީ އަށް 2017 ވަނަ އަހަރު ބަދަލުވީ 222 މިލިއަން ޔޫރޯ އަށެވެ. އެއީ އޭރު ދުނިޔޭގެ ރެކޯޑް އަގެކެވެ.

ނޭމާ އާއި ބާސެލޯނާ އާ ދެމެދު ފައިސާގެ މައްސަލަތަކެއް އުފެދިފައި އޮތް ނަމަވެސް ބާސެލޯނާ އިން ވަނީ މިދިޔަ އަހަރު ނޭމާ އެ ކްލަބަށް އަލުން ގެންނަން މަސައްކަތްކޮށްފަ އެވެ. އަދި، ޕީއެސްޖީން އޭނާ ބާސެލޯނާ އަށް ދޫކުރުމަށް ޕްރެޝަރ ކުރުމުގެ ގޮތުން ނޭމާ ވަނީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން