ހެޑްފޯނާއި، ކަންފަތަށް ޖަހާ އިއާބަޑްސް ބޭނުންކުރުމާއި އަޑުގަދަ ކޮންސެޓްތަކަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ބިލިއަނަކަށްވުރެ ގިނަ ފުރާވަރުގެ ކުދިންނާއި ޒުވާނުން އަޑުއިވުމުން މަހުރޫމް ވެދާނެ ކަމުގެ ނުރައްކަލުގެ އިންޒާރު ދިރާސާވެރިން ދީފި އެވެ.

ބީއެމްޖޭ ގްލޯބަލް ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ މިހޯދުންތަކުން ވަނީ އަޑުއިވުމުގެ ހިއްސުގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް، ދުނިޔޭގެ ސަރުކާރުތަކުން، ލަވަޔާއި މިއުޒިކް، އަދި އެހެނިހެން އެއްޗެހި އަޑުއެހުމުގައި ރައްކާތެރި ސިޔާސަތުތައް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އަދި ޓެކްނޮލޮޖީ، މިއުޒިކް، އަދި އިވެންޓްސް އިންޑަސްޓްރީގައި މަސައްކަތްކުރާ ކުންފުނިތަކުން ވެސް ޒުވާނުންނަށް މިފަދަ ކަންކަމުން ހުރި ނުރައްކާތެރިކަން ބުނެދެނީ ހޭލުންތެރި ކުރުވުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެޑްފޯނާއި އިއާބަޑް ޖަހައިގެން މިއުޒިކް އަޑުއަހާއިރު ގިނަ ފަހަރަށް އަޑު ހުންނަނީ 105 ޑެސިބަލް އާއި ހަމައަށެވެ. އަދި މުނިފޫހިފިލުވުމުގެ އާންމު ތަންތަނުގައި އެވްރެޖްކޮށް އަޑުގަދަކޮށްފައި ހުންނައިރު އަޑު ހުންނަނީ 104 އާއި 112 ޑެސިބަލް އާއި ދެމެދުކަމަށް ދިރާސާތަކުން ދައްކައެވެ.

ނަމަވެސް މިއީ އާންމު އިންސާނަކުން މިއުޒިކާއި އެހެނިހެން އެއްޗެހި އަޑުއަހާއިރު އަޑު ހުންނަންވީ މިންވަރަށްވުރެއް ނުރައްކާތެރި މިންވަރެކެވެ. ކަމާބެހޭ މާހިރުން ދެކޭގޮތުގައި، ބޮޑެތި މީހުން އަޑުއަހާ އެއްޗެއްގެ އަޑު ހުންނަންވާނީ 80 ޑެސިބަލް އަދި ކުޑަކުދިން އަޑުއަހާ އެއްޗެއްގެ އަޑު ހުންނަންވާނީ 75 ޑެސިބަލްގެ މިންވަރެއްގައެވެ. އަދި މިއަށްވުރެ މަތިވާނަމަ، ނުރައްކާތެރިވުން އެކަށީގެންވެއެވެ.

އުމުރުން 12 އަހަރާއި 34 އަހަރާ ދެމެދުގެ ޖުމްލަ 20،000 ބައިވެރިންނާއެކު ކުރެވުނު 30 އަށް ވުރެ ގިނަ ދިރާސާތަކުން، މިއުޒިކާއި އެހެނިހެން އެއްޗެހި އަޑުއަހާއިރު އަޑު ހުންނަންވީ މިންވަރަށްވުރެއް ނުރައްކާތެރި މިންވަރެއްގައި އަޑު ހުންނަކަމަށް ބެލެވިފައިވެއެވެ. މި ތަޙުލީލުން ދޭހަވަނީ މިއީ ދުނިޔޭގެ ފެންވަރުގައި އާންމު ކަމެއް ކަމަށާއި، ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ ތެރެއިން 48 އިންސައްތަ މީހުން އަޑުގަދަކޮށް މިއުޒިކް އަޑު އެހުމާއި އަޑުގަދަ މާހައުލުތަކުގައި ގިނަވަގުތު ހޭދަކުރާކަމަށް އެނގިގެންދެއެވެ.

މިދިރާސާތަކުން ލިބޭ މައުލޫމާތަށް ބިނާކޮށް، ދުނިޔޭގެ އާބާދީގެ 12 އަހަރާއި 34 އަހަރާ ދެމެދުގެ (2.8 ބިލިއަން) މީހުންގެ ތެރެއިން، 1.35 ބިލިއަނަށް ވުރެ ގިނަ މީހުންނަށް އަޑުއިވުން ދަށްވުމުގެ ނުރައްކާ އޮވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން