ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް މަރާލާފައިވާ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކުރުމަށްފަހު އަޑުއެހުން ކެންސަލްކޮށްފިއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި މިއަދު 9:00 ގައި ބޭއްވުމަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ އެ މައްސަލަ ކުރިއަށްގެންދަވާ ސެކްޝަން ބީ-5 ގެ ޤާޟީ، ޢަލީ އާދަމް ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.

އާގިލްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުއެވެ. އެ މައްސަލައިގައި މިހާރު ކުރިއަށްގެންދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

އާގިލް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ލ. ފޮނަދޫ ހިޔާ ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ ސްވޭހުހީނާގެ އަލީ މިޖުވާދު މާލިކުގެ އިތުރުން، ހއ. ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމްގެ މައްޗަށެވެ. މި މައްސަލައިގައި ހަމްދޫން ހަމްޒަތުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، މިޖުވާދު މާލިކުގެ މައްޗަށްވެސް އުފުލާފައިވަނީ ހަމަ މި ދައުވާއެވެ.

މީގެ އިތުރުން، މި މައްސަލައިގައި އިބްރާހީމް ވިޝާމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމަށް އެހީތެރިވެދިންކަމުގެ ދައުވާއެވެ. ވިޝާމްގެ މައްޗަށް މި ކުށުގެ ދައުވާ އުފުލާފައިވަނީ، ވ. ފުލިދޫން މާލެއަށް އާގިލް އައި ލޯންޗު ހަމަޖައްސައިދީ އެ ދަތުރުގެ މައުލޫމާތު މަރާލުމުގައި ބައިވެރިވި މީހުންނަށް ފޯރުކޮށްދިނުމުގެ ތުހުމަތު ކުރެވޭތީއެވެ.

އުމުރުން 19 އަހަރުގެ އާގިލަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަމްބަރު ފާލަމަށް ފޭބި ވަގުތުއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން