މާލޭގައި ކޮންމެ ދުވަހަކީ ވެސް ގިނަ އަދަދެއްގެ ކައިވެނި ކުރެވިގެންދާ ދުވަހެކެވެ. އެންމެ ގިނަ ކައިވެނި ހިނގަނީ ފެމެލީ ކޯޓުގައެވެ. ނަމަވެސް ދުރާލައި މުހިން ދުވަސްތަކުގައި ނުވަތަ ތާރީޚު ތަކުގައި އެކަން ކުރަން ރާވާފައިވާ ބައެއް ފަރާތްތަކަށް މިފަހަރު އެކޯޓުން ދީފައިވަނީ މާ އުފާވެރި ޚަބަރެއް ނުނެވެ.

އެގޮތުން ފެމެލީ ކޯޓުގައި ކައިވެނިކުރަން ބޭނުންވާ ފަރާތްތަކުން ތާރީހު ސެޓުކުރުމުގައި މިވަނީ އިތުރަށް ވިސްނަން ޖެހިފައެވެ. ނޫނީ ކުރިން ސެޓްކުރި ތާރީޚު ބަދަލު ކުރަން ޖެހިފައެވެ.

އެ ކޯޓުން އިއްޔެވަނީ މިއަންނަ އަހަރު އެ ކޯޓުން ކައިވެނި ކޮށްނުދޭނެ ދުވަސްތަކެއް އިއުލާނު ކޮށްފައެވެ. ކޯޓުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބޮޑު އީދުގެ މުނާސަބަތުގައި އަންނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އަދި ޖޫން 28 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކައިވެނިކޮށް ނުދޭނެ ކަމަށެވެ. އެހެންވީމާ އަންނަ އަހަރު ބޮޑުއީދު ބަންދު ހިމެނޭ މުހިންމު އެއްވެސް ތާރީޚެއްގައި ކައިވެނި ކޮށެއް ނުދޭނެ އެވެ.

ރަސްމީ ދުވަސްތަކުގެ ރަސްމީ ގަޑީގައި ކޯޓުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ހެނދުނު 09:30އިން ފެށިގެން 11:30އަށެވެ. އަދި މެންދުރުފަހު 13:00އިން 13:30އަށެވެ. އަދި ނުރަސްމީގަޑީގައި ނަމަ 16:00އިން ރޭގަނޑު 21:30އަށް ކައިވެނި ކޮށްދޭނެއެވެ.

ކޯޓުން ބޭރުގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކަށް ހަވީރު 16:00އިން ފެށިގެން ރޭގަނޑު 21:30އަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކޯޓުން ބުނެފައިވެއެވެ.

ދިވެހީންނަކީ ރީތި ތާރީހުތަކުގައި ކައިވެނިކުރަން ބޭނުންވާ ބައެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ނުވަތަ 21.12.21 ގައި މާލޭގައި 57 ކައިވެނި ކުރިއެވެ. އެއީ އެ އަހަރު އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި އަގުދު ކޮށްދިން ދުވަހެވެ.

އޭގެ ކުރިން، 2020 ވަނަ އަހަރުގެ ފެބުރުއަރީ 20ގައި ނުވަތަ 20.02.2020 ގައި ފެމެލީ ކޯޓުން 66 ކައިވެނި ކޮށްދީފައިވެއެވެ. އެހެންވީމާ އަންނަ އަހަރު މުހިންމު ތާރީޚުތަކެއްގައި ޒަވާޖީ ހަޔާތް ފަށަން ރާވާފައިވާ ފަރާތްތަކުން ދުރާލާ ތާރީޚު އަލުން ސެޓްކޮށްލަން ޖެހިދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން