ކަޝްމީރަށް އުފަން ޕާކިސްތާނުގެ އާމިރު ރާޝިދު ވާނީ މިއަދު އެންމެ އުފާވީ އޭނާގެ މަންމަގެ އެދުން އޭނާއަށް ފުއްދައި ދެވުނީމައެވެ. މަންމަ ދުށް ހުވަފެން ހަގީގަތަކަށް ހަދައި ދެވުނީމައެވެ.

އާމިރު ކުޑައިރު ސްކޫލަށް ދިޔައިރު މަންމަ ލިއެފައި މޭމަތީގައި ތަތްކޮށްދިން ކާޑަކީ މިއަދު އާމިރުގެ ހަޔާތާ އެންމެ ބޮޑަށް ގުޅިފައިވާ ހަނދާން ތަކެވެ. މަންމަ އެކާޑުގައި ލިޔެފައިވަނީ މަންމަ ދެކޭ ހުވަފެނުގެ ވާހަކައެވެ. މަންމަ ކުރާ އުއްމީދުގެ ވާހަކައެވެ. މަންމަ ދަރިފުޅުގެ ކިބައިން އެދޭ އެންމެ ބޮޑު އެދުމުގެ ވާހަކައެވެ. މަންމަގެ އެ އެދުމަކީ ދަރިފުޅު ބޮޑުވެގެން ޕައިލެޓަކަށް ވެގެން ދަރިފުޅުގެ ޕައިލެޓްކަމުގައި ދުއްވާ ބޯޓުގައި މައްކާގެ މާތް ބިމަށް ދަތުރުކުރުމެވެ.

އާމިރު ބުނި ގޮތުގައި މިއަދު އޭނާ އެންމެ އުފާވަނީ ނޫނީ މިއަދު އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުނަކީ އޭނާގެ މަންމަ އެދުވަހު އެކާޑުގައި ލިޔެފައިވާ ގޮތަށް މަންމަގެ އެދުން ފުއްދައި ދެވުނީމައެވެ. މަންމަ އެދުނު ގޮތަށް ބޮޑުވެ ޕައިލެޓަކަށް ވެގެން އޭނާގެ ޕައިލެޓްކަމުގައި ދުއްވާ ބޯޓުން މަންމަ މައްކާގެ މާތް ބިމަށް ގެންގޮސް ދެވުނީމައެވެ.

މަންމަ އެދުނު ގޮތަށް މިއަދު މަންމަ މައްކާގެ މާތް ބިމަށް، ގެފުޅުގެ އަރިހަށް އެދަތުރުކުރީ އާމިރު ދުއްވަންއިން ބޯޓުގައެވެ. މަންމަ ގެފުޅުގެ އަރިހަށް އެދަތުރު ކުރީ އޭނާ އެދުނު ގޮތަށް ދަރިފުޅާއެކުގައެވެ.

މިއަދު އާމިރުގެ މަންމަ އެންމެ މާތް ބިމުގައި މާތްވެގެންވާ ގެފުޅުގެ އަރިހުގައި ހުރެ ދެއަތް އުފުލައި ޝުކުރުވެރިވާނެ އެއްކަމަކީ އޭނާގެ އެދުން މާތް ﷲ މިހާ ފުރިހަމައަށް ހިންމަވައި ދެއްވީތީއެވެ. އޭނާގެ ދުޢާ އިޖާބަކޮށް ދެއްވީތީއެވެ.

އާމިރު މިވާހަކަ މިއަދު ހިއްސާކުރީ މިފަދަ ކަންކަމުން އަޅުގަނޑުމެން އިބުރަތެއް ހާސިލު ކުރޭތޯއެވެ. ދަރިންނަށްޓަކައި ﷲގެ ހަޟުރަތުގައި މައިން އުފުލާލާ އަތުގައި ހުރި ބާރު ނިކަން ދެކިބަލާށެވެ. މިއީ ދިރިތިބީންނަށް އިބުރަތަކަށް ނުވޭތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން