އެމްޓީސީސީގެ އާރުޓީއެލްގެ ބަހުގެ ހިދުމަތް ވިލިމާލޭގައި ފަށައިފިއެވެ.

ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭގައި ބަސް ދަތުރުތަކަށް ބޭނުންކުރަނީ އެ ކުންފުނިން އެންމެފަހުން ރާއްޖެ ގެނައި ތިމާވެއްޓާ ރައްޓެހި 6 (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސްތައް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓް ހަރުކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ހަމައެއާއެކު ބަސްތަކުގައި ހަތަރު މީހުންނަށް ކޮޅަށް ތިބެވޭނެ ކަމަށާއި ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ ދެ ހަފްތާގެ މުއްދަތައް ބަސް ދަތުރުތައް މުޅިން ހިލޭ ވާނެ ކަމަށާއި، ބަސްދަތުރުތައް ކުރާނީ ހެނދުނު 5:35 އިން ރޭގަނޑު 00:00 އަށް ކަމަށެވެ. އަދި ހިލޭ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ފަހުންވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

"މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ގޮތަށް ރިއާޔަތް ކުރުމަށްފަހު. ސްކޫލާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލް އަދި ބީޗު ސަރަހައްދުތައް ފަދަ ތަންތަނަށް ފަސޭހައިން ދެވޭނެ ގޮތްތައް ވަނީ ބެލެވިފައި،" އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީން ބުނީ ކުރިއަށް އޮތް ތަނުގައި ބަހުގެ ހިދުމަތް ދޭ ރޫޓުތަކަށް ބަދަލު ގެންނަންޖެހޭނަމަ އެކަން ކުރާނެ ކަމަށެވެ. ހަމައެއާއެކު އާރް.ޓީ.އެލް. ވިލިމާލޭ ބަހުގެ ރޫޓް މެޕްއާއި ޝެޑިއުލް، އާރް.ޓީ.އެލް. ވެބްސައިޓާއި އެޕް މެދުވެރިކޮށް ބަލާލެވެން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން