ސުނިލް ޝެޓީގެ ޢުމުރުން 30ގެ އަހަރުތައް ގުނަމުން ދިޔައިރު އޭނާ އަކީ ހިންދީ ސިނަމާގެ އާނޯލްޑް ކަމުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ. 1990 ގެ އަހަރުތަކުގައި އޭނާ ކުޅުނު ފިލްމުތަކުގައި ޖައްބާރު ވެރިންނާ ދެކޮޅަށް ތެދުވެ، އަނިޔާވެރިކަމާއި، ބޭއިންސާފާ ކުރިމަތިލައި ހަނގުރާމަ ކުރަމުން ދިޔައިރު، އޭނާގެ ފޭނުން ދިޔައީ ތުނބުންފުމެ ތަރުހީބުދެމުންނެވެ.

މިހާރު ޢުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ކާމިޔާބު އެކްޓަރު ޙަޤީޤީ ދުނިޔޭގައި އިސްކަންދެނީ ވާހަކަދައްކައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށެވެ. ޚާއްޞަކޮށް އާރާއިބާރު ގަދަ ދައުލަތުގެ ވެރިންނާ މުޢާމަލާތްކުރާ ހިނދުގައެވެ. އެގޮތުން ހުސްވި ޖެނުއަރީމަހުގެ ތެރޭގައި އޭނާ ވަނީ އިންޑިޔާގައި މިހާރު ވެރިކަންކުރަމުން އަންނަ ހިންދޫ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރުންގެ ކިބައިން، ބޮލީވުޑާ ދެކޮޅަށް އެބައިމީހުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެދި އާދޭސްކޮށްފައެވެ.

ހާމުދުރުކަން ދޫކޮށްލުމަށްފަހު ސިޔާސީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ހިންދޫ ހަރުކަށި ފިކުރުގެ ސިޔާސީ އެއް ލީޑަރު އަދިޔަނާތާއެކު ބޭއްވި ބައްދަލުވުމެއްގައި، މިހާރު ހިނގަމުންދާ ފިތުނަވެރިކަމާއި ރުޅިވެރިކަމުގެ ގޮވާލުންތަކާއި، އެއްވުންތަކުގެ ސަބަބުން ބޮލީވުޑް މުޅީން ހަލަބޮލިވެފައިވާކަން ސުނިލް ޝެޓީ ފާހަގަކުރިއެވެ. އަދި އަދިޔަނާތުގެ އަރިހުން އެކަން ހުއްޓުވައިދިނުމަށް އޭނާ އެދުނެވެ. "އެކަމާ މެދު މަނިކުފާނު ބަސްފުޅެއް ވިދާޅުވެއްޖެނަމަ އެކަން ހުއްޓޭނެ." އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިޔަނާތަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަހު ބޮޑުވަޒީރުކަމުގެ މަޤާމަށް އަތުވެދާނެ ކަމަށް ބެލެވޭ މީހެކެވެ.

ސުނިލް ޝެޓީގެ މި އާދޭހަކީ ބޮލީވުޑްގެ އަދުގެ ހާލަތަށް ރިއާޔަތްކުރާއިރު އެ އިންޑަސްޓްރީއަށް ހެޔޮއެދޭ އެންމެންވެސް އެކަމަކަށް އެދިއެދި ތިބި ކަމެކެވެ. މި ވޭތުވެގެން ދިޔަ 2022 ވަނަ އަހަރަކީ މުޅި ބޮލީވުޑަށް އެންމެ ގެއްލުން ބޮޑުވި އަހަރު ކަމަށް ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިގޮތުން މިދިޔަ އަހަރު ނިކުތް ގިނަ ފިލްމުތަކަށް ވިޔަފާރީގެ ގޮތުން ބޮޑެތި ނުކުސާނުތައްވެ، 250 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައި ވާކަމަށް އަންދާޒާކޮށްފައިވެއެވެ.

2022 ގައި ބޮލީވުޑަށް ކުރިމަތިވި ވިޔަފާރީގެ ގެއްލުމަކީ ހަމައެކަނި ހިންދޫ ހަރުކަށި ފިކުރުގެ ސިޔާސީ ލީޑަރުން ބޮލީވުޑާ ދެކޮޅަށް ކުރަމުން އަންނަ ކެންޕޭނުގެ ސަބަބުން ކުރިމަތިވީ ކަމެއްނޫނެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވީ ކަންތައްތަކާއި، އިންޑިޔާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި، އިންޓަނެޓުގެ ސްޓްރީމްކުރާ އެކިއެކި އަށިތަކުގެ މެދުގައި އޮތް ވާދަވެރިކަންވެސް މިކަމުގެ ސަބަބުތައް ކަމުގައިވެއެވެ. މި ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ހިންދީ ފިލްމުތަކުގެ ވިޔަފާރި އެކަމެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ޓިކެޓު ނަގައިގެން ބައިސްކޯފުގެތަކުން ފިލްމު ބަލާ މީހުން މަދުވިއެވެ.

އިންޑިޔާގެ ވެރިކަމަށް ހަރުކަށި ހިންދޫ ފިކުރުގެ ބީޖޭޕީގެ ނަރެންދުރަ މޯދީ އެރިފަހުން، އެ ޕާޓީންނާއި އަދި އެ ޕާޓީއާ ގުޅިފައިވާ ހިންދޫންގެ ހަރުކަށި ފިކުރުގެ ޖަމިއްޔާތަކުން އަންނަނީ ބޮލީވުޑާ ދެކޮޅަށް ކެންޕޭނުކޮށް މުޅި ބޮލީވުޑް ހަލަބޮލިކުރަމުންނެވެ. ސެކިއުލަރ ޤައުމެއްގެ ގޮތުގައި އޮތް އިންޑިޔާ، ހިންދޫންގެ ވެރިކަންހިންގާ ހިންދޫ ޤައުމަކަށް ހެދުމަށް ފޫގަޅައިގެން އުޅޭ ބީޖޭޕީ ސަރުކާރުގެ ވެރިން އަންނަނީ ކެނޑިނޭޅި ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ މުސްލިމު ފިލްމީ ތަރިންނާ ދެކޮޅަށް އަޑުއުފުލައި ތަފާތު އެކި ކެންޕޭނުތައް ކުރަމުންނެވެ. މިކަމުގެ ސަބަބުން އިންޑިޔާގެ އާބާދީގެ އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ގިނަ ބައެއްގެ ހިތުތެރޭގައި ބައިމަދު މުސްލިމުންނާއި ނަޞާރާއިންނާމެދު ނަފުރަތު އުފެދި، އެބައިމީހުން އަންނަނީ ބޮލީވުޑްގެ، ޚާއްޞަކޮށް މުސްލިމުން އުފައްދައި ކުޅޭ ފިލްތައް ބައިކޯޓުކުރަމުންނެވެ.

2014 ވަނަ އަހަރު އިންޑިޔާގެ ވެރިކަމަށް މޯދީ އެރިފަހުން، ބޮލީވުޑްގެ ނަގާކިޔާ މުސްލިމު ތަރިންގެ އަޑު ކަނޑުވާލުމުގެ ގޮތުން ބީޖޭޕީގެ ވާގި ލިބިގެން، ހިންދޫ ހަރުކަށި ފިކުރުގެ ތަފާތު އެކި މީސްމީހުން އަންނަނީ ފިތުނަވެރި ވާހަކަތައް ދައްކަމުންނެވެ. ސުނިލް ޝެޓީ އެމީހަކަށް އާދޭސް ދެންނެވި ޔޯގީ އަދިޔަނާތަކީ، އިންޑިޔާގައި ޢާއްމުވަމުން އަންނަ ނޭއްގާނީ ކަންކަމާ ދެކޮޅަށް އަޑުއުފުލައި ވާހަކަދެއްކުމުގެ ސަބަބުން ޝާހްރުޚް ޚާނަކީ ނިރުބަވެރިއެއްގެ ގޮތުގައި ސިފަކޮށްފައިވާ ހަރުކަށި ހިންދޫ ފިކުރުގެ ސިޔާސީ ލީޑަރެކެވެ. އެމީހުންގެ ފިކުރާ ދެކޮޅަށް އަޑުއުފުލާ އިންޑިޔާގެ ރައްޔިތުންގެ ތެރެއިން ޚާއްޞަކޮށް މުސްލިމުންނަކީ ޤައުމަށް ޣައްދާރު ނިރުބަވެރި ބައެއްގެ ގޮތުގައި ސިފަކުރުން ވަނީ އާއްމުވެފައެވެ.

ސުނިލް ޝެޓީ ނޫސްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުން ޖެނުއަރީމަހުގެ ތެރޭގައި މުމްބައިގައި ޔޯގީ އަދިޔަނާތާ އޭނާ ބައްދަލުކުރި އިރު ބޮލީވުޑް ބައިކޯޓުކުރުން ހުއްޓުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދުމުގެ އިތުރުން އެކަމުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މަޝްވަރާކުރެއްވުމަށް އެދުނުކަމަށްވެސް އޭނާ މައުލޫމާތުދިނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން