ހއ. މުރައިދޫގައި ޤާއިމުކުރާ އާރުޓީއެލް ފެރީ ސްޓޮޕްގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ރަނގަޅު ފެރީ ނިޒާމަކުން ގުޅާލުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން މުޅިރާއްޖެ ގުޅާލެވިގެން މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

އެގޮތުން ހއ. މުރައިދޫ ފެރީހަޓުގެ މަސައްކަތް ކުރިއަށްގެންދިޔަ ސަރުކާރުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނި އެމްޓީސީސީން ބުނީ ހއ. މުރައިދޫ ފެރީ ސްޓޮޕަކީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ތަރައްޤީކުރި ފެރީ ސްޓޮޕެއް ކަމަށެވެ. ހއ. މުރައިދޫ ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއަކާއި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާޚާނާ ހިމެނެއެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ. މި މަޝްރޫޢު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެދަށުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާރމިނަލް ތަރައްޤީކުރުން ހިމެނެއެވެ.

މި ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ޙިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކުރިއެރުންތަކެއް ލިބި، ސަރަޙައްދީ ގޮތުން ރަށްތަކަށް ތަރައްޤީ ލިބިގެންދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން