ނަފުސާނީ އިލްމުގެ މާހިރުން ވިދާޅުވާގޮތުގައި ހައިލީ އިންސެކިއުރ މީހުންނަކީ، ތިމާއަކީ އެހެންމީހުންނަށްވުރެ ހުރިހައި ކަމެއްގައިވެސް ދެރަ ނިކަމެތި މީހާކަމަށް ގަބޫލުކުރެވި އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ މީހުންނެވެ. މި ޝަހްސިއްޔަތު މުޖުތަމަޢަށް އެހައި ގެއްލުންވަނީ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަކަން ނުވަތަ 'ސެލްފް ކޮންފިޑެންސް' ނެތްކަން ފޮރުވައި، ކަންކަން ހާސިލްކުރަން އުޅޭ މީހުންނާއި މެދު ނުރަނގަޅު ވިސްނުމުގައި ވާހަކަ ދައްކައި، އެމީހުންނަށްވެސް އެކަންކަން ހާސިލްވުމަށް ހުރަސްއެޅުމުގެ ވިސްނުން މިފަދަ މީހުންގެ ކިބައިގައި ހުންނާތީއެވެ.

މިފަދަ މީހުންގެ ފަރާތުން ފެންނަ 7 ކަމެއް ތިރީގައި ހިއްސާކޮށްލާނަމެވެ.

1. އެހެންމީހުން ދެކޭގޮތާއިމެދު މާބޮޑަށް ވިސްނުން.

2. ކަމެއް ނިންމުމަށްފަހު، ނިންމާގޮތެއްގައި ސާބިތުނުވުން

3. ލިބިފައިވާ އިޚްތިޔާރުތަކުގައި ބޮޑު ފަރަގެއް ނެތްނަމަ، ގޮތް ނިންމުމަށް އުނދަގޫވުން

4. ޕްލޭންއެއް ހަދައި މަސައްކަތެއް/ޕްރޮޖެކްޓެއް ފަށާފަހުން މުޅި ޕްލޭން އަލުން ބަދަލުކުރުން.

5. ތިމާ މީހާ މޮޅުކަމަށް ދެއްކުމަށްޓަކައި އެހެން މީހުން ދަށްކޮށްލުމަށް ވާހަކަދެއްކުން

6. ތިމާއަކީ ގިނަ ޒިންމާތަކެއް ހުރި އެހެން މީހުންނަށް މުހިންމު މީހެއްކަމަށް ދެއްކުމަށްޓަކައި، ބިޒީ ނުވިޔަސް ބިޒީކަމަށް ބުނުން.

7. އެހެން މީހުން ކުރާ ހުރިހާކަމެއްގެ މައުލޫމާތު ހޯދުމަށް މީހުންނަށް އުނދަގޫވާގޮތަށް ސުވާލުކުރުން.

* އިންސެކިއުއާ ޝަޚްސިއްޔަތަކާއި މުޢާމަލާތުކުރުމުގައި ގެންގުޅެވިދާނެ މުހިންމު އުކުޅުތައް:

އިންސެކިއުއާ މީހުންނާއި މުޢާމަލާތުކުރާއިރު، ހާލަތު ދެނެގަންނަން ވަރަށް މުހިއްމެވެ. އެއީ އެފަދަ މީހަކާއި ވާހަކަ ދެއްކުމުން ތިމާ މީހާގެ ޕޮޒިޓިވް ވިސްނުން ބަދަލުކުރުވާ ވަރުގެ މީހެއްތޯއާއި ދައްކަން އުޅޭ ވާހަކައަކީ އެމީހާއާއި ދެއްކުމުން ގެއްލުން ނުވާވަރުގެ ވާހަކައެއްތޯ ދެނެގަތުމެވެ. ކޮންމެ ކަމަކީވެސް ވިސްނުމަކުން ފެށޭކަމެކެވެ. އެހެންކަމުން ތިމާގެ 'ޕޮޒިޓިވް ތިންކިން' ބަދަލުކޮށްލާނެފަދަ ނެގެޓިވް މީހަކާއި އެފަދަ ކަމެއް ހިއްސާކުރުން ބުއްދިވެރިއެއް ނުވާނެއެވެ.

މިފަދަ ޝަޙްސިއްޔަތު ހުންނަ މީހުން 'އިންސެކިއުއާ' ވާ ވަކި ޚާއްސަ ކަންކަމެއް ހުންނާނެއެވެ. އެހެންކަމުން އެމީހުންނާއި މުޢާމަލާތު ކުރާއިރު އެފަދަ މަޢުލޫޢުތަކާއި ދުރުވުމަކީ މިފަދަމީހުންގެ ކިބައިން ލިބޭ ގެއްލުން ކުޑަވާނެކަމެކެވެ.

ހަމްދަރުދީވުން އިސްކޮށް، އެފަރާތުގެ ވާހަކަތައް ހިއްސާކުރުމަށް ފުރުސަތު ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެފަދަ މީހުންގެ ވާހަކަތައް އަޑުއަހައި ޕޮޒިޓިވްކޮށް އެމީހުންނާއި ދޭތެރޭ ދެކި ހަމްދަރުދީ އިސްކުރުމުން، އެފަދަ މީހުންގެ ފަރާތުން އަންނަ ނެގެޓިވް ބަސްތައް އަމިއްލަ ވިސްނުމުން އެއްކައިރިކޮށްލަން ފަސޭހަވާނެއެވެ.

އިންސެކިއުއާ މީހުންނަކީ ނެގެޓިވްކޮށް ވިސްނުން ގެންގުޅެވޭ ބަޔަކަށް ވުމުން، މުޢާމަލާތްކުރުމުގައި ރަނގަޅަށް ތަފްސީލުތައް ދިނުމަކީ މުހިންމުކަމެކެވެ. އަދި ތިމާ ދެކޭ ގޮތާއި ތިމާ ބޭނުންވާ ގޮތް ރަނގަޅަށް ކިޔާދިނުމާއިއެކު ތިމާގެ އަމިއްލަ ވިސްނުމުގައި ސާބިތުވެ ހުންނަން މަސައްކަތް ކުރަންވާނެއެވެ. މިކަން މިދެންނެވިގޮތަށް ކުރަން ފަސޭހަވާނީ ތިމާ ކަމަކާއިމެދު ގޮތެއް ނިންމީ ކޮން ސަބަބުކަތަކާއި ހުރެކަން ހަނދާނުގައި ބަހައްޓައިގެންނެވެ. އޭރުން ތިމާގެ ވިސްނުމުގެ މައްޗަށް އެހެން މީހުންނަށް ބާރުފޯރުވަން އުނދަގޫވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން