އިންޑިއަން އައިޑަލް ތަރި އަރުނީތާ (މ) ކުރެއްދޫގައި އެސްޓީއޯގެ އެމްޑީ އަމްރު (ކ) އާއެކު
އިންޑިއަން އައިޑަލް ތަރި އަރުނީތާ (މ) ކުރެއްދޫގައި އެސްޓީއޯގެ އެމްޑީ އަމްރު (ކ) އާއެކު
އިންޑިއަން އައިޑަލް ތަރި ޕަވަންދީޕް ރާޖަންއާއި އަރުނީތާ ކަންޖީލާލް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ޝަރަފުގައި ޚާއްޞަ ޝޯއެއް ދީފިއެވެ.

އިންޑިއަން އައިޑޮލް ސީޒަން 12ގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ގޮތުގައި ހިމެނިފައިވާ ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާ އުއްޗުގެ ޝަރަފުގައި ބޭއްވި ޚާއްސަ ގާލާ ނައިޓް އޮތީ ރޭ އޭނާގެ ކުންފުނިން ހިންގާ ކުރެއްދޫ އައިލެންޑް ރިސޯޓްގައެވެ. މި ގާލާ ނައިޓްގައި އެ ދެ ލަވަކިޔުންތެރީންނާއި މޯލްޑިވިއަން އައިޑަލްގެ ބައެއް ލަވަކިޔުންތެރިން ވެސް ވަނީ ލަވަތައް ހުށައަޅައިދީފައެވެ. މީގެ އިތުރުން އުއްޗު ބޭނުންފުޅުވާ އޭނާއަށް ރީތި ގިނަ ލަވަތަކެއް މި ޝޯގައި ހުށައަޅާދީފައިވެއެވެ.

މިގާލާ ނައިޓްގައި އުއްޗުގެ ދެކަނބަލުންގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަމްރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އުއްޗު ފާހަގަކުރެވެނީ ރާއްޖެއަށް ޒިޔާރާތްކުރާ މަޝްހޫރު ބޭރުގެ ފަންނާނުން ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މީގެކުރިން ރާއްޖެއަށް ޝޯދޭން ޒިޔާރަތްކުރި ލަވަކިޔުންތެރިޔާ ޔޮހާނީގެ އިތުރުން އޭގެ ފަހުން އުއްޗުގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ވެސް އިންޑިއާގެ ޒުވާން ލަވަކިއުންތެރިޔާ މުޙައްމަދު ފާއިޒާއި އެކުގައެވެ. އަދި އުއްޗު އުފަންދުވަސް ފާހަގަކުރުމަށް ކުރެއްދޫ ރިސޯޓްގައި ލަވަކިޔުންތެރިޔާ ފާއިޒު ވެސް ޝޯއެއް ވަނީ ދީފައެވެ.

ޕަވަންދީޕް ރާޖަން އާއި އަރުނީތާ ކަންޖީލާލް ރާއްޖެ އައީ އެންޔެލްޕްއިން އިންތިޒާމްކޮށްގެން މިރޭ ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ މިޔުޒިކަލް އައިޑޮލް ޝޯގައި ބައިވެރިވުމަށެވެ. މި ޝޯގައި އެ ދެލަވަކިޔުންތެރީންގެ އިތުރުން ދިވެހި ފަންނާނުން ކަމަށްވާ ޝަލަބީ އިބްރާހީމާއި، ރާފިޔަތު ރަމީޒާ ވެސް ލަވަ ހުށައަޅައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޔޫތު މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ މި ޝޯއަަށް ވަދެވެނީ ޓިކެޓު ނަގައިގެންނެވެ. އެގޮތުން އެންމެ އާދައިގެ ޓިކެޓެއް ވިއްކަނީ 80 ރުފިޔާއެވެ. ވިޔަފާރިއަކަށް ނުވަތަ މަތީ ފެންވަރުގެ ޓިކެޓެއްގެ އަގު އުޅެނީ 150 ރުފިޔާ އަށެވެ. އޭގެ އިތުރުން ވީއައިޕީ ޕެކޭޖެއް ވެސް ލިބެން ހުންނައިރު އެ ޕެކޭޖު ނެގުމުން ތަރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ދޭގޮތަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން