ބިމުގެ ދަތިކަން އިތުރުވަމުންދާހެން، ގެތައް ޢިމާރާތްކުރުމަށް ލިބޭ ޖާގަ ވަރަށް ކުޑައެވެ. އެހެންކަމުން މިހާރުގެ ގެތަކުގެ ސިޓިންގ ރޫމާއި ކޮޓަރިތައް އަދި ފާޚާނާތަކުގެ ސައިޒުވެސް ވަރަށް ކުޑަވެފައި ޖާގަ ކުޑައެވެ. ޖާގަ ކުޑަވުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އުޅޭ، މިކަހަލަ ކުދި ތަންތަނުގައި، ތަކެތި ގިނަވެފައި، އެއްޗެހި ލާނެ ޖާގައެއް ގިނަފަހަރު ނުހުރެއެވެ. އެހެންކަމުން ތަނުގައި އުޅެން އުނދަގޫވެ ހާސްވެއެވެ. ތިރީގައި މިވަނީ ނިދާ ކޮޓަރީގެ ޖާގަ ތަނަވަސްކޮށްލުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

1. އެނދު ދަށުގައި ކެބިނެޓްތަކެއް ހުރި އެނދެއް އިޚްތިޔާރުކުރުން

އެނދު ދަށަކީ ކުރިންވެސް މީހުން ތަކެތި ރައްކާ ކުރުމަށް ބޭނުންކުރާ ޖާގައެކެވެ. ނަމަވެސް އެންމެ ފުރިހަމައަށް އެނދުގެ ދަށުގައި އެ އޮންނަ ބޮޑު ޖާގަ ބޭނުން ކުރުމަށް، ގޮދަޑި ހިއްލާލައި އެނދުގެ އަޑީގެ ހުންނަ ކެބިނެޓުތަކަށް ފަސޭހައިން އެއްޗެހި ލެވޭފަދަ އެނދެއް ޚިޔާރު ކުރުން ބުއްދިވެރިއެވެ. ނުވަތަ ބައިބަޔަށް ދެފަރާތުން ދަމާލެވޭ ވަތްގަނޑުތައް ހުންނަ އެނދެއް ބޭނުން ކުރުންވެސް ރަނގަޅުވާނެއެވެ. އޭރުން ރައްކާކޮށްފައި ހުންނަ ތަކެތި ބޭރަށް ފެންނާކަށް ނުހުންނާނެއެވެ.

2. 'ބެޑް ޕްލެޓްފޯމް' އެއް ތައްޔާރުކުރުން

ބޭނުންވާ ސައިޒެއްގެ ގޮދަޑިއެއް ބޭއްވޭނެވަރަށް، 2 ފޫޓުވަރު އުސްކޮށް ހުންނާނެހެން ސިޑިއަކާއިއެކު، ފިލައިން ޕްލެޓްފޯމްއެއް ފަރުމާކުރެވިދާނެއެވެ. އަދި އޭގެ ދަށުގައި ހެދުން ފަށްޖެހުމަށްފަހު ރީތިކޮށް ބެހެއްޓޭނެ ކެބިނެޓާއި އަދި ގަމީސް، ޓީށާޓު ، ޓޮޕް ފަދަ ކުރު އެއްޓެހި ބެހެއްޓުމަށް ތަންކޮޅެއް ޑިޒައިން ކުރެވިދާނެއެވެ. އޭރުން އެނދުގައި ގިނަ އެއްޗެހިތަކެއް ރައްކާކުރެވި އަދި ކޮޓަރީގެ ބާކީ ހުންނަ ބައިގެ ޖާގަ ހުސްކޮށް ހުންނާނެއެވެ.

3. ފާރުގެ ޖާގައަކީވެސް ބޭނުންކުރެވޭނެ ޖާގަ

ބިންމަތީގައި ގިނަ ކަބަޑުތަކެއް ގެނެސް އަތުރާލުމުން ހިނގަން އޮންނަ ޖާގަ ގެއްލިގެންދެއެވެ. އެހެންކަމުން، ފާރުގެ ބޭނުން ހިފުމަކީ ކުރެވިދާނެކަމެކެވެ. އެނދުގެ ދެފަރާތުގެ ޖާގަ ސީލިންގއާއި ހަމައަށް ބޭނުން ކުރެވިދާނެއެވެ. ޑްރެސިންގ ޓޭބަލްއެއް ގޮތަށްވެސް މިއިން އެއްބައި ފަރުމާ ކުރެވިދާނެއެވެ. އަދި ފޮތްތައް ބެހެއްޓޭނެ ގޮތަކަށްވެސް މިޖާގައިގައި ކެބިނެޓްތައް ފަރުމާ ކުރެވިދާނެއެވެ.

4. 'ފްލޯޓިންގ' ޝެލްފް

ފްލޯޓިންގ ޝެލްފެއްގައި ވާހަކަ ފޮތާއި ކުދިކުދި 'ޑެކަރޭޓިވް' އައިޓަމްތައް ބެހެއްޓިދާނެއެވެ. އެއްމެ ފްލޯޓިންގ ޝެލްފެއްގެ ބަދަލުގައި ރީތިގޮތަކަށް 3 ނުވަތަ 4 ފްލޯޓިންގ ޝެލްފްވެސް ބެހެއްޓިދާނެއެވެ. ފްލޯޓިންގ 3 ޝެލްފްއާއި ތަތްކުރާ ކަހަލަ ލޯގަނޑެއް ހަރުކޮށްލުމުން ބޮޑު ޑްރެސިންގ ޓޭބަލެއް ކޮޓަރިއަށް ލާކަށް ނުޖެހޭނެއެވެ.

5. ކޮޓަރިތެރެއަށް ފެހިކަން

ކޮޓަރިތެރޭގައި ކޮންމެވެސްކަހަލަ ގަހެއް ނުވަތަ ވައިންނެއް ހުރެއްޖެނަމަ، ހިތްހަމަޖެހުން ލިއްބައިދޭނެއެވެ. ކިތަންމެ ޖާގަ ކުޑައަސް ހިތްހަމަޖެހުން ލިއްބައިދޭނަމަ އެއީ ތަނަވަސް އަރާމު ކޮޓަރިއަކަށް ބަދަލުވެދެއެވެ.

6. އަލި ކުލަތައް ބޭނުން ކުރުން.

އަލި ކުލަތައް ބޭނުންކުރުމުން ޖާގަ ތަނަވަސްވެ ތަން ސާފުތާހިރުކަމަށް ދައްކާނެއެވެ. ފާރުތަކުގައި ލާފައި ހުންނަ ކުލައާއި އެނދުގެ ބެޑުޝީޓުގައި ހުންނަ ކުލައަކީވެސް ކޮޓަރީގެ ޖާގަ ކުޑަ ނުވަތަ ބޮޑުކަމަށް ދައްކާ އެއްކަމެވެ. އަލި ކުލަތައް ބޭނުންކުރުން އަދި 'މިނިމަލިސްޓިކް' ޑިޒައިންއެއް ބޭނުންކުރުމުން ކުޑަތަނެއްގެ ޖާގަ ބޮޑުކަމަށް ދައްކާނެއެވެ.

7. ދިގު ލޯގަނޑު ބެހެއްޓުން

މޫނުބަލާ ލޯގަނޑަކީީ ހަމައެކަނި ރީތިވުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ކޮޓަރީގެ ޖާގަވެސް ތަނަވަސްކޮށްދޭނެ އެއްޗެކެެވެ. ދޮރުގެ ބިއްދޮށާއި އަނދިރިކޮށް ހުންނަ ތަންނަމުގައި ލޯގަނޑެއް ބެހެއްޓުމުން އެހެންތަންތަނުން ލިބޭ އަލި އެއަށް އެޅި، ތަނުގެ އަލިކަން އިތުރުކޮށްދެއެވެ. އަދި ޖާގަވެސް އިތުރުކޮށްދެއެވެ.

މަތީގައި ދެންނެވި ހުރިހާކަމަކާއިއެކުވެސް، އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެކަމަކީ ތަން ތަރުތިބުކޮށްފައި ބޭއްވުމަށެވެ. ޖާގަ ކިތަންމެ ތަނަވަސް ކޮޓަރިއެއްގައި ހެދުންތައް އެއްވެސް ތަރުތީބެއް ނެތި އެތަން މިތަނުގައި ބަހައްޓާނަމަ ކޮޓަރީގެ ޖާގަ ކުޑަކަމަށް ދައްކާނެއެވެ. އެހެން ކަމުން އެންމެ މުހިންމުކަމަކީ އަބަދުވެސް ކޮޓަރި ތަރުތީބުކޮށް ބެހެއްޓުމެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ފަންކީ ހަސީނާ

09-Mar-2023

ތިހުރިހާ ފަތިވަރެއް ނުދަމަ ސާފުތާހިރުކަމަށް ލޯބި ކުރާށޭބުނި ނަމަ 🤦‍♀️



ޓްރެންޑިން