ސޯޝަލް މީޑިއާގައި، އިންވެސްޓްމަންޓާއި ފައިސާއާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ މަޝްހޫރު ވިޔަފާރިވެރިޔާ ގޭރީ ވިނެޔަޗަކް އޭނާގެ ސެޝަންއެއްގައި ބުނެފައިވެއެވެ. އަހަރެންގެ އުމުރުން 22 އަހަރާއި 28 އަހަރާއި ދެމެދު އަހަރަކު 35،000 އާއި 55،000 ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. އަހަރެން އެއިން އަގުބޮޑު މުދަލެއް ނުގަންނަމެވެ. އަގުބޮޑު ތަންތަނަށް ޗުއްޓީއަކަށް ނުދަމެވެ. ލިބުނު ފައިސާ ރައްކާކުރީއެވެ. އަދި ކުންފުނިތަކަށް އިންވެސްޓްކުރީއެވެ. އެކަމަކު މިހާރުގެ ކުދިންނަށް އެވަރުގެ އަދަދެއް ލިބިއްޖެނަމަ ކާރާއި، އަގުބޮޑު ފޯނުފަދަ ތަކެތި ގަނެލާނެއެވެ. އޭގެ 98 އިންސައްތަ މީހުންނަކީ އެހެން މީހުންނަށް ކަންދެއްކުމަށް އެފަދަ އެއްޗެހި ގަންނަ މީހުންނެވެ.

ޚަރަދު ކުޑަކުރުން އެހާ މުހިއްމީ ކީއްވެ؟

އާމްދަނީއަށް ކުރިއެރުން ލިބޭނީ އިތުރު ވަގުތުތަކެއް ހޭދަކޮށްގެނެވެ. ވަޒީފާގެ އިތުރުން ކޮންމެވެސް އިތުރު މަސައްކަތެއް ކޮށްގެންނެވެ. އަދި އެކަމަކުން މަންފާ ލިބުމަށް ވަގުތު ނަގާނެއެވެ. ނަމަވެސް ޚަރަދު ކުޑަ ކުރުމަކީ މިހާރުވެސް ވަގުތުން ވަގުތަށް ކުރެވިދާނެކަމެކެވެ. އަދި އޭގެ ނަތީޖާ ވަގުތުން ފެންނާނެވެސް މެއެވެ. އަދި އަތުގައި ފައިސާ ހަރުލައި ރަނގަޅަށް ވިސްނުންތެރިކަމާއެކު ބަޖެޓުކޮށް ފައިސާ ރައްކާ ކުރުމަށް ފައިސޭހަވެސް ވެގެންދާނެ ކަމެކެވެ.

ބޭކާރު ކަންކަމަށް ފައިސާ ބޭނުންނުކޮށް، ޚަރަދު ކުރުމުގައި އިސްރާފު ނުކުރާނަމަ ކޮންމެ ފައިސާފޮއްޗަކީވެސް އަގުކުރެވި ބަލައިގެން ގެންގުޅޭ އެއްޗަކަށް ވެގެންދާނެއެވެ. އެހާ ފަސޭހައިން ބޭކާރު ޚަރަދުތައް ކުރުމަށް އޭރުން ފަސްޖެހޭނެއެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، މިގޮތަށް ކަންތައް ކުރުމުން ފައިސާ ބޭނުން ކުރުމުގައި އެންމެ އިސްކަންދޭންޖެހޭ ކަންކަމާއި އެހައި ބޮޑަށް މުހިއްމު ނޫންކަންކަން ކަނޑައަޅަން ފަސޭހަވެ އެކި ޚަރަދުތައް ތަރުތީބުކުރަން ފަސޭހަވެގެން ދިއުމެވެ.

ޚަރަދުކުރާ މިންވަރު ކުޑަކުރުމުން، ތިމާ ކުރިއަށް ދާނެ އިތުރު މަގުތައް ހޯދަން ފަސޭހަވެއެވެ. ލިބޭ މުސާރަ އެއްކޮށް ހުސްކޮށްލާ މީހާއާއި އިގްތިސާދުކުރަން ދަންނަ މީހަކާއި ހުރި ތަފާތަކީ، އެކަކަށް ކުރިއެރޭނެ އެއްވެސް މަގެއް ފެންނަން ނެތުމާއި އަނެއް މީހާ ކުރިއަރައި ދިޔުމަށް ރިސްކު ކުޑަވުމެވެ. މިސާލަކަށް ލިބޭ އާމްދަނީގެ ބައެއް ރައްކާކުރެވޭ މިހާ، ވަޒީފާގައި ހުރެ އަމިއްލަ ވިޔަފާރިއެއް ފެއްޓުމަށް ވިސްނާއިރު އޭނާގެ ވިޔަފާރިއަށް އިންވެސްޓް ކުރެވޭނެ ކޮންމެވެސް މިންވަރެއް އޭނާގެ މުސާރައިން ކޮންމެ މަހަކުވެސް ނެގިދާނެއެވެ. ޚަދަދު ކުޑަކުރުމަށްޓަކައި، ބޭނުންވާ ހުރިހާތަކެއްޗެއް އެއްފަހަރާ ގަނެލުމުގެ ބަދަލުގައި މަދުމަދުން ތިމާގެ ހިތްހަމަޖެހުމަށް ގަނެލާ އެއްޗެތީގެ އަގުވަޒަންކުރެވޭވަރު ބޮޑުވާނެއެވެ. އަދި އެކަމުން ލިބޭ ހިތްހަމަޖެހުންވެސް މާބޮޑުވާނެއެވެ.

ޚަރަދުކުޑަކުރަން ބޭނުންނަމަ، ކުރަންހުރި ހުރިހާ ޚަރަދެއް ލިސްޓު ކުރެވިދާނެއެވެ. އަދި އެންމެ މުހިއްމު ތަކެއްޗާއި އެހައި މުހިއްމު ނޫންތަކެތި ފާހަގަކޮށް ލިސްޓް ތަރުތީބުކުރެވިދާނެއެވެ. އަދި ކޮންމެ މަހަކުވެސް މުސާރަ ލިބުމުން އެންމެ ފުރަތަމަ ކަމަކަށް ޚަރަދު ކުރުމުގެ ކުރިން ރައްކާ ކުރުމަށް ވަކި މިންވަރެއް ނަގައި ރައްކާ ކުރެވިދާނެއެވެ. ސަބަބަކީ، ފަހުން ރައްކާ ކުރަން ވިސްނައިގެން އުޅެނިކޮށް ކޮންމެވެސް ކަމެއް ކުރަންޖެހިގެން ރައްކާ ނުކުރެވިދާނެތީއެވެ. މީގެ އިތުރުން ޚަރަދު ކުޑަ ކުރުމަށް، ކުރެވެން ހުރީ ކޮންކަމެއްތޯ ބަލައި އެކަންކަން ރަނގަޅު ކުރެވިދާނެއެވެ. މިސާލަކަށް ކަރަންޓު ބިލް ކުޑަ ކުރުމާއި، އާއިލާއާއި އެކަށޭނަ ނަމަވެސް ޖީބަށް ބުރަ ނުވާނެފަދަ އެޕާރޓްމަންޓްއަކަށް ބަދަލުވުމަކީ ކުރެވިދާނެކަންކަމެވެ.

އަޅުގަނޑުމެންގެތެރޭގައި ވަރަށް ގިނަމީހުން ދިރިއުޅުން އާރާސްތުކުރުމަށް ރެއާއި ދުވާލު އެކި މަސައްކަތުގައި ހޭދަކުރެއެވެ. ރަސްމީވަޒީފާގައި އާއި ނުރަސްމީ ވަޒީފާގައެވެ. ފުލްޓައިމް ޖޮބަށްފަހު ޕާޓްޓައިމް ޖޮބުގައެވެ. ނަމަވެސް ހަގީގަތުގައި ކިތަންމެ ބުރަކޮށް މަސައްކަތް އާމުދަނީ އިތުރުވިނަމަވެސް ޚަރަދުދަކަށް ނުބަލާނަމަ ލިބޭ މިންވަރު އިތުވާހެން ޚަރަދުވެސް ބޮޑުވާނެއެވެ. ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނީ ފަހަށް ރައްކާކުރެވިގެން ކަމަށްވާއިރު، މީގެ އެންމެ މުހިއްމީ ގިނަ މަސައްކަތްކޮށް ހަމައެކަނި ލިބޭ މިންވަރު އިތުރުކުރުމެއް ނޫނެވެ. މުހިއްމީ ބޭކާރު ޚަރަދުނުކޮށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރަން އިސްކަދީ، ޚަރަދުކުރެވޭ އަދަދު މަދުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން