މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުޙިއްދީން ޔާސީންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފި އެވެ.

ބޮޑުވަޒީރު މުޙިއްދީން ޔާސިންގެ މައްޗަށް އުފުލާފައިވަނީ 232.5 މިލިއަން މެލޭޝިޔަން ރިންގިޓް ހިމެނޭހެން ނާޖާއީޒުގޮތުގައި ބާރުގެ ބޭނުން ހިފުމުގެ ތުހުމަތާއި، 195 މިލިއަން މެލޭޝިޔަން ރިންގިޓްގެ މަނީ ލޯންޑަރިންގެ ތުހުމަތު ހިމެނޭހެން ހަ ދައުވާއެކެވެ.

ނަމަވެސް މިއަދު އޮތް ކޯޓުގެ އަޑު އެހުމުގައި، 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކޮވިޑް-19ގެ އެންމެ ނުރައްކާތެރި ހާލަތުގައި ގައުމު ލީޑް ކުރެއްވި މުޙިއްދީން ވަނީ އެ ހަ ދައުވާއަށް އިންކާރުކޮށްފައެވެ.

މި ދައުވާތައް އުފުލާފައިވަނީ ކޮވިޑް ބަލިމަޑުކަމުގެ ލޮކްޑައުންގައި މުހިއްދީން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ސަޕޯޓް ޕްރޮގްރާމަކާ ގުޅިގެން މެލޭޝިއާގެ އެންޓި ކޮރަޕްޝަން އެޖެންސީން ކުރި ތަހުގީގަކަށް ފަހުއެވެ. މިތަހުގީގުގައި މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނާ ވަރަށް ސުވާލުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރަކާއި ދެކޮޅަށް ކޮރަޕްޝަނުގެ ދައުވާ އުފުލި ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން ވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާގް ގެ މައްޗަށް ކޮރަޕްޝަނުގެ ދައުވަ އުފުލައި، 12 އަހަރުގެ މުއްދަތަކަށް ޖަލަށްލާފައެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރަޒާގަކީ މެލޭޝިއާގެ 6 ވަނަ ބޮޑު ވަޒީރެވެ.

މެލޭޝިއާގެ 8 ވަނަ ބޮޑު ވަޒީރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި މުޙިއްދީން ޔާސިން މަގާމުގައި ހުންނެވީ 2020 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން 2021 ވަނަ އަހަރުގެ އޮގަސްޓު މަހާއި ހަމައަށެވެ. ވެރިކަމުގައި 17 މަސް ދުވަހަށް ފަހު މުޙިއްދީން މަގާމުގެ އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނަށް މެލޭޝިއާގެ މަޖިލީހުގެ ތާއީދު ނުލިބުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން