ދުނިޔޭގެ ސުލްހަވެރިކަން ދެމެހެއްޓުމަށްޓަކައި އިސްލާމް ދީނަށާއި، މުސްލިމުންނަށް ކުރާ ފުރައްސާރަ ހުއްޓާލުމަށް ސައޫދީ އަރަބިއްޔާއިން ގޮވާލައިފިއެވެ.

ސައޫދީ އަރަބިއްޔާއިން އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުގެ ނައިބު މުހައްމަދު އަލަތީކް މިފަދައިން ގޮވާލެއްވީ އދގެ އާންމު މަޖިލީހުގެ ހައިލެވެލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ރޮޓޭޓިން ޕްރެޒިޑެންސީ މިހާރު އަދާކުރަމުންދާ ޕާކިސްތާނުން އދގެ އާންމު މަޖިލީހުގެ ރައީސާއެކު ރާވާ ހިންގި ހަރަކާތެކެވެ.

މިބައްދަލުވުމުގައި ނަސްލީ ތަފާތުކުރުމާއި، ޑިސްކްރިމިނޭޝަން، ނެގެޓިވް ސްޓިރިއޯޓައިޕިން އަދި މުސްލިމުންނަށް ފުރައްސާރަ ކުރުމާއި، މުޖުތަމައުން އެކަހެރިކުރުމާއި، ދީނަށް ނުވަތަ ބަޔަކު ގަބޫލު ކުރާ ގަބޫލުކުރުންތަކަށް ބިނާކޮށް ރައްޔިތުންނާ މެދު ތަފާތުކުރުމާއި، ބިދޭސީންނަށް ބިރުދައްކައި އަނިޔާކުރުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަށް ގޮވާލާފައިވެ.

ދުނިޔޭގެ ސުލްހަވެރިކަން ދެމެހެއްޓުމަށް އިސްލާމް ދީނަށާއި، މުސްލިމުންނަށް ކުރާ ފުރައްސާރަ ހުއްޓާލައި، އިސްލާމޮފޯބިއާ އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލައްވަމުން ސައޫދީ އަރަބިއްޔާއިން އދ އަށް ކަނޑައަޅުއްވާފައިވާ ދާއިމީ ނައިބު މަންދޫބު މުހައްމަދު އަލަތީކް ވަނީ އިސްލާމޯފޯބިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމޯފޯބިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ދުވަހެއް ފާހަގަކުރުމަކީ މަޝްވަރާތައް ހަރުދަނާކޮށް، ސުލްހައިގެ ސަގާފަތެއް ކުރިއެރުވުމާއި އިންސާނީ ހައްގުތަކަށް އިހުތިރާމް އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ.

އިސްލާމް ދީނަށާއި، މުސްލިމުންނަށް ކުރާ ފުރައްސާރަކުރުމާއި އިސްލާމޮފޯބިއާ އާއި ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާރޗް މަހުގެ 15 ވަނަ ދުވަހެވެ. މިދުވަހަކީ ދުނިޔޭގެ 140 ގައުމެއްގައި ކޮންމެ އަހަރެއްގައި ބައިނަލްއަގްވާމީ ފާހަގަ ކުރާނެ ދުވަހެއްގެ ގޮތުގައި އދ އިން ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރުއެވެ. އަދި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މާޗް މަހުގެ 15 ވަނަ ދުވަސް ކަނޑައަޅާފައިވަނީ ކްރައިސްޓްޗާޗް މިސްކިތުގައި ހިނގި ގަތުލު އާންމުގެ އަހަރީ ދުވަހާއި ގުޅިގެންނެވެ. މި ގަތުލު އާންމުގައި 51 މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން