ބޭނުންނުކޮށް ހުއްޓާ މުއްދަތު ހަމަވާން ކައިރިވެ، އަދި މުއްދަތު ހަމަވެފައިވާ އެތައް މިލިއަން ކޯވިޑް-19 ވެކްސިން އެކި ގައުމުތަކުން ނައްތާލައިފިކަމަށް ރިޕޯޓުކޮށްފިއެވެ.

ނައްތާލި ވެކްސިން ތަކުގެ ތެރޭގައި ގިނައިން ހިމެނެނީ އެގައުމުތަކުގެ ހެލްތު މިނިސްޓްރީ ތަކުން އިމްޕޯޓުކޮށްފައިވާ ވެކްސިންތަކެވެ. އަދި އެކި ގައުމުތަކުން ގިނަ އަދަދެއްގެ ކޮވިޑް ވެކްސިން ނައްތާލި ނަމަވެސް، ވަކި ވަކި ގައުމުތަކުން ނައްތާލި ވެކްސިންތަކުގެ ޖުމްލަ އަދަދު ހާމަކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ސިންގަޕޫރުގެ ސަރުކާރުން އެގައުމަށް އެތެރެކުރި ކޮވިޑް ވެކްސިނުގެ ތެރެއިން 10 އިންސައްތަ ވެކްސިން ވަނީ މިދިޔަ އަހަރު ފަހުކޮޅަށް މުއްދަތު ހަމަވެފައެވެ. އަދި ފިލިޕީންސުން ހާމަކޮށްފައިވާގޮތުން، އެގައުމަށް އެތެރެކުރި ކޮވިޑް ވެކްސިނުގެ ތެރެއިން 50 މިލިއަނަށް ވުރެއް ގިނަ ވެކްސިން ބޭނުން ކުރެވޭ މުއްދަތު މިމަހު ހަމަވެއެވެ.

އޭޝިއާ ބައްރުގެ އިތުރު ގައުމުތަކަށް ބަލާއިރު، އިންޑޮނޭޝިއާއިން ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހަށް މުއްދަތު ހަމަވި 40 މިލިއަނަށްވުރެއް ގިނަ ކޮވިޑް ވެކްސިން ނައްތާލާފައެވެ. އަދި ޖަޕާނު ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި 46.1 މިލިއަން ކޮވިޑް ވެކްސިން ވަނީ މުއްދަތު ހަމަވެގެން ނައްތާލާފައެވެ.

މީގެއިތުރުން، ދެކުނު ކޮރެއާއިން ވަނީ ކޮވިޑް ވެކްސިނުގެ 12.9 މިލިއަން ޑޯޒު މުއްދަތު ހަމަވެގެން ނައްތާލާފައެވެ. ދެކުނު ކޮރެއާގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޭޖެންސީން ހާމަކޮށްފައިވާގޮތުން، މިއަހަރުގެ އޭޕްރީލް އަދި ސެޕްޓެމްބަރ މަހަށް މުއްދަތު ހަމަވާ ކޮވިޑް ވެކްސިނުގެ 42.6 މިލިއަން ޑޯޒު ވަނީ އަދިވެސް ސްޓޮކް ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން