އަފްޣާނިސްތާނުގެ އުތުރުގެ ސަރަހައްދުގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ ނޫސްވެރިންގެ އެވޯޑް ހަފްލާއަކަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

އަފްޣާން ވޮއިސް އެޖެންސީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އެވޯޑް ހަފްލާކުރިއަށް ގެންގޮސްފައިވަނީ ބަލްކް ޕްރޮވިންސްގެ، މަޒާރު-އޭ ޝަރީފްގެ، ތާބިއަން ފަރުހަންގް ސެންޓަރުގައެވެ. މިހާދިސާ ހިނގާދިޔައިރު، އެހަފްލާގައި އެތައް ނޫސްވެރިންނެއް ބައިވެރިވަމުންދިޔަ ކަމަށްވެއެވެ.

ބޮމުގެ ހަމަލާގެ ސަބަބުން އެތައް ނޫސްވެރިންނާއި އާންމުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށްވެއެވެ.

"ފަސް ނޫސްވެރިންނާއި ތިން ކުޑަކުދިން ހިމެނޭ ގޮތަށް އަށް މީހަކު ޒަހަމްވެފައިވާއިރު، ބޮޑީ ގާޑެއް ވަނީ ޝަހީދުވެފައި،" ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަށާލާފައިވާއިރު، ބަލްޚް ފުލުހުންގެ ތަރުޖަމާނު މުހައްމަދު އާސިފް ވަޒީރީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ބަލްޚ ޕްރޮވިންސްގެ އަފްޣާން ވޮއިސް އެޖެންސީގެ ފޮރިން ރިލޭޝަންސް ޑިރެކްޓަރު ސައިދު ޝާބިރު މަހްމޫދީ ވިދާޅުވީ ބޮން ގޮއްވާލީ އިވެންޓް ކުރިއަށްދިޔަ ތަނުގެ ތެރޭގައި ކަމަށާއި އަދި ނުރަސްމީ ރިޕޯޓުތަކާއި ހަވާލާދީ މިހާދިސާގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރު ވެފަައިވާކަމަށް ލަފާކުރެވޭކަމަށެވެ.

"މާޒާރު ޝަރީފްގެ ހޮސްޕިޓަލްގެ މުވައްޒަފުން ބުނީ މިހާދިސާގެ ސަބަބުން ތިން މީހަކު މަރުވެ 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް،" ސައިދު ޝާބިރު މަހްމޫދީ ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކުގައި އަފްޣާނިސްތާނުގެ އެތަކެއް ނޫސްވެރިން ވަނީ އެކި ޓެރަރިސްޓު ހަމަލާތަކުގައި މަރުވެފައެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ބޮމުގެ ހަމަލާއަކީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެގައުމުން ފައިބާ، ތާލިބާނުން އެގައުމުގެ ކޮންޓްރޯލް ހޯދި ފަހުން ނޫސްވެރިންނަށް އަމާޒުކޮށް ހިނގި މިފަދަ ފުރަތަމަ ހާދިސާ ކަމަޑް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑާސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 60 އިންސައްތަ މީޑިއާ ޕްރޮފެޝަނަލުން އެގައުމުން ދޫކޮށްފައިވާއިރު، މި ހަމަލާގެ ސަބަބުން އަފްޣާނިސްތާނުގެ މީޑިއާގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އަފްޣާނިސްތާނުގެ ނޫސްވެރިންގެ ޔޫނިއަންގެ ވެރިޔާ ހާފިޒުالله ބަރަކައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން