2010 ވަނަ އަހަރު ޓީވީ ސީރީޒް ސާތު ނިބާނާ ސާތިޔާގެ އެހެމް މޯދީގެ ރޯލުން މަގުބޫލުކަން ލިބިގެންދިޔަ މުހައްމަދު ނާޒިމް ޚިލްޖީ، ފިލްމެއްގެ މަސައްކަތް ކުރަމުންދާކަން އިއުލާންކޮށްފިއެވެ.

އޭނާ މަސައްކަތް ކުރަމުން ދަނީ ޕަންޖާބީ ފިލްމެއްގެ މަސައްކަތެވެ. މިއީ 2017 ވަނަ އަހަރަށްފަހު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފިލްމެވެ.

ހިންދީ ޓެލެވިޒަން އިންޑަސްޓްރީން މުހައްމަދު ނާޒިމް ފުރަތަމަ ފެނިގެންދިޔައީ 2009 ވަނަ އަހަރު 'ޝޯރިޔަ އޯރ ސުހާނީ' ސީރީޒް އިންނެވެ. އެއަށްފަހު ސީއައިޑީގެ އެޕިސޯޑުތަކަކުންވެސް އޭނާ ފެނިގެންދިޔައެވެ. ނަމަވެސް ގިނަބައެއްގެ މަގުބޫލުކަމެއް ލިބިގެންދިޔައީ، ޓީވީ ސީރީޒް 'ސާތު ނިބާނާ ސާތިޔާ' ގެ އެހެމް މޯދީގެ ރޯލަށެވެ. އޭނާ ވަނީ 2010 ވަނަ އަހަރުން 2016 ވަނަ އަހަރާއި ހަމައަށް އެހެމް މޯދީގެ ރޯލު ކުޅެފައެވެ. އަދި ސާތު ނިބާނާ ސާތިޔާގެ ދެވަނަ ސީޒަނުގެ 31 އެޕިސޯޑަކުންވެސް ނާޒިމް ވަނީ އެހެމް މޯދީގެ ރޯލުން ފެނިގެން ގޮސްފައެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ރިލީޒް ކުރި ބިރުވެރި ފިލްމް 'ޕްލޮޓް ނަމްބަރ 666' އަދި 2017 ވަނަ އަހަރު ރިލީޒްކުރި ޕަންޖާބީ ފިލްމު 'ބިގް ޑެޑީ' އިން މުހައްމަދު ނާޒިމް ވަނީ ފެނިގެން ގޮސްފައެވެ. ދެން އޭނާ ފެނިގެން ދާނީ ޕަންޖާބީ ފިލްމު 'މުންޑާ ރޮކްސް ސްޓާ' އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން