މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލާނެ ކަމަށާއި އެދުވަހުގެ ފަހުން ރާއްޖެއަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އަަމުން ގެންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ ރިސޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން 14 ދުވަސް ހަމަވުމުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ރިސޯޓުން ފޭބުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން މިއަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުން ކަމަށާއި، މިކަމުގައި އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ބުނާނީ ސިއްޙީ ތަޖުރިބާކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރާ ކަމަކީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ނިންމުން ތަންފީޒުކުރެއްވުން ކަމަށް ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައްޔިތުން ބޭރަށް ވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް ޞާލިޙް މިކަމަށް އެދިވަޑައިގެންނެވީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިދަނޑިވަޅުގައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ދަތިވެދާނެކަން ޤަބޫލުކުރައްވާ ކަމަށާއި، އެހެންނަމަވެސް އެންމެންވެސް ޤަބޫލު ކުރަންވީ މީ ކޮންމެހެން އަޅަންޖެހިގެން އަޅާ ފިޔަވަޅުތަކެއް ކަން ކަމަށެވެ.

މީގެއިތުރުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާއަށް ސަރުކާރު އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖް، ޔުނިވަރސިޓީތައް ބަންދު ކުރުމަށް ނިންމާފައިވާކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރެއްވިއެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން