ކަރްނާޓަކާއަށް ކުރަމުންގެންދާ ދަތުރެއްގައި އަސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވަނީ އާސާމްގެ ހުރިހާ އިސްލާމީ މަދަރުސާތައް ބަންދުކުރުމަށް ގަސްދުކޮށްފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި "އައު އިންޑިޔާ" އަށް އިސްލާމީ މަދަރުސާތަކެއް ބޭނުމެއްނުވެއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ބައެއް މަދަރުސާތައް ބަންދުކޮށްފައެވެ.

އިންޑިޔާއަކީ ސެކިއުލާ ގައުމަކަށްވެފައި ސްކޫލުތަކުގައި ކިޔަވާ މުސްލިމް ދަރިވަރުންނަށް އިސްލާމީ ތައުލީމު ނުދެވޭތީ އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ސްކޫލު ގަޑިން ބޭރުން އިސްލާމީ ތައުލީމު ދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން މަދަރުސާތައް ހަދާފައި ހުރެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަމުން ސަރްމާ ބުނީ އާސާމަށް ބޭނުންވަނީ ދައުލަތާއި، ގައުމަށް ޚިދުމަތް ދިނުމަށް ޑޮކްޓަރުންނާއި، އިންޖިނިއަރުންނާއި، އެހެނިހެން ޕްރޮފެޝަނަލުން އުފެއްދުމަށް ސްކޫލްތަކާއި، ކޮލެޖްތަކާއި، ޔުނިވަރސިޓީތައް ކަމަށާއި މަދަރުސާތަކެއް ނޫން ކަމަށެވެ.

“އަހަރެން މިއައީ ބަންގްލަދޭޝްއިން ކޮންމެ ދުވަހަކު މީހުން އަންނަ އާސާމުން. އަހަރެމެންގެ ސަގާފަތާއި އާދަކާދައަށް ނުރައްކާ އެބައޮތް،” ސަރްމާ ބުންޏެވެ. ދާދި ފަހުން ދިއްލީގައި ޓީވީ އިންޓަވިއުއެއްގައި ނޫސްވެރިޔަކު 600 މަދްރަސާއެއް ބަންދުކުރުމުގެ މަގްސަދާބެހޭ ގޮތުން އޭނާއާ ސުވާލުކުރުމުން ޖަވާބުގައި ބުނެފައިވަނީ އޭނާ އަދި ބަންދުކުރީ 600 މަދަރުސާކަމަށާއި އޭނާ ގަސްތުކޮށްފައިވަނީ ހުރިހާ މަދަރުސާއެއް ބަންދުކުރުމަށްކަމަށެވެ.

ކަރްނާޓަކާގައި އޮތް ބީޖޭޕީގެ ސިޔާސީ ހަރަކާތުގައި ވާހަކަދައްކަމުން ސަރުމާ ވަނީ އިދިކޮޅު އިދިކޮޅު ކޮންގްރެސްއާއި ކޮމިއުނިސްޓުންނަކީ ތާރީޚު އޮޅުވާލައި ހަގީގަތް ބަދަލުކުރަން އުޅޭ ބައެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ. އަދި އޭނާވަނީ ކޮންގްރެސްއަކީ "އައު މުޣަލުން"ގެ ގޮތުގައި ސިފަކޮށްފައެވެ.

ސަރުމާގެ ވާހަކައިގައި އައު އިންޑިޔާއަށް މަދަރުސާތަކުގެ ބޭނުމެއް ނެތްކަމަށް ބުނެ އޭނާ ބުނެފައިވަނީ އެމަގުން ކުރިއަށް ދާން ޖެހޭކަމަށާއި، ތައުލީމީ ނިޒާމު އެއްކޮށް ބަދަލުކުރަންޖެހޭ ކަމަށާއި، އޮޅުވާލާފައިވާ ތާރީޚު އާ ގޮތްގޮތަށް އަލުން ލިޔަންޖެހޭ ކަމަށެވެ. އިންޑިއާގެ ތާރީޚަކީ ހަމައެކަނި ޝިވާޖީ، ދުރުގަދާސް ރާތޯޑް އަދި ގުރޫ ގޯބިންދް ސިންގްގެ ތާރީޚު ކަމަށާއި، ކޮންގްރެސް އާއި ކޮމިއުނިސްޓުން ވަނީ އިންޑިޔާގެ ތާރީޚަކީ ބާބަރާއި ޝާހްޖަހާން އަދި އޯރަންގްޒޭބްގެ ތާރީޚުކަމަށް ހަދާފައިކަމަށް އޭނާ ބުންޏެވެ.

އިންޑިޔާގެ ވެރިކަމަށް ބީޖޭޕީން އައި ފަހުން އެމީހުން އަންނަނީ މުސްލިމުންނާ ދެކޮޅަށް ތަފާތު އެކި ސިޔާސަތުތައް ހިންގައި ތަފާތު އެކި ދުއްތުރާތައް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން