ޞާދިރު ޢަލީދީދީ   20 މާރިޗު 2023 - 12:22
މާހާނައެއް: މިދުނިޔޭގައި އިންސާއަށް ލިިބިފައިވާ ކޮންމެ އެއްޗަކީ ވަގުތީގޮތުން ލިބިފައިވާ އެއްޗެތިތަކެވެ. ފޮޓޯ: ޓްވިޓަރ
މާހާނައެއް: މިދުނިޔޭގައި އިންސާއަށް ލިިބިފައިވާ ކޮންމެ އެއްޗަކީ ވަގުތީގޮތުން ލިބިފައިވާ އެއްޗެތިތަކެވެ. ފޮޓޯ: ޓްވިޓަރ
މިއަދުގެ ދުނިޔޭގައި އިންސާނާ ކައިބޮއިއުޅެއެވެ. ގެދޮރުއަޅައެވެ. މަޤާމުތަކާއި ކުރިއެރުން ހޯދައެވެ. ބޭނުންވާހަކައެއް ގަބޫލުކުރެއެވެ. ބޭނުންވާހަކައެއް ގަބޫލުނުކޮށް ރައްދުކުރެއެވެ. އޭނާއަށް ބޭނުންވާހަކައެއް ދެއްކުމުގެ މިނިވަންކަން އޮވެއެވެ. ބޭނުންކަމެއް ކުރުމުގެ މިނިވަންކަން އޮވެއެވެ. ބޭނުން މިޞްރާބަކަށް އޭނާގެ ޙަޔާތުގެ ދަތުރު ފަށައެވެ.

ކަންމިހެންހުރުމުން އިންސާނާއަށް ކެހިލިބެއެވެ. އޭނާގެ މިއަދުގެ ޙައިޘިއްޔަތަކީ މުސްތަޤިއްލު ޙައިޘިއްޔަތެއް ކަމުގައި ބަލައެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާ ހުންނަނީ އިމްތިޙާނެއްގެ ތެރޭގައެވެ. މިތާނގައި އޭނާއަށް ލިބިފައިވާ ކޮންމެ އެއްޗަކީ ވަގުތީގޮތުން ލިބިފައިވާ އެއްޗެކެވެ. އޭނާއަށް ލިބިފައިވާ ޙައިޘިއްޔަތަކާއި ހުރިހާ އެއްޗެއްސެއް އޭނާއާ ވަކިކުރެވޭނެ ދުވަސް ވަރަށް އަވަހަށް އެބައާދެއެވެ.

އެދުވަހަކުން އެންމެ ކުޑަވެގެން އޭނާ ލައިގެންހުންނަ ފޭރާންވެސް އޭނާގެ އަތުން އަތުލައިގަނެވޭނެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އިންސާނާ ލައިގެންހުންނަ ހެދުމަކީ އޭނާގެ މުދަލުގެތެރެއިން އޭނާގެ މިލްކުގައި އެންމެފަހަށް އޮންނަ އެއްޗެވެ. ކުއްލިއަކަށް އޭނާއަށް ފެންނާނީ ކާއިނާތުގެވެރި ރަސްކަލާނގެ ޙަޟުރަތަށް ކުށްވެރިއެއްގެ ބީދައިން ޙާޟިރުކުރެވި ހުއްޓޭންޖެހޭތަނެވެ.

އެދުވަހަކުން ހުރިހާ މޮޅުދެރައެއްވާނީ ނެތިގޮސްފައެވެ. ބިރާއި ހާސްކަމުގެ ސަބަބުން މީސްތަކުންގެ ދޫތައް ހުންނާނީ ބަންދުވެފައެވެ. އިންސާނާގެ އަމިއްލަ ވުޖޫދު ފިޔަވައި އެނޫން ކޮންމެ އެއްޗެއްވާނީ އޭނާ ދޫކޮށްލައިފައެވެ. ބޭއިންޞާފުން ކަންތައް ކުރުމަށްފަހު ސަލާމަތް ވެވޭނެ ދަނޑިވަޅެއް އެދުވަހަކުން އެއްވެސް މީހަކަށް ނުލިބޭނެއެވެ. ޙައްޤާމެދު ފަރުވާކުޑަކޮށްލުމަށް ފަހުވެސް ޙައްޤު ލިބިދިނުމުގެ ވެރިޔަކަށެއްް ނުވެވޭނެއެވެ.

އަންނާންއޮތް ދުވަސް މިއަދު ދެކެގެންފި މީހަކީ ކާމިޔާބުވެއްޖެ މީހެކެވެ. އެދުވަސް މާދަމާ ދެކޭންހުންނަ މީހަކަށް އޮތްހައިވެސް ނިމުމަކީ އަބަދަށްޓަކައި ގެއްލެނިވެ އަލިފާނުގެ ޢަޛާބުގެ ރަހަ ލިބިލިބިހުރުމެވެ.

********

* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން