ހުޅުމާލެ ފޭސް ދޭއްގައި ހަދާފައިވާ ވަގުތީ މިސްކިތަށް 600 މީހުންގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް ދޭއްގައި ހަދާފައިވާ ވަގުތީ ދެވަނަ މިސްކިތް، "މަސްޖިދް އުޘްމާން ބިން ޢައްފާން" މިސްކިތަށް އިތުރުކުރާ ބައި މިއަންނަ ރަމަޟާންމަހަށް ނިންމުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގުޅިގެން ކުރިއަށް ގެންދާކަމަށެވެ.

މި މަސައްކަތުގެ ދަށުން އެ މިސްކިތަށް 600 މީހުންގެ ޖާގަ އިތުރު ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. މި މަސައްކަތް ނިމުމުން އަންހެނުން ނަމާދުކުރުމަށް ބޭނުންކުރާ ބައިގެ ޖާގަވެސް އިތުރުވެގެން ދާނެއެވެ.

01 އެޕްރީލް 2022 ގައި ހުޅުވި މި މިސްކިތަކީ ހުކުރުނަމާދުވެސް ކުރެވޭގޮތަށް ބިނާކޮށްފައިވާ އަދި އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މިސްކިތެކެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ އެ މިސްކިތުގެ މަސައްކަތް ހިނގަމުންދާގޮތް އިއްޔެ ބައްލަވާ ލައްވަފައެވެ.



ކިޔުންތެރިންގެ ހިޔާލު