އެއްވެސް ގައުމަކުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ހައްޔަރުކޮށްފިނަމަ ރަޝިޔާގެ އޮތްހާ މިސައިލަކާއި ބޮމެއް އެ ގައުމަށް އަޅާ ހުސްކޮށްލާނެކަމަށް އެ ގައުމުގެ ކުރީގެ ރައީސް އަދި ރަޝިޔާގެ ސަލާމަތީ ކަންކަމާބެހޭ ކައުންސިލުގެ ޑެޕިއުޓީ ސެކްރެޓަރީ ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއްޖެއެވެ.

ޕޫޓިންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ މަޑުމައިތިރި މެޑްވެޑޭވްގެ ވަރުގަދަ އިންޒާރުތަކެެއް ޖަރުމަންވިލާތަށް އަމާޒުކުރީ ޕުޓިން ހައްޔަރުކުރުމަށް ހުޅަނގުގެ ކޮންޓްރޯލް އޮންނަ އައިސީސީން ނެރުނު އަމުރު ތަންފީޒުކުރާނެކަމަށް ޖަރުމަނުވިލާތުގެ ޖަސްޓިސް މިނިސްޓަރު މިދިޔަ ހަފްތާގައި ވިދާޅުވުމުންނެވެ.

ޖަރުމަންވިލާތުގެ ޖަސްޓިސް މިނިސްްޓަރ ވިދާޅުވެފައިވަނީ ޕުޓިން ޖަރުމަނަށް ވަޑައިގެންފިނަމަ އޭނާ ހައްޔަރުކުރަން އައިސީސީން ނެރެފައިވާ އަމުރާއި އެއްގޮތަށް އޭނާ ހައްޔަރުކުރާނެކަމަށެވެ.

ޖަރުމަނުގެ މިނިސްޓަރުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެޑްވެޑޭވް ވިދާޅުވީ ޕުޓިން ހައްޔަރުކޮށްފިނަމަ އެވެގެންދާނީ ހަނގުރާމަ އިއުލާންކުރުން ކަމަށެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ ރަޝިޔާއިން ޖަރުމަންވިލާތަށް ހަމާލާދޭނޭކަމަށްވެސް މެޑްވެޑޭވް ވިދާޅުވިއެވެ.

"ހިނގާ ވިސްނާލަމާ ނިއުކްލިއަރ ބާރެއްގެ ވެރިޔަކު ޖަރުމަނަށް ވަޑައިގަތުމުން ހައްޔަރުކުރުމުން ވާނެ ގޮތަކަށް. ރަޝިޔާއިން ބަލާނީ އެއީ ހަނގުރާމައިގެ އަމަލެއްކަމަށް. އެހާހިސާބުން ރަޝިޔާގެ ހުރިހާ މިސައިލްތަކާއި ހަތިޔާރުތަކެއް އަމާޒުވާނީ ޖަރުމަނުގެ ވެރިންގެ އޮފީސްތަކާއި ގާނޫނުގެ ހަދާ މަޖިލީހަށް." ޕުޓިންނަށް އެންމެ ވަފާތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ މެޑްވެޑޭވް ވިދާޅުވިއެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅޭގޮތުން ޕުޓިން ވިދާޅުވީ ޔޫކްރެއިންއަކީ ރަޝިޔާގެ ބައެއްކަމަށާއި ނަމަވެސް މިއޮތް ހުރިހާ ބަޔަކު ހަދަޢިގެން އުޅޭ ބޯޑަރުތަކަކަށް ރަޝިޔާއިން އިހުތިރާމް ކޮށްގެން ތިބީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ސަބަބުންކަމަށްވެސް މެޑްވެޑޭވް ވިދާޅުވިއެވެ.

ނެދަލޭންޑްސްގެ ހޭގްގައި ހުންނަ އދގެ ދަށުން ހިންގާ އައިސީސީން ރަޝިޔާގެ ރައީސް ހައްޔަރުކުރަން އަމުރު ނެރުމާއި ގުޅިގެން މެޑްވެޑޭވް ވަނީ އެ ކޯޓަށްވެސް ބޮން އެޅުމަކީ އެކަށީގެންވާ ކަމެއްކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑަށް މިހާރުވެސް އެބަ ސިފަކުރެވޭ ނޯތު ސީގައި އޮންނަ ރަޝިޔާގެ އަސްކަރީ މަނަވަރަކުން ފޮނުވާލާ ހައިޕަރ ސޮނިކް މިސައިލެއް އައިސީސީގެ ކޯޓަށް ފޮނުވާލާ މަންޒަރު." މެޑްވެޑޭވް ވިދާޅުވިއެވެ.

އައިސީސީއާއި ހުޅަނގަށް ވަރުގަދަ އިންޒާރުތަކެެއް މެޑްވެޑޭވް ދީފައިވާއިރު ރަޝިޔާއިން މިހާރު ވަނީ ޕުޓިންއާ ދެކޮޅަށް އަމުރު ނެރުނު ފަނޑިޔާރާއި ޕްރޮސެކިއުޓަރާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށާފައެވެ.

އައި.ސީ.ސީން ޕުޓިން ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ، ޔޫކްރެއިނުގެ ކުޑަކުދިންތަކެއް، އެ ކުދިންނާއި، އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި، ރަޝިޔާއަށް ގެންދިޔުމުގެ ކުށުގައެވެ. އެއީ، ހަނގުރާމައިގެ ކުށެއްގެ ގޮތުގައި އައި.ސީ.ސީން ސިފަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން