ހޮންޑޫރަސްއިން ވަނީ ދަހަރުތަކެއް ވާންދެން ޓައިވާނާއެކީ ދެމިއޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި، ޗައިނާއާއެކު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް މަގުފަހިކޮށްފައެވެ.

ހޮނިހިރު ދުވަހު ޓްވިޓަރުގައި ނެރުނު ބަޔާނެއްގައި ހޮންޑޫރަސްގެ ޚާރިޖީ ވުޒާރާއިން ބުނީ ދުނިޔޭގައި އޮންނަނީ ހޮންޑޫރަސް ސަރުކާރުން ގަބޫލުކުރާ އެންމެ ޗައިނާއެއް ކަމަށެވެ. އަދި މުޅި ޗައިނާ ތަމްސީލުކުރާ ޞައްޙަ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރުކަމަށާއި ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓައިވާނާއެކު އޮތް ގުޅުން ކަނޑާލުމަށް ނިންމާފައިވާކަން މިހާރު ޓައިވާނަށް އަންގާފައިވާ ކަމަށާއި، އިތުރަށް ޓައިވާނާއެކު ގުޅުން ގާއިމުނުކުރާނެކަމަށާއި އަދި ރަސްމީ އެއްވެސް މުއާމަލާތެއް ނުކުރާނެކަމަށް ހޮންޑޫރަސްގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

ހޮންޑޫރަސްއިން ޓައިވާނާ ގުޅުން ކަނޑާލުމާއެކު މިހާރު ޓައިވާން ބަލައިގަންނަ ގައުމުތަކުގެ ޢަދަދު ވަނީ 13 އަށް ވެއްޓިފައެވެ.

1949 ވަނަ އަހަރު ދާޚިލީ ހަނގުރާމައިގެ ތެރޭގައި ދެފަރާތުން ވަކިވި ފަހުން ޗައިނާ އާއި ޓައިވާނުން ވަނީ ޑިޕްލޮމެޓިކް ގޮތުން ގަބޫލުކުރުމުގެ ހަނގުރާމައެއްގައި ތަޅުމަޅުއެޅުވިފައެވެ. ޗައިނާއިން އަންނަނީ އެ ގައުމުގެ "އެންމެ ޗައިނާއެއް" ގެ ސިޔާސަތު ދުނިޔޭގެ ގައުމުތަކުން ގަބުލުކުރޭތޯ ބިލިއަމުން ފައިސާ ހޭދަކުރަމުންނެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ ދައުލަތްތަކާއި އެކީ ޑިޕްލޮމެޓިކް ގުޅުންތައް ބޭއްވުމުގެ ހައްގު ލިބިގެންނުވާ، އެ ގައުމުގެ މަޑުލު (ޕްރޮވިންސް) ތަކުގެ ތެރެއިން މަޑުލެކެވެ. އެހެންނަމަވެސް މިއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބުކޮށްފައިވާ ޓައިވާނުގެ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫނެވެ.

މިދިޔަ ހަފްތާގައި ހޮންޑޫރަސްގެ ޚާރިޖީ ވަޒީރު ޗައިނާއަށް ވަޑައިގެން އެގައުމާ ގުޅުން ގާއިމުކުރުމުގެ މަސައްކަތް ފެށި ހިސާބުން ހޮންޑޫރަސް އާއި ޓައިވާނުގެ ގުޅުން ނިމުމަކަށް އަންނާނެ ކަމަށް އައީ ބެލެވެމުންނެވެ. ހޮންޑޫރަސްގެ ރައީސް ޒިއޮމާރާ ކާސްޓްރޯ ވަނީ، އެކަމަނާގެ ސަރުކާރުން ޗައިނާއާ ގުޅުން ގާއިމްކުރާނެކަމަށް ވިދާޅުވެފައެވެ.

ޓައިވާންއާ ގުޅުން ކަނޑާލުމާ ގުޅޭ ގޮތުން ހޮންޑޫރަސްއިން ކުރި އިއުލާނާ ގުޅިގެން އަދި މިހާތަނަށް ޗައިނާއިން އެއްވެސް އެއްޗެއް ބުނެފައި ނުވިޔަސް، ހޮންޑޫރަސްއާ އެކު ގުޅުން ގާއިމްކުރުމަށް ތައްޔާރަށް އޮތް ކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާއިން ވަނީ ބުނެފައެވެ.

ރޮއިޓަރސް ނޫސް އެޖެންސީން ޚަބަރުދޭ ގޮތުގައި ހޮނިހިރު ދުވަހުގެ އިއުލާނަށް ފަހު މާގިނައިރުތަކެއް ނުވެ ޓައިވާންގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ވުޒާރާގެ އެތެރެއިން ހޮންޑޫރަސްގެ ދިދަ ނެރެފައެވެ.

ޓައިޕެއިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓައިވާންގެ ޚާރިޖީ ވަޒީރު ޖޯސެފް ވޫ ވަނީ ހޮންޑޫރަސްއިން އެގައުމާ ގުޅުން ކަނޑާލިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެކަމާ ގުޅިގެން ހޮންޑޫރަސްގައި ހުންނަ ޓައިވާންގެ އެމްބަސީ ބަންދުކޮށް، ސަފީރު އަނބުރާ ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ޚާރިޖީ ވަޒީރު ވޫގެ ވާހަކައިގައި މިދިޔަ އަހަރުގެ ކުރީކޮޅު ކާސްޓްރޯގެ ސަރުކާރުން ވެރިކަމަށް އައިފަހުން ޗައިނާކޮޅަށް ޖެހެމުން ދިޔަކަން އެނގިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަނާގެ ސަރުކާރަށް އިޤްތިޞާދީ ގޮތުން އެހީތެރިވުމަށްޓަކައި ޓައިވާނުން އެތައް ބިލިއަން ޑޮލަރެއް ހޯދުމަށް އެދިފައިވާ ކަމަށާއި، އަދި ޗައިނާއިން ދޭ މިފަދަ އެހީތަކާއި ޓައިވާނުން ދޭ މިފަދަ އެހީތައް އަޅައިކިޔައި ހަދަމުން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

ހޮންޑޫރަސްއަކީ، މެއި 2016 ގައި ޓައިވާންގެ ރައީސް ޗައި އިންގް-ވެން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޓައިވާނާ ގުޅުން ކަނޑާލައި ޗައިނާއާ ގުޅުނު ނުވަ ވަނަ ގައުމެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން އަދިވެސް ޓައިވާނާ ޑިޕްލޮމެޓިކް ގުޅުން އޮތް ގައުމުތަކަކީ ބެލީޒްއާއި ޕެރެގުއާއީ އާއި ގުއަޓެމާލާއެވެ. އޭގެ އިތުރުން އެގައުމާ ޑިޕްލޮމެޓިކް ގުޅުން އޮތް އެހެނިހެން ގައުމުތަކުގެ ތެރޭގައި ވެޓިކަން ސިޓީއާއި، ކެރީބިއަންއާއި ޕެސިފިކްގެ ޖަޒީރާ ގައުމުތަކަކާއި އެފްރިކާގެ ދެކުނުގައި އޮންނަ އެސްވަތީނީ (ކުރީގެ ސްވާޒިލޭންޑް) ހިމެނެއެވެ.

ޓައިވާން އެކަހެރިކޮށްލުމަށްޓަކައި ޗައިނާއިން ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަ ކަމުގައި ވިޔަސް ޓައިވާނާ ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމާ ނުރަސްމީ ގުޅުންތައް ވަރުގަދައަށް އޮވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ގައުމަކީ އެމެރިކާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން