ޞާދިރު ޢަލީދީދީ   27 މާރިޗު 2023 - 13:8
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ މުޙަންމަދުގެފާނުގެ ނަބީކަމުގެ މުއްދަތު ތޭވީސް އަހަރަށް ދެމިއޮތެވެ.
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ މުޙަންމަދުގެފާނުގެ ނަބީކަމުގެ މުއްދަތު ތޭވީސް އަހަރަށް ދެމިއޮތެވެ.
ނަމޫނާ ޝަޚްޞިއްޔަތު

.

އިސްލާމްދީނުގެ ނަބިއްޔާ محمد صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 571 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ޢަރަބިކަރައިގައެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތީ މިލާދީން 632 ވަނަ އަހަރުގެ ޖޫން މަހުގެ 08 ވަނަ ދުވަހުއެވެ. އެކަލޭގެފާނަކީ ދުޅަހެއިފުޅުކަމާއި ހަށިކޮޅުގެ ބާރުފުޅު ނިހާޔަތަށް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ތުއްޕުޅު އިރުއްސުރެ އެކަލޭގެފާނު ދެކޭ މީހުންނަށް" ان له‍ذا الغلام لشأنا " އެވެ ބުނަންޖެއެވެ. ބޮޑުފުޅުވުމުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ވަކީން ބޮޑަށް ފާޅުވެގެން ހިނގައްޖެއެވެ. އެކަލޭގެފާނު ދެކޭމީހުން އެކަލޭގެފާނު ދެކެ ޖެހިލުންވެއެވެ. ހަމައެއާއެކު އެކަލޭގެފާނުގެ މަޑުމައިތިރި ފޮނި ބަސްފުޅުތަކުގެ ސަބަބުން އިރުކޮޅަކުވެސް އެކަލޭގެފާނުގެ އަރިހުގައި އުޅެފި މީހަކު ނަމަ އެކަލޭގެފާނު ދެކެ ލޯބިވާން ފަށައެވެ. ކެތްތެެރިކަމާއި ތެދުވެރިކަމާއި ކަންތައްތައް ފުރިހަމަޔަށް ވިސްނިވަޑައިގަތުމާއި ރީތި ޚުލުޤުފުޅުތައް އެންމެ މަތީ ދަރަޖައަށް އެކަލޭގެފާނުގެ ގައިކޮޅުގައި އެކުލެވިފައިވެއެވެ. ޚުލާޞާކޮށް ދަންނަވާނަމަ އެކަލޭގެފާނަކީ ނަފްސިއްޔާތުގެ އިޞްޠިލާޙްގައި ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ޝަޚްޞިއްޔަތެއް (BALANCE PERSONALITY) ކަމުގައި ބުނެވޭ އިންސާނީ މަތިވެރި ސިފަތަކުގެ އެންމެ މަތިވެރި ނަމޫނާއެކެވެ.

ދާއޫދު ބިން ޙަޞީން ބަޔާން ކުރައްވާފައިވެއެވެ. ޢަރަބިކަރައިގެ މީހުންގެ މެދުގައި ޢާއްމުގޮތެއްގައި ވާހަކަ ދެކެވޭތީ އިވިފައިވާ ގޮތުގައި محمد بن عبدالله ބޮޑުފުޅުވެ ޒުވާން ޢުމުރުފުޅަށް އެޅުނީ އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ޤައުމުގެ އެންމެ އަޚްލާޤުރީތި، އެންމެ ބޮޑަށް އަވަށްޓެރީންގެ ޙާލުބައްލަވާ، އެންމެ ކެތްތެރި، އެންމެ ކޯފާ މަތަކުރައްވާ، އެންމެ ތެދުވެރި، އެންމެ އަމާނާތްތެރި، އަރާރުމާއި ދެކޮޅުވެރިކަމާ އެންމެ ދުރިހެލި، ތާކުންތާކު ނުޖެހޭ ހަޑިހުތުރު ވާހަކަތައް އެންމެ ނުދައްކަވާ، މީހުންނަށް އެންމެ އެއްޗެހި ވިދާޅުނުވާ ބޭފުޅަކު ކަމުގައި ހިމެނިވަޑައިގަތުމުގެ ޝަރަފްލިބިވަޑައިގެން ހުންނަވައެވެ. މިކަމަށްޓަކައި އެކަލޭގެފާނުގެ ޤައުމު އެކަލޭގެފާނުގެ ނަންފުޅަކީ "އަލްއަމީން" ކަމުގައި ކަނޑައެޅިއެވެ. (ޚަޞާއިޞް ކުބްރާ: ޖިލްދު 1 ޞަފްޙާ 91)

ފަންސަވީސް އަހަރުގެ ޢުމުރުފުޅުގައި އެކަލޭގެފާނު މީހަކާ ކައިވެނި ބައްލަވައި ގެންނެވިހިނދު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބު އެކައިވެނިފުޅުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

"ހަމަކަށަވަރުން އަހުރެންގެ އަޚް عبدالله ގެ ދަރިކަލުން محمدގެފާނު އެހެން އެއްވެސް ފިރިހެނަކާ އަޅައި ބަލައިފުނަމަ އެކަލޭގެފާނުގެ ބުއްދިވެރިކަމުގެ ގޮތުންނާއި ޝަރަފުވެރިކަމުގެ ގޮތުން، ނަޞަބުގެ ގޮތުންނާއި ޤަދަރުވެރިކަމުގެ ގޮތުން މާބޮޑަށް ރަނގަޅުވާނެއެވެ. މާތް ރަސްކަލާގެ ގަންދީ ހުވައިކުރަމެވެ. އެކަލޭގެފާނުގެ މުސްތަޤްބަލަކީ ވަރަށް ބާއްޖަވެރި މުސްތަަޤުބަލެކެވެ. އަދި އެކަލޭގެފާނުގެ ދަރަޖަ މަތިވެރިވާނެެއެވެ."

ابو طالب ގެފާނުގެ ވާހަކަފުޅުގައި މިޢިބާރާތްތައް ބޭނުންކުރައްވާފައިވަނީ ފަހުގެ ތާރީޚު އެބަސްފުޅުތަކުގެ ތެދުކަން ސާބިތުކޮށްދިން މާނައެއްގައެއް ނޫނެވެ. އެކަލޭގެފާނު މިވާހަކަފުޅު ދެއްކެވީ މުޅީންވެސް ދުނިޔަވީ މާނައިގައެވެ. އާދެ! އެކަލޭގެފާނުގެ މުޠުލަބަކީ محمد بن عبدالله ގެ ކިބައިގައި ވާފަދަ މަތިވެރި ޝަޚްޞިއްޔަތަކާއެކު ފިޠުރަތުން އުފައްދަވާ މީހުން ކޮންމެވެސް ގޮތަކުން ޤައުމުގެ ތެރެއިން ޢިއްޒަތްތެރި މަޤާމު ހޯދާ ވާހަކައެވެ. ދުނިޔޭގެ ބާޒާރުގައި އެބައިމީހުންގެ ޝަޚްޞިއްޔަތަށް ބޮޑެތި އަގުތައް ލިބޭ ވާހަކައެވެ. އެފަދަ ޝަޚްޞިއްޔަތެއްގެ މަތިވެރި ޤާބިލިއްޔަތަކީ އެމީހެއްގެ ތަރައްޤީއާއި ކާމިޔާބުގެ ވަރުގަދަ ގަރަންޓީއެއްކަމެވެ.

ޝައްކެއްނެތްގޮތުގައި އިސްލާމްދީނުގެ ނަބިއްޔާއަށް އެހުރިހާކަމެއް ހޯއްދެވެން އޮތެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ޤާބިއްޔަތަށް ވަރަށް ބޮޑެތި ދުންޔަވީ އަގުތައް ހޯއްދެވެން އޮތެވެ. އެކަލޭގެފާނު ދުނިޔެއަށް ވަޑައިގަތީ މައްކާގެ މާތް ޢާއިލާއަކުންނެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތްޕުޅުން ވާރުތަޔަށް ލިބިވަޑައިގަތީ އެންމެ ޚާދިމަކާއި އެންމެ ޖަމަލެއްކަމުގައި ވިޔަސް އެކަލޭގެފާނަށް އުފެއްދެވުމުގައި ލިބިވަޑައިގެންފައިވާ މަތިވެރި ސިފަފުޅުތައް މައްކާގެ އެންމެ މުއްސަނދި އަންހެން ސާހިބާގެ ހިތްޕުޅު މިލްކުކުރެެއްވިއެވެ. ފަންސަވީސް އަހަރުގެ ޢުމުރުފުޅުގައި އެކަމަނާއާ އެކަލޭގެފާނުގެ ކައިވެނިފުޅު ކުރެއްވުނެވެ. އެކަމަނާއަކީ ވިޔަފާރިވެރި ޢާއިލާއެއްގެ ހުވަފަތް އަންހެން ބޭކަނބަލެކެވެ. އެކަލޭގެފާނަށް އެކަމަނާގެ ފަރާތްޕުޅުން ލިބިވަޑައިގަތީ ހަމައެކަނި މުދަލާއި ފައިސާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޢަރަބިކަރައާއި ޢަރަބިކަރައިގެ ބޭރުން ވިޔަފާރިކުރެއްވުމުގެ ތަނަވަސް މައިދާނެއްވެސް ލިބިވަޑައިގަތެވެ. އެކަލޭގެފާނަށް، ހަމަޖެހޭ ކާމިޔާބު ދިރިއުޅުއްވުމެއް އާރާސްތު ކުރެއްވުމުގެ ހުރިހާ ފުރުޞަތުތަކެއް ލިބިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު އެހުރިހާ އެއްޗެއް ދޫކޮށްކައްވާފައި ޚިޔާރުކުރެއްވީ، އެކަލޭގެފާނު ރަނގަޅަށް ދެނެވަޑައިގެން ހުންނަވައި އެނބުރިވަޑައިގަތީ ހަމައެކަނި ދުނިޔޭގެ ނަޒަރުން ބަލާއިރު ހަލާކާ ދިމާޔަށް ގެންދާ މަގަކަށެވެ. ޚަދީޔަތުގެފާނާ ކާވެނި ބައްލަވައިގަތުމުގެ ކުރީގައި އެކަލޭގެފާނު އާމްދަނީ ހޯއްދެވުމަށްވެސް ހިސާބަކަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އެކާވެނިފުޅަށްފަހު އެމަސައްކަތްޕުޅުވެސް ހުއްޓަވާލެއްވިއެވެ. އެކަލޭގެފާނު މުޅިން މަސްޣޫލުވެވަޑައިގަތީ ތުއްޕުޅުއިރުއްސުރެ އެކަލޭގެފާނު އެއެއްޗެއް ހޯއްދަވަން އުޅުއްވާ އެއްޗެއް ހޯއްދެވުމަށެވެ. އެއީ ތެދުވެތި ދީނެވެ. އެކަލޭގެފާނު އެތަކެއް ގަޑިއިރު އުޑާއި ބިމާމެދު ފިކުރުފުޅު ކުރައްވަން އިންނަވައެވެ. މައްކާގެ އަޝްރާފުންނާ ގުޅުން ބަދަހިކުރެއްވުމަށާއި، އެބައިމީހުންގެ މެދުގައި އެކަލޭގެފާނުގެ ދަރަޖަ މަތިވެރި ކުރައްވަން އުޅުއްވުމުގެ ބަދަލުގައި އެކަލޭގެފާނު ހެއްދެވިގޮތަކީ ފަރުބަދަތަކާއި ސަހަރާ އެކަލޭގެފާނުގެ އެކުވެރީން ކަމުގައި ލެއްވީ އެވެ.

މައްކާއާ ތިންމޭލު ދުރުގައި ފަރުބަދަތަކުގެ ސިލްސިލާއެއް ހުރެއެވެ. އޭގެތެރެއިން ފަރުބަދައެއްގައި ހޮހޮޅައެއް ހުރެއެވެ. އެތަނުގެ ނަމަކީ ޙިރާއެވެ. އެކަލޭގެފާނު ހިކިކަދުރާއި ފެނާ ހިއްޕަވައިގެން އެތަނަށް ވަޑައިގަންނަވަ އެވެ. ފަރުބަދައިގެ ހަމަހިމޭން މާޙައުލުގައި އިންނަވައި ޙަޔާތުގެ ޙަޤީޤަތުގެ މައްޗަށް ފިކުރުފުޅު ހިންގަވައެވެ. ބިމާއި އުޑުހެއްދެވި ފަރާތަށް ދުޢާފުޅު ކުރައްވައެވެ. "އަޅުހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަސްކަންފުޅު މިއަޅާއަށް ފާޅުކޮށް ދެއްވައިފާނދޭވެ. ތެދުވެރި ދީނަކީ ކޮބައިކަން މިއަޅާއަށް އަންގަވައިދެއްވައިފާނދޭވެ!"

ފެނާއިކަދުރު ހުސްވުމުން އެނބުރި ގެއަށް ވަޑައިގަންނަވައެވެ. އަލުން އެތަކެތި ހިއްޕަވައިގެން ޤުދުރަތުގެ އެމާޙައުލަށް އެނބުރިވަޑައިގަތުމަށްޓަކައެވެ. ސަހަރާއާއި ގަސްގަހާގެހީގެ މާޙައުލެވެ. ފަރުބަދަތަކާއި އުޑުގެ ހިމޭންކަމުން ފުރިގެންވާ ފަޒާގެ މާޙައުލެވެ. އެކަލޭގެފާނު ޝައުޤުވެރި ޠަބީޢަތަށް އިންސާނީ އަރާރުންތަކުގެ ތެރެއިން އެކަލޭގެފާނުގެ ސުވާލުގެ ޖަވާބު ލިބިވަޑައެއް ނުގަތެވެ. އެހާތަނުން ފެށިގެން އެކަލޭގެފާނުގެ އެކުވެރިޔަކަށް ހިއްޕަވައިފައިވަނީ ޤުދްރަތުގެ ހަމަހިމޭން ދުނިޔެއެވެ. އެދުނިޔެ އެކަލޭގެފާނުގެ ސުވާލުތަކަށް ޖަވާބެއް އަރުވާނެ ކަމުގެ އުއްމީދުގައެވެ.

ޒުވާންކަމުގެ ފުރިހަމަ ބާރުލިބިފައިވާ މީހަކަށް މިކަހަލަ ދިރިއުޅުމަކީ އެއްވެސް ޙާލެއްގައި އާދައިގެ ދިރިއުޅުމެއް ނޫނެވެ. މިއީ އުފާވެރިކަމުގެ މަގު ދޫކޮށްލައިފައި ހިތާމައިގެ މަގު ޚިޔާރުކުރުމެވެ. އަނބިކަނބަލުންނާއި ބޭފުޅުންނާއެކު އަރާމުގައި ދިރިއުޅުއްވުމާއި، ވިޔަފާރި ތަރައްޤީކުރެއްވުމާއި، ސޮސައިޓީއިން މަތިވެތި މަޤާމެއް ހޯއްދެވުމާއި މިހުރިހާ ކަމެއްގެ މަގު އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުޅުވިފައި އޮތެވެ. ނަމަވެސް އެކަލޭގެފާނުގެ ޙައްޤު ހޯއްދެވުމަށްޓަކައި ބޭޤަރާރުވެފައިވާ މިޒާޖުފުޅު އެތަކެތި ޤަބޫލުފުޅު ކުރައްވަން އޮތީ ތައްޔާރަކަށް ނޫނެވެ. ޙަޔާތުގެ ސިއްރު އެނގިވަޑައިގަތުމުގެ ކުރިން އެތަކެތީގެ އެއްވެސް އަގެއް އެކަލޭގެފާނުގެ އަރިހަކު ނެތެވެ. އެކަލޭގެފާނު އެނގިވަޑައިގަތުން ބޭނުންފުޅުވެ ވަޑައިގަތީ މިފެންނަ ތަކެއްޗަށްވުރެ މަތިވެރިފަރާތެއްވާނަމަ އެއީ ކޮންފަރާތެއްކަމެވެ. ފައިދާއާއި ގެއްލުމާއި އަރާމައި ތުރާލުގެ އިޞްޠިލާޙުން ވިސްނައިވަޑައިގަތުމުގެ ބަދަލުގައި އެކަލޭގެފާނު މަޝްޣޫލުވެވަޑައިގަތީ ޙައްޤަކީ ކޮބައިތޯ ބާޠިލަކީ ކޮބައިތޯ މިސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށެވެ.

އިސްލާމްދީނުގެ ނަބިއްޔަގެ ޙަޔާތްޕުޅުގެ މިދައުރަކީ މާތް ޤުރްއާނުގައި ސިފަކުރައްވާ ގޮތުގައި އެކަލޭގެފާނު ޖާހިލިއްޔަތުގެ ހަނަފަސް ސަހަރާގައި އެކަނިހުރި ގަހެއް ފަދައިން ހުންނެވި ދުވަސްވަރެވެ. އެކަލޭގެފާނު ޙިޔާރުކުރައްވާނެ ތެދުމަގަކީ ކޮބައިކަން އޮޅުންފިލައިވަޑައިނުގަތުމުގެ ހިތާމަފުޅުގައި ސަހަރާތަކާއި ފަރުބަދަތަކުގައި ހިންގެވި ދުވަސްވަރެވެ. ދުނިޔޭގައި ޢާއްމުވެފައިއޮތް މަސްރަޙުން އެކަލޭގެފާނަށް ޖާގަ ހޯދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ބަދަލުގައި ޙައިރާންފުޅުވެ ފިކުރުފުޅު ބޮޑުވެފައިވާ ޙާލުކޮޅުގައި އެހެންމީހުންނާ ވަކިވެވަޑައިގެން އުޅުއްވި ދުވަސްވަރެވެ.



އާދޭހެވެ! އެވަގުތު ތެދުމަގު ފިޔަވައި އެހެން އެއްވެސް އެއްޗެއް އެކަލޭގެފާނުގެ ރޫޙުފުޅަށް އަރާމެއް ލިބިވަޑައިގަތުމުގެ ޒަރީޢާއެއް ކަމަކަށް ނުވިއެވެ. އެންމެފަހުން ޙައްޤު ހޯއްދެވުމަށް އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ބޭޤަރާރުކަން ދިރިއުޅުއްވުމަކީ އެކަލޭގެފާނަށް ބޮޑު ބަރެއް ކަމުގައި ހަދައިފިއެވެ. އެކަލޭގެފާނުގެ ހިތްވަރުފުޅު ދެރަކުރަން ފަށައިފިއެވެ.

އެވަގުތު ﷲ ގެ ރަޙްމަތްފުޅު އެކަލޭގެފާނަށް ކުރިމަތި ވެއްޖެއެވެ. އަލިވެގެންވާ ތެދުމަގުގެ ދޮރު އެކަލޭގެފާނަށްޓަކައި ހުޅުވައިލެވިއްޖެއެވެ. ް12 ފެބްރުއަރީ 610 ގައި އެކަލޭގެފާނު ޙިރާގައި ގިނިކަންޏާ އިންނަވަނިކޮށް މާތް ރަސްކަލާނގެ މަލާއިކަތާ ޖިބްރީލްގެފާނު އިންސާނެއްގެ ސިފައިގައި އެކަލޭގެފާނުގެ ކުރިފުޅުމަތިން ފާޅުވެއްޖެއެވެ. އެމަލާއިކަތާ މާތް ﷲ ފޮނުއްވި ކަލިމަފުޅުތައް އާދެ! ކީރިތި ޤުރްއާނުގެ 96 ވަނަ ސޫރަތުގެ ކުރީކޮޅުގައިވާ ކަލިމަތައް އެކަލޭގެފާނަށް ދަސްފުޅުކޮށް އެރުއްވިއެވެ. އެކަލޭގެފާނުގެ ހޯއްދެވުންތައް އެންމެފަހުން އެކަލޭގެފާނުގެ ހިތްޕުޅުގައިވާ ސުވާލުތަކުގެ ޖަވާބު ހޯއްދަވައިފިއެވެ.

އިސްލާމްދީނުގެ ނަބިއްޔާގެ ބޭޤަރާރުވެފައިވާ ރޫޙުފުޅާ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ރަސްކަންފުޅާ ގުޅުން އުފެދިއްޖެއެވެ. އަދި ކީއްތޯއެވެ؟ އެކަލާނގެ ޚާއްޞަ ރަސޫލެއްގެ ޙައިޘިއްޔަތުންވެސް އެކަލޭގެފާނު ހޮއްވެވީއެވެ. އެކަލޭގެފާނަށް އެކަލާނގެ ކަލާމްފުޅު ބާއްވައިލައްވަން ފެއްޓެވީއެވެ. އެކަލޭގެފާނުގެ ނަބީކަމުގެ މުއްދަތު ތޭވީސް އަހަރަށް ދެމިއޮތެވެ. އެމުއްދަތުގެ ތެރޭގައި މާތް ﷲ ގެ ފޮތް، ކީރިތި ޤްރުއާން އެކަލޭގެފާނަށް ފުރިހަމައަށް ބާއްވައިލެއްވިއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން