މަރަކީ ވަގުތު ކަނޑައެޅިފައިވާ ކަމެއްކަމަށާއި އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހޭކަމަށް ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނު ވިދާޅުވެއްޖެއެވެ.

ޑރ. ޢަބްދުއްސައްތާރު މިމޭރުމުން ވިދާޅުވީ "މަރާއި މަރުހިއްޕެވުން" މި މައުޟޫޢަށް އާދިއްތަ ދުވަހުގެ ރޭ އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. އެގޮތުން ޑރ. ސައްތާރު ވިދާޅުވީ، ކިތަންމެ ވަރަކަށް ރައްކާތެރިވެގެން ތިބިކަމުގައިވިޔަސް މަރާއި ކުރިމަތިވާނެ ކަމަށެވެ.

ޑރ. ޢަބްދުއްސައްތާރު ވަނީ، އިންސާނުން ދުނިޔެއަށް އަންނަ ގޮތަށް ބައްލަވައި، ދިރުމާއި މަރާއި ދެމެދުގައި އިންސާނާއަށް ދިމާވާ ކަންތައްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އިންސާނާ މަރުވާ ވަގުތު ގޯސްކޮށް އުޅުނު އިންސާނާ، އޭނާ އަލުން ދުނިޔެއަށް ފޮނުއްވުމަށް އެދޭނެކަމަށާއި، އެހެންނަމަވެސް ހެޔޮ ޢަމަލުކުރި އިންސާނާ މަރާ ބައްދަލުކުރާނީ ލުއި، ފަސޭހަކަމާއެކުކަމަށް ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

މަރުވާ ހިނދު އިންސާނާ ތަޙައްމަލްކުރަންޖެހޭ ތަކުލީފުތަކަށް ބައްލަވަމުން ޑރ. ޢަބްދުއްސައްތާރު ވިދާޅުވީ ދަރަންޏަކީ އިންސާނާއަށް ސުވަރުގެ ނުވަދެވޭ ސަބަބެއް ކަމަށެވެ. އެހެންކަމުން ދުނިޔޭގައި އުޅޭއިރު މާތްﷲ އަންގަވާފައިވާގޮތަށް ޢަމަލުތައްކުރުމަށް ޑރ ޢަބްދުއްސައްތާރު ވަނީ އިލްތިމާސްކުރައްވާފައެވެ. ޚާއްސަކޮށް ދޫރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި މައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން މި ފޯރަމްގައި އައްޝައިޚް ފައްޔާޒް އަލީމަނިކު ވަނީ މަރަކީ އެކަމާމެދު ވިސްނިއަސް އަދި ނުވިސްނިއަސް އަޅުގަނޑުމެންނާ ކުރިމަތިވާނެކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މަރުވާނެކަމާމެދު އެއްވެސް ބަޔަކު ދެބަސް ނުވާކަމަށާއި ދެބަސްވަނީ މަރުވުމަށްފަހު ވާނީ ކިހިނެއްކަމާ މެދުގައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އެގޮތުން މަރުވާއިރު އިންސާނާއަށް ކަންކަން ކުރިމަތިވާގޮތާއި މަރުވުމަށްފަހު ދިމާވާ ކަންކަމަށް ވަރަށް ތަފްސީލުކޮށް ޤުރުއާނާއި ޙަދީޘުން މިސާލު ނަންގަވައި މި ފޯރަމްގައި ފައްޔާޒް ކިޔައިދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން