އިންޑިއާގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ރާހުލް ގާންދީ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ވަކިކުރި މައްސަލައިގައި ކުރަމުން އައި މުޒާހަރާތައް ފުޅާކޮށް މުޅި ގައުމުގައި މުޒާހަރާތައް ބާއްވަން ނިންމައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން އިދިކޮޅު އިސް ލީޑަރު ރާހުލް ގާންދީ ވަކިކޮށްފައި ވަނީ ރާހުލް ގާންދީގެ މައްޗަށް ޖިނާއީ އަބުރުގެ މައްސަލައެއްގައި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެންނެވެ.

ރާހުލް ގާންދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވައި އޭނާގެ ނަންފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރަށްވައި ވާހަކަ ދެއްކެވިކަން ސާބިތުވުމުންނެވެ. ރާހުލް މެމްބަރު ކަމުން ވަކިކޮށް މަޖިލީހުގެ ދަށުގޭގެ އޮފީހުން މި އަމުރު ނެރެފައިވަނީ ގުޖުރާތު ސްޓޭޓްގެ ލޯކަލް ކޯޓުން ކުރި ހުކުމަކުން އޭނާގެ މައްޗަށް ކުށް ސާބިތުވިތާ އެއް ދުވަސް ފަހުންނެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން ރާހުލް ގާންދީ ވަކިކުރުމާއެކު އެ އަމަލަކީ ސިޔާސީ ގޮތުން ކުރިއަށް ގެންދިޔަ ދަށުދަރަޖައިގެ އަމަލެއް ކަމަށް ބުނެ ކޮންގްރެސް އިން ވަނީ މިހާރުގެ ބޮޑުވަޒީރު ނިސްބަތްވާ ޕާޓީއަށް ފާޑުކިޔާފަ އެވެ. އަދި މިކަމާއި ދެކޮޅަށް އާދީއްތަ ދުވަހު ފެށި މުޒާހަރާތައް މިއަދުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިމުޒާހަރާތައް މުޅި އިންޑިއާގައި ކުރިއަށް ގެންދިއުމަށް ކޮންގްރެސް ޕާޓީއިން ރާވާފައިވާއިރު، އިންޑިއާގެ ހިމާޗަލް ޕްރަދޭޝް، ރާޖަސްތާން، ޓެލަންގަނާ، ޕަންޖާބު، ހަރިޔާނާ އަދި ގުޖުރާތު ސްޓޭޓްތަކުގައި ވެސް ކޮންގްރެސްގެ އެއްވުންތައް މިހާތަނަށް ވަނީ ބާއްވާފައެވެ.

މީގެއިތުރުން ދިއްލީގައި ހުންނަ ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި ބޭއްވި މުޒާހަރާތަކުގައި އިދިކޮޅު ޕާޓީތަކުގެ ގިނަ ލީޑަރުން ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. މުޒާހަރާގައި ބައިވެރިވަމުންދާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް މިއަދު ހާޒިރުވެފައިވަނީ ކަޅުހެދުމުގައެވެ. މެމްބަރުން ވަނީ މަޖިލީހުގެ އެތެރޭގައި ވެސް މުޒާހަރާ ކުރުމުގެ ގޮތުން އަޑުއުފުލާ މަޖިލީހުގެ ބައެއް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ.

ރާހުލް ގާންދީއަށް ޖަލު ހުކުމެއް އިއްވާފައި ވާނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ކަފާލާތުގެ ދަށުން 30 ދުވަސް ވަންދެން ދޫކޮށްލާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ރާހުލް ގާންދީގެ ވަކީލުން ވިދާޅުވެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން