ޞާދިރު ޢަލީދީދީ   28 މާރިޗު 2023 - 22:44
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

އިސްލާމްދީނުގެ ނަބިއްޔާ އެކަލޭގެފާނުގެ ބުރަ މަސައްކަތްޕުޅުން ފުރިފައިވާ ޙަޔާތްޕުގެ ސާޅީސް ވަނަ އަހަރު ޙައްޤު ދީނަކީ ކޮބައިކަން ހޯއްދަވައިފިއެވެ. ނަމަވެސް އެއީ އެކަލޭގެފާނަށް ކުރެއްވުނު މާފަސޭހަ "ވިޔަފާރިއެއް" ނޫނެވެ. އެ ތެދުމަގުގެ މަޠުލަބަކީ އާދަމުގެ ދަރީންވަނީ މަތިވެރި ކަލެއްގެ ކުޅަދުންވަންތަކަމުގެ ދަށުގައިކަން އެނގިވަޑައިގަތުމެވެ. އެއީ ތިމާގެ ނުކުޅެދުމުގެ ކުރިމަތީގައި މާތްރަސްކަލާނގެ މަތިވެރިވަންތަކަން އެނގިވަޑައިގަތުމެވެ. ﷲ ވޮޑިގެންވާކަން ސާބިތުވެ އެނގިވަޑައިގަތުމާ ގުޅިގެން އިންސާނާގެ އަމިއްލަ ނަފުސުގެ ޙަޤީޤަތެއް ނެތްކަން އެނގިވަޑައިގަތުމެވެ. އެއީ ދުނިޔޭގައި މުއުމިނު އަޅެއްގެ އޮތީ ހުސް މަސްއޫލިއްޔަތުތަކެއް ކަމާއި ދުނިޔޭގައި އޭނާއަށް ލިބެންވާ އެއްވެސް ޙައްޤެއް ނެތްކަމުގެ ސިއްރު އޮޅުންފިލައިވަޑައިގަތުމެވެ.

އިސްވެ ދެންނެވި ޙަޤީޤަތް އެނގިވަޑައިގަތުމަށްފަހު އިސްލާމްދީނުގެ ނަބިއްޔާގެ އަރިހުގައި ޙަޔާތުގެ މާނައަކީ ކޮބައިތޯއެވެ؟ އެކަން ވަޒަން ކުރުމަށްޓަކައި މިތާނގައި މިނަކަލު ކޮށްލަނީ އެކަލޭގެފާނުގެ އެންމެ ޙަދީޘްފުޅެކެވެ. އާދޭހެވެ! އެކަލޭގެފާނު އެއްފަހަހަރަކު ވިދާޅުވެފައިވެއެވެ.

"އަހުރެންގެ ވެރިރަސްކަލާނގެ އަހުރެންނަށް 9 ކަމަކަށް އަމުރުކުރެއްވިއެވެ.

ސިއްރުގައްޔާއި ފާޅުގައި ﷲ އަށް ބިރުވެތިވުން، އަދި ރުޅިއަންނަ ހިދުގައި، ރުހިގެންވާ ޙާލު ޢަދުލުވެރި ބަސް ބުނުމަށާއި، މުއްސަނދި ކަމުގައްޔާއި ފަޤީރުކަމުގައި މެދުމިނަށް ކަންތައްތައް ބަހައްޓައި ޚަރަދުކުރުމަށާއި، އަހުރެންނާ ގުޅުން ކަނޑައިފި މީހަކާ ގުޅުން ބެހެއްޓުމަށާއި، އަދި އަހުރެންނަށް ޤަޞްދުގައި އެއްޗެއް ނުދޭ މީހަކަށް އެއްޗެހި ދިނުމަށާއި، އަހުރެންނަށް އަނިޔާކުރި މީހަކަށް ޢަފޫކުރުމަށާއި، އަދި އަހުރެން އެއްޗެއް ނުބުނެ ހަނު ހުންނަވަގުތު ފިކުރުކުރުމަށާއި، ވާހަކަ ދައްކާހިނދު ﷲ ހަނދާންކުރުމަށް، އަދި އަހުރެން ބަލާބެލުން ޢިބްރަތެއް ކަމުގައި ހެދުމަށް." (ރަވާހު: ޒައްރީން)

މިއީ ހަމައެކަނި ތަޤްރީރެއްގެ ނުވަތަ ޢާއްމު ވާހަކަފުޅެއްގެ ޢިބާރާތްތަކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ ޚުދް އެކަލޭގެފާނުގެ ޙަޔާތްޕުޅެވެ. ލަފްޒުތަކެއް ތައްގަނޑަކަށް ފެތިފައި ވަނީއެވެ. މިފަދަ ޙައިރާންވާފަދަ އަސަރުހުރި ޖުމްލަތަކެއް މިހާމަތިވެރި ދަރަޖައަކަށް ފޯރައިފައިވާ ވާހަކަތަކެއް އާދައިގެ އިންސާނެއްގެ ދުލަކުން ބޭރެއް ނުކުރެވޭނެއެވެ. މިލަފްޒުތައް އަމިއްލައަށް މިލަފުޒުތަކުގެ ބޭނުންކުރި މީހާގެ މަޤާމު ބަޔާންކޮށްދެއެވެ. އެމީހާގެ އެތެރޭގެ ޙަޤީޤަތް ނެރެ ދައްކައިދެއެވެ. ލަފްޒުތަމުގެ މޫނުބަލާ ލޯގަނޑަކުން އެމީހާގެ ރޫޙު ފާޅުކޮށްދެއެވެ.

އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅަކީ ޙަޤީޤަތުގައި ނަބީކަން ލިބިވަޑައިގަތުމުގެ ކުރީގައިވެސް މިކަހަލަ ޙަޔާތްޕުޅެކެވެ. ނަމަވެސް އޭރު އެެއީ މުޅިންވެސް އެކަލޭގެފާނުގެ ފިޠުރަތުގައި ލައްވައިފައިވާ ގޮތްކޮޅެވެ. ނަމަވެސް ޙަޤީޤަތް އެނގިވަޑައިގަތުމުން އެކަމަށް ޝުޢޫރުގެ ދަރަޖަ ލިބިދީފިއެވެ. އެހާތަނަށް ޠަބަޢީގޮތުން އެކަލޭގެފާނުގެ ފަރާތްޕުޅުން ފާޅުވަމުންދިޔަ ކަންތައްތައް، ވިސްނައިވަޑައިގަތް ފިކުރުފުޅު ހިންގަވައިގެން ކުރައްވާ ކަންތައްތަކަށް ވެއްޖެއެވެ. މިއީ އެކަލާގެ އަޅުންގެ ދުންޔަވީ ބޭނުންތައް ނިހާޔަތަށް ކުޑަވެ ކިރިޔާ ބޭނުންވާވަރަށް ހިފެހެއްޓޭ މަޤާމެވެ. އާދަމުގެ ދަރިޔާގެ ދިރިއުޅުން އާއްމު އިންސާނުންނާ ތަފާތުވާ ހިސާބެވެ. މިހިސާބަށް ދިޔުމުން އޭނާގެ ޖިސްމު މިފެންނަ ދުނިޔެވީ ކަމަކު، ނަފްސާނީ ގޮތުން އޭނާ މުޅިން އެހެން ދުނިޔެއެްގައި ދިރިއުޅެންފަށައެވެ.

އެއްރިވާޔަތެއްގައި ވާގޮތުން އިސްލާމްދީނުގެ ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. " ކޮންމެ ހެޔޮވިސްނޭ ބުއްދިވެރިއެއްގެ މައްޗަށް ލާޒިމްވެގެންވަނީ ވަގުތު ބަހާލައިގެން ކަންތައްތައް ކުރުމެވެ. ﷲ ހަނދުމަކޮށް ދުޢާކުރާނެ ވަގުތެވެ. އަދި ތިމާގެ އަމިއްލަ ނަފްސުން ކުރާކަންތައް ކުރަނީ ރަނގަޅަށްތޯ ބަލާނެ ވަގުތެވެ. އަދި ﷲ ހައްދަވާފައިވާ ތަކެއްޗާމެދު ފިކުރުކުރާނެ ވަގުތެވެ. އަދި ތިމާގެ ކެއުމާއި ބުއިމާއި ދުނިޔެވީ ކަންތައްތަކަށް މަސައްކަތް ކުރާނެ ވަގުތެވެ."

އާދޭހެވެ! މިބަސްފުޅުން ސިފަކުރެވޭ، ﷲ ގެ ވަފާތެރި އަޅަކީ އޭނާގެ ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައި އޭނާގެ ބޭޤަރާރުކަން ﷲ އާ ކުއްތަންވުމުގައި ﷲ އަށް މުނާޖާ ދެންނެވޭ ހިސާބަށް ބައެއްފަހަރު ހޭދަކޮށްލެވޭ މީހާއެވެ. ހިސާބު ބައްލަވާ ދުވަހުގެ ބިރުވެރިކަން ބައެއްފަހަރަށް އޭނާގެ ހިތަށް ވެރިވެގެން ދުނިޔޭގައި އަމިއްލައަށް ހިސާބުކުރަން ފަށައިގަނެވޭ މިންވަރަށްދާ މީހާއެވެ. ކާއިނާތުގެ ތެރޭގައި އެކުލެވިގެންވާ ﷲ ގެ ކުޅަދުންވަންތަކަމުގެ ޢަޖާއިބުތައް ފެނި އޭގެތެރެއިން ބައެއްފަހަރަށް އޭނާއަށް ޚާލިޤުވަންތަ ފަރާތް ފެނިގެންދާކަހަލަ ސިފަޔަކަށް ގެއްލިގެންދާ މީހާއެވެ. މިގޮތުން ﷲ އާ ގުޅި ބައްދަލުވުން، އާދެ! އުފެއްދެވި ސާހިބުވަންތަ ފަރާތާ ގުޅުން، ކާއިނާތުގެ ތެރޭގައި ހިމެނޭ ތަކެއްޗާ ގުޅުން އޭނާގެ ޙަޔާތުގެ ވަގުތުތަކުގެ ތެރޭގައި ހޭދަކުރެވެމުންދާ މީހާއެވެ. ހަމައެއާއެކު ކޮންމެހެން ބޭނުންވަރަށް ކެއިންބުއިންފަދަ ކަންތައްތަކަށްވެސް ތިމާ ހުސްވެގަންނަ މީހާއެވެ.

މިލަފުޒުތަކަކީ ދުރުގައިވާ އެހެން ކޮންމެވެސް އިންސާނެއްގެ ތަޢާރަފެއް ނޫނެވެ. އެބަސްފުޅުތަކުގައި މުޚާޠަބު އެކުރަނީ ޚުދު އިސްލާމްދީނުގެ ނިބިއްޔާގެ އަމިއްލަފުޅު ޝަޚްޞިއްޔަތެވެ. އެބަސްފުޅުން އެނގެނީ އެކަލޭގެފާނުގެ ބޭރުފުށުގެ ހަށިކޮޅުގެތެރޭގައިވާ އީމާންތެރި ރޫޙުފުޅެވެ. އެރޫޙުފުޅުގައި ކޮންމެ ހިނދުކޮޅަކުމެ އުފެދެމުންދަނީ ކޮންކަހަލަ ޠޫފާނެެއްކަމެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ވޭތިވަމުންދަނީ ކޮންކަހަލަ "ގަޑިތަކެއް" ގެ ތެރޭގައިކަމެވެ. ޙަޤީޤަތަކީ މިދެންނެވި ގޮތަށް ވަގުތުތައް ބޭނުންކުރުމުގެ ތަޖްރިބާ ނުކުރާ މީހަކަށް ފަހަރެއްގައިވެސް އެފަދަ މަތިވެރި ލަފުޒުތަކަކުން އެވާހަކަ ބަޔާނެއް ނުކުރެވޭނެއެވެ. މިއީ އެޙާލަތުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެކެވަޑައިގެންފައިވާ ރޫޙުފުޅެއްގެ ބަސްފުޅެވެ. ލަފުޒުތަކެއްގެ ޒަރީޢާއިން އެހެން މީހުންނަށް ބަޔާންކޮށްދެއްވުމެވެ.

އިސްލާމްދީނުގެ ނަބިއްޔާއަށް މާތް ﷲ ގެ ވަޙީ ލިބިވަޑައިގަތުމުގެ ކުރީން އެކަލޭގެފާނުގެ އަރިހުގައި މިދުނިޔެ ހިމެނިފައިވަނީ އެއްވެސް މާނައެއްނެތް ތަނެއްގެ ގޮތުގައެވެ. މިދުނިޔޭގައި އިންސާނުންގެ ދާއިރާގެ ހަނިކަމާއި ދުނިޔެ އުނިކަމުގެ ސަބަބުންނެވެ. ނަމަވެސް ﷲ އެކަލޭގެފާނަށް މިދުނިޔެ ފިޔަވައި އެހެން ދުނިޔެއެއްވާ ކަމުގެ ޙަޤީޤަތް އެންގެވިހިނދު، އެދުނިޔެއަކީ އަބަދަށް ދެމިތިބެވޭ ފުރިހަމަ ދުނިޔެއެއްކަމާއި، އިންސާނާގެ އަޞްލު މަންޒިލަކީ އެއީކަން އެނގިވަޑައިގެންނެވިހިނދު އެކަލޭގެފާނުގެ އަރިހުގައި ޙަޔާތާއި ކާއިނާތަކީ މަޤްޞަދެއް އޮތް އެއްޗެއް ކަމުގައި ހިމެނިއްޖެއެވެ. އެކަލޭގެފާނަށް ދިރިއުޅުއްވޭފަދަ ޙަޔާތުގެ ޝަރަޙައެއް ލިބިވަޑައިގެންފިއެވެ. އެއީ އެކަލޭގެފާނަށް ހިތްފުޅު ހަމަޖެހިވަޑައިގަތުމާއެކު އުޅުއްވޭފަދަ ޝަރަޙައެކެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ޙަޔާތްޕުޅު އެޙަޤީޤީ ދުނިޔެއެއްގެ އުފާވެރި އުންމީދުގެ މައްޗަށް ބިނާކުރައްވައި ރޭއްވެވޭފަދަ ދުނިޔެއެއް ފެނިވަޑައިގެންފިއެވެ.

"ދުނިޔެއަކީ އާޚިރަތުގެ ދަނޑުބިމެވެ." މިބަސްފުޅުގެ މާނައަކީ މިއީއެވެ. މިއިޙްސާސްގެ މައްޗަށް ބިނާކުރެވޭ ދިރިއުޅުމަށް މިޒަމާނުގެ ޢިބާރާތުން "އާޚިރަތަށް އަމާޒުކުރެވިފައިވާ ޙަޔާތޭ" ދެންނެވިދާނެއެވެ. އެފަދަ ދިރިއުޅުމެއް ހޭދަކުރާ މީހުން އެބައިމީހުންގެ ޙަޔާތާމެދު ބަލާ ބެލުމުގެ ނަތީޖާއެއްގެ ގޮތުން ތިމާމެންގެ އަޞްލު މަޤްޞަދެއްކަމުގައި އާޚިރަތް ބަލާން ފަށައެވެ. އެފަދަ މީހުންނަށް ތިމާމެންގެ އަބަދަށް ދިރިތިބުމުގެ ގޮވައްޗަކީ މިދުނިޔެއެއް ނޫންކަން އެނގެއެވެ. މިއީ ހަމައެކަނި ހުރަސްކޮށްލަންޖެހޭ މަގެއްކަން އެނގެއެވެ. އާޚިރަތުގެ މުސްތަޤުބަލަށް ތައްޔާރުވުމުގެ ފުރަތަމަ ހަރުފަތްކަން އެނގެއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން