މުޢުމިނެއްގެ އީމާންކަމުގެ ގަހަނާ ޒީނަތްތެރިވެ ފުރިހަމަ ވާހުށީ ވުޟޫގައި މުބާލަޣާކޮށް ފުރިހަމަ ކުރި މިންވަރަކުންނެވެ.
މުޢުމިނެއްގެ އީމާންކަމުގެ ގަހަނާ ޒީނަތްތެރިވެ ފުރިހަމަ ވާހުށީ ވުޟޫގައި މުބާލަޣާކޮށް ފުރިހަމަ ކުރި މިންވަރަކުންނެވެ.
ވުޟޫކުރުމުގައި މުބާލަޣާކުރުމަކީ ވުޟޫކުރުމުގައި ފަރުވާތެރިވުމެވެ. އެއީ ވުޟޫކުރާއިރު، ވިހާވެސް ފަރުވާތެރިކަމާއެކު އެއްގުނަން އަނެއް ގުނަނަށް ފުރިހަމައަށް ތަރުތީބުކޮށް ވުޟޫކުރުމެވެ.

މުޢުމިނެއްގެ އީމާންކަމުގެ ގަހަނާ ޒީނަތްތެރިވެ ފުރިހަމަ ވާހުށީ ވުޟޫގައި މުބާލަޣާކޮށް ފުރިހަމަ ކުރި މިންވަރަކުންނެވެ.

އިމާމު މުސްލިމް ރިވާކުރައްވާފައިވެއެވެ. އެއްފަހަރެއްގައި ޢުޘްމާނު ރަޟިޔަ ﷲ ޢަންހު ވުޟޫކުރެއްވިއެވެ. އަދި ވުޟޫކުރެއްވުމުގައި ފަރުވާތެރިކަމާއެކު މުބާލަޣާކުރައްވައި ފުރިހަމަކޮށް ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ވުޟޫ މިކުރެެއްވިގޮތަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވުޟޫކުރެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. މިގޮތަށް ފުރިހަމަކޮށް ވުޟޫކޮށްފި މީހާގެ ހަށިގަނޑުގެ ގުނަންތަކުންނާއި އިނގިލިތަކުގެ ނިޔަފަތިތަކުގެ ދަށުން އޭނާގެ ފާފަތައް ނިކުމެގެން ފޮހެވިގެން ދާނެއެވެ. އަދި އޭނާގެ ނަމާދާއި، ނަމާދަށްޓަކައި އޭނާ މިސްކިތަށް ދާދިއުން ވެގެންދާހުށީ ޘަވާބުގެ ގޮތުން ކުރެވޭ އިތުރު ޢަމަލެއް ކަމުގައެވެ.

އެއްދުވަހަކު ޢަބްދު ﷲ ބުނި ޒައިދު މީސްތަކުންނާއެކު އިށީނދެވަޑައިގެން އިންނެވިއެވެ. އެހިނދު އެތަނުން މީހަކުއައިސް ދެންނެވިއެވެ. ރަސޫލާ، محمد رسول اللهﷺ ވުޟޫކުރެއްވީ ކިހިނަކުންކަން ތިމަންނައަށް ވިދާޅުވެ ދެއްވަފާނަންތޯއެވެ؟ ޒައިދުގެފާނު ވިދާޅުވިއެވެ. އާނ ބުނެދީފާނަމެވެ. ދެން އެތަނަށް ފެން ކަންވާރެއް ގެނައުމަށް އެންގުމުން، އަވަހަށް ފެންކަންވާރެއް ގެނެވުނެވެ. އެކަލޭގެފާނު ކަންވާރުން ފެންނަންގަވައިގެން ވުޟޫ ކުރައްވަން ފައްޓަވައިފިއެވެ. އެވަގުތު އެމީހާ އެކަލޭގެފާނަށް ބަލަހައްޓައިގެން ކޮޅަށް ހުއްޓެވެ.

ޒައިދުގެފާނު އަތްގޮށިކޮޅުން ކަންވާރުން ފެން ނަންގަވައިގެން އެންމެ ފުރަތަމަ ތިންފަހަރުމަތިން ދެއަތްތިލަފުޅު ދޮންނެވިއެވެ. ދެން ތިންފަހަރުމަތިން ނޭފަތްޕުޅަށް ފެންފޮދުލައްވަވާ، ކޯފުޅު ދޮންނެވިއެވެ. އެއަށްފަހު މޫނުފުޅު ތިންފަހަރުމަތިން ދޮންނެވިއެވެ. ދެން އުޅަނބޮށި ކަށްޓަށްވުރެން މައްޗަށް ކަނާއަތްޕުޅު ދޮންނެވިއެވެ. މިކަމުގައިވެސް ތިންތިންފަށް ކުރެއްވިއެވެ. ދެން ހަމަ އެފަދައިން ވާއަތްޕުޅުވެސް ތިންފަހަރުމަތީން ދޮންނެވިއެވެ. އެއަށްފަހު މުޅި އިސްތަށިފުޅުގައި ދެކަންފަތުގައި ފެން ފުއްސެވިއެވެ. އިސްތަށިފުޅުގެ ކުރިމަތިން ފައްޓަވައިގެން ފުއްކިބަފުޅާ ހަމައަށް ގެންދެވުމަށްފަހު، ފުއްކިބަފުޅުން ފެށިގެން އިސްތަށިފުޅުގެ ކުރީކޮޅާ ހަމައަށް ދެއަތްޕުޅު ގެންދެވިއެވެ. ދެން އެއަށްފަހު ކަނާއަތްޕުޅުގެ ފައިންޕުޅު ފައިދަނޑީގެ ބަޔަކާއެކު ދޮންނެވިއެވެ. މިކަމުގައިވެސް ތިންތިންފަތް ކުރެއްވިއެވެ. އެއަށްފަހު އެފަދައިން ވާއަތްޕުޅުގެ ފައިންޕުޅުވެސް ތިންފަހަރުމަތިން ދޮންނެވިއެވެ. ދެން ޒައިދުގެފާނު އެމީހާއާ މުޚާޠަބުކޮށް ވިދާޅުވިއެވެ. ރަސޫލާ، محمد رسول اللهﷺ ވުޟޫކުރައްވަނީ މިފަދައިންނެވެ. (މާލިކު- ޝާފިޢީ - އަޙްމަދު - ބުޚާރީ - މުސްކިމް)

* އިރުޝާދު:

1- އިމާމު މުސްލިމު ޙަޟްރަތު އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ ޚަލީލު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި އަޑު ތިމަން އެއްސެވީމެވެ. މުޢުމިނެއްގެ އީމާންކަމުގެ ގަހަނާ ޒީނަތްތެރިވެ ފުރިހަމަ ވާހުށީ ވުޟޫގައި މުބާލަޣާކޮށް ފުރިހަމަ ކުރި މިންވަރަކުންނެވެ.

2- ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. ތިޔައިން މީހަކު ވުޟޫކުރުމުގައި ފަރުވާތެރިކަމާއެކު ވުޟޫ ފުރިހަމަކުރުމަށްފަހު، ވުޟޫ ދުޢާ ކިޔައިފި ނަމަ، އެމީހާ ބޭނުން ދޮރުކޮޅަކުން ވަނުމަށްޓަކާ ސުވަރުގޭގެ އަށްދޮރުކޮޅު ހުޅުވާލެވޭނެއެވެ. (މުސްލިމު- ތިރުމިޛީ)

3- އެއްދުވަހަކު ރަސޫލާ، محمدﷺ ވުޟޫކުރެއްވިއެވެ. ދެން މިފަދައިން ޙަދީޘްކުރެއްވިއެވެ. ތިމަންރަސޫލާގެ މިވުޟޫއާ އެއްގޮތަށް ވުޟޫކޮށް، އެއަށްފަހު (ދުނިޔަވީ) ދުނިޔަވީ ވާހަކައެއް ދެއްކުމަކާނުލައި ދެރަކްޢަތް ނަމާދުކޮށްފި މީހެއްގެ އިސްވެގޮސްފައިވާ (ކުދި) ހުރިހާ ފާފަތަށް މާތް ﷲ ފުއްސަވާނެތެވެ. (ބުޚާރީ - މުސްލިމް- ތިރުމިދީ)

4. ބޮލުގައި ފެންފުހުމުގައި ތިންތިންފަށް ކުޅައުމަކީ ސުންނަތެކެވެ. އިމާމު މުސްލިމު ޢުޘްމާނުގެފާނުގެ ކިބައިން ރަސޫލާ، محمدﷺ ވުޟޫކުރެއްވުމުގައި ތިންތިންފަށް ކުރައްވާ ކަމުގައި ރިވާކުރައްވާފައިވެއެވެ. އަދިވެސް އިމާމު އަބޫދާއޫދު ޢުޘްމާނުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވުޟޫކުރެއްވި އިރު އިސްތަށިފުޅުގައި ތިންފަހަރު މަތިން ފެންފުއްސެވިއެވެ. އަދި ވިދާޅުވިއެވެ. މިގޮތަށް ރަސޫލާ ވުޟޫކުރެެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.

5. ބޮލުގައި ފެންފުހުމުގައި އެއްފަހަރު ފުހުމުން ފުދިދާނެއެވެ. އެއީ އިތުރު އެކަކޭގެފާނުގެ އަރިހުން އެގިތޮތްވެސް ސާބިތުވާތީއެވެ. އިމާމު ނަވަވީ އަލްމަޖްމޫޢުގައި ބަޔާންކުރައްވާފައިވެއެވެ. ބޯތަލަވުމުގެ ސަބަބުން، ތިމާގެ ބޮލުގައި އިސްތަށި ނެތް މީހާއަށް ނުވަތަ ބޯބާލާފައިވާ މީހާއަށް މޮޅުގޮތަކީ އެއްފަހަރު ފެންފޮހެލުމެވެ. ނަމަވެސް ބޮލުގައި އިސްތަށިގަދަ މީހާއަށް އައުލާކަން ބޮޑީ ތިންތިންފަށް ކުޅައުމެވެ.

6. ބޮލުގައި ފެންފުހުމަށްފަހު ދެކަންފަތުގެ އެތެރޭފުށުގައްޔާއި ބޭރުފުށުގައި ފެން ފުހުމަކީ ސުންނަތެކެވެ. މިކަން މިގޮތަށް ރަސޫލާ، محمدﷺ ކުރައްވާ ކަމުގައި އިމާމު އަޙްމަދާއި އަބޫދާއޫދާޢި ތިރުމިޛީއާއި ނަސާއީ ރިވާކުރައްވާފައި ވެއެވެ. ކަންފަތުގައި ފެންފުހޭއިރު މޮޅުގޮތަކީ ބޮލުގައި ފެންފުހުމަށްފަހު އާފެނެއް ނަގައިގެން ކަންފަތުގައި ފުހުމެވެ. ޒައިދުގެފާނުގެ އަރިހުން އިމާމު ބައިހަޤީ އާއި ނަވަވީ ޞައްޙަ ސަނަދުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ރަސޫލާ، محمد ﷺ ވުޟޫގައި އިސްތަށިފުޅުގައި ފެންފުއްސެވުމަށްފަހު އެނޫން ފެނަކުން ދެކަންފަތްޕުޅުގައި ފެންފުއްސެވިތަން ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ.

އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. ވުޟޫކުރުމުގައި މޮޅުގޮތަކީ ބޮލާއި ކަންފަތާއި ދެގުނަނަށްޓަކާ، ވަކިވަކި ފެންނެގުމެވެ. ބޮލަށް ބޭނުން ކޮށްފައިވާ ފެން އެބަހީ ފެން މުސްތަޢްމަލް ވުމަށްފަހު އަނެއްގުނަނުގައި ބޭނުން ނުކުރުމެވެ. ނަމަވެސް ބޮލާއެކު ކަންފަތުގައި ފެންފުހިދާނެ ގޮތެއް އޮވެއެވެ. އެއީ ބޮލުގައި ފުހޭއިރު ތިމާގެ އަތުގެ ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލި ބޮލުގައި ނުޖައްސައި ބަހައްޓާފައި ދެން އެދެއިނގިލިން ކަންފަތުގައި ފެން ފުހުމެވެ. އެއިރުން ދެގުނަނުގައިވެސް ބޭނުންކުރެވުނު ފެން ބެލެވޭނީ އައުފެން ކަމަށެވެ. (އަލްމަޖްމޫޢު)

******

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން