ކަންގަނާ ރަނައުޓް އަދި ޕްރިޔަންކާ ޗޯޕްރާ.
ކަންގަނާ ރަނައުޓް އަދި ޕްރިޔަންކާ ޗޯޕްރާ.
ބޮލީވުޑް އަދި ހޮލީވުޑުގައިވެސް ފާހަގަކޮށްލެވޭ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ބޮލީވުޑް ކެރިއަރ ހަލާކުކޮށްލީ، ހިންދީ ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރުކަމަށް ކަންގަނާ ތުހުމަތުކޮށްފިއެވެ.

ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުޓް، ކަރަން ޖޯހަރުގެ މައްޗަށް މިފަދަ ތުހުމަތެއް ކޮށްފައިވަނީ ބޮލީވުޑް ދޫކޮށް އެމެރިކާގެ ޕްރޮޖެކްޓްތަކުގެ އެހީގައި ހޮލީވުޑްގެ މަސައްކަތްތަކުގެ ތެރެއަށް ވަނުމާއި ބެހޭގޮތުން ޕްރިޔަންކާ ދިން އިންޓަރވިއު އަކާއި ގުޅިގެންނެވެ.

ބޮލީވުޑް ދޫކޮށް ހޮލީވުޑަށް ދިއުމާއި ބެހޭގޮތުން ޕްރިޔަންކާ ބުނީ ބޮލީވުޑް ދޫކޮށްލީ، ބޮލީވުޑުގެ ގިނަ ބަޔަކާއި ގުޅުން ކެނޑި، މަސައްކަތްވެސް ނުލިބި، އިންޑަސްޓްރީން ބާކީކޮށް ބޭރުކޮށްލާފައި ހުރުމުގެ އިހުސާސް ވާން ފެށުމުން ކަމަށެވެ.

މިކަމާއި ގުޅިގެން ޕްރިޔަންކާ ދިފާއު ކުރަމުން ކަންގަނާ ވަނީ ޕްރިޔަންކާ އާއި ޝާހްރުކް ޚާނާއި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި ދެކޮޅުވި ކަރަން ޖޯހަރާއި އޭނާގެ ގާތް މީހުން ޕްރިޔަންކާ އާއި ދެކޮޅަށް ތެދުވެ، ޕްރިޔަންކާއަށް ބޮލީވުޑުގެ ޕްރޮޖެކްޓުތައް ނުލިބޭނެހެން ހުރަސް އެޅިކަމަށް ބުނެ ކަރަން ޖޯހަރަށް އެތައް ތުހުމަތެއް ކޮށް ޓްވީޓްކޮށްފައެވެ. އަދި ކަރަން ޖޯހަރުގެ ޕީއާރް ޓީމުގެ އެދުމުގެ މަތިން މީޑިއާ އިން މިވާހަކަތައް ގެނެސް ދޭން ފެށުމާއިއެކު، ބޮލީވުޑުގެ ގިނަބަޔަކު ޕްރިޔަންކާއަށް ފުރައްސާރަކޮށް އިންޑަސްްޓްރީން ބާކީ ކުރިކަމަށްވެސް ކަންގަނާ ބުނެފައިވެއެވެ. އެގޮތުން ކަރަން ޖޯހަރުގެ ހަޑިހުތުރު، ހަސަދަވެރި މިއަމަލަށް އޭނާ ޖަވާބު ދާރީ ވާން ޖެހޭނެކަމަށްވެސް ކަންގަނާ ކުރި ޓްވީޓްތަކުގައި ފާހަގަކުރިއެވެ.

ކަންގަނާގެ ޓްވީޓްތަކާއި އެކު ސޯޝަލް މީޑިއާގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އެގޮތުން އެއްބަޔަކު ވަނީ ކަންގަނާ ކަރަން ޖޯހަރުގެ މައްޗަށް ކުރަމުންދިޔަ ތުހުމަތުތައް ގަބޫލުކުރަން އުނދަގޫކަމަށް ފާހަގަކޮށް، ކަރަން ޖޯހަރުގެ ޓޯކް ޝޯވް، ކޮފީ ވިތު ކަރަންގެ 7 ޝޯވްގެ ތެރެއިން ހަ ޝޯއެއްގައި ޕްރިޔަންކާ ފެނިގެން ދިޔަ ކަމަށް ބުނެ ކަރަން ދިފާއުކޮށްފައެވެ.

ބޮލީވުޑް ދޫކޮށްލުމާއި ބެހޭގޮތުން ޕްރިޔަންކާ ޗޯޕްރާ ދިން އިންޓަވިއުގައި ވަކި މީހަކަށް ތުހުމަތެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް އިންޑަސްޓްރީގެ ސިޔާސީ ކަންކަމަށް ވަނުމަށްވުރެއް، އެމެރިކާއިން ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވެގަތް ވާހަކަ ޕްރިޔަންކާ ފާހަގަކުރިއެވެ.

އެގޮތުން ޕްރިޔަންކާ އެންމެ ފުރަތަމަ ހޮލީވުޑުން ފެނިގެން ދިޔައީ ލަވަކިޔުންތެރިއެއްގެ ގޮތުގައެވެ. އެއަށްފަހު އޭނާ ދެން ފެނިގެންދިޔައީ ޓީވީ ސީރީޒް ކުއަންޓިކޯއިންނެވެ.

ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގައި ކާމިޔާބު ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މީހެކެވެ. އެގޮތުން ފާހަގަކޮށްލެވެ އޭނާގެ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި، "ބޭވޮޗް"، އަދި "ދަ މެޓްރިކްސް ރިސަރެކްޝަންސް" ހިމެނެއެވެ. ޕްރިޔަންކާގެ ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި މިއަހަރު ރިލީޒް ކުރާ އިނގިރޭސި ފިލްމު "ލަވް އަގެއިން" އަދި ސްޕައި ޑްރާމާ ޓީވީ ސީރީޒް "ސިޓަޑެލް" ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން