މިދިޔަ 3 އަހަރުގެ ތެރޭގައި ޒަކާތު ފަންޑުން ބޭސްފަރުވާގެ ހިދުމަތްތަކަށް 35 މިލިއަންރުފިޔާ ހޭދަކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒާހިރު މިމޭރުމުން ވިދާޅުވީ ސިއްހީ ދާއިރާގެ ބޭނުންތަކަށާއި ބޭސްފަރުވާއަށް ދާންބޭނުންވާ ފަރާތްތަކަށް ޒަކާތު ފަންޑުން ހަރަދުކުރާކަމަށާއި، އެގޮތުން ވޭތުވެދިޔަ 3 އަހަރު މިކަމަށް ޚަރަދު ކުރެވުނު މިންވަރެއް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މެމްބަރު އިބްރާހިމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފަރާތްތަކަށް ހަރަދުކުރަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަމަށާއި، 2020 ވަނަ އަހަރު 6 މިލިއަނަށްވުރެ ގިނަ ރުފިޔާ އަދި 2021 ވަނަ އަހަރު 7 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭސްފަރުވާއަށް ހަރަދުކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ޒަކާތުގެ ފައިސާ ބެހުމަށް އަމުރު ކުރައްވާފައިވަނީ އަށް ބަޔަށްކަމަށާއި އޭގެ ބޭރުން އެ ފަންޑުން ފައިސާ ޚަރަދުކޮށްފައި ނުވާނެކަމަށެވެ.

އެގޮތުން ޒަކާތުގެ ފައިސާ ބަހާ އަށް ބަޔަކީ، ފަޤީރުންނާއި، މިސްކީނުންނާއި، އާމިލުންނާއި، މުއައްލިފަތު ގުލޫބުހުމް އަދި ދަރަނިވެރިންނާއި، އިބުނުއްސަބީލުގެ އިތުރުން އަޅުން މިނިވަން ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުންވެސް ޒަކާތު ފަންޑު ބޭނުން ކުރަނީ ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށްވެސް ދަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން