މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެގޮތުން މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ. އޭގެއިތުރުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށާއި، ސައިޓުގައި މިހާރު ކުރިއަށްދަނީ ހާބަރ ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 33،888 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުމާއި، 6،254 އަކަ މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 89 މީޓަރު ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 497 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި، 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުމަށް ހަމަޖެހިފައިވެއެވެ.

އޭގެއިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިން ބޮއެ ހަރުކުރުމުގެ މަަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމްޓިސީސީ އާއި މި މަޝްރޫއު ހަވާލު ކޮށްފައިވަނީ 61.8 މިލިއަން ރުފިޔާއަށް 18 މަސްދުވަހުން ނިންމާގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން