ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާ އަދި ސިޔާސީ މަޝްރަހުން ފާހަގަކޮށްލެވޭ ރާގަވް ޗައްޑާ.
ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާ އަދި ސިޔާސީ މަޝްރަހުން ފާހަގަކޮށްލެވޭ ރާގަވް ޗައްޑާ.
ބޮލީވުޑްގެ ފަންނާނުންގެ ކައިވެނީގެ ހަބަރަކީ ގިނަ ބަޔަކު އެކަމެއްގެ މައުލޫމާތު އެންމެ ހޯދަން ބޭނުންވާ އެއްކަމެވެ. ކައިވެނި ޕާޓީއަށް ލާ ހެދުންތަކާއި، ކައިވެނި ޕާޓީ ބާއްވާ ތަންތަނާއި، ޕާޓީއަށް ހާޒިރުވާ މީހުންނާއި، ޕާޓީއަށް ކުރާ ހަރަދީ ގިނަ ފޭނުން ކަޅި އަޅާ މައުލޫމާތުތަކެވެ.

އެގޮތުން މިހާރު އެންމެ ބާރަށް އިވޭ އެއް އަޑަކީ ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާގެ ކައިވެނީ ހަބަރުތައް ކަމަށްވާއިރު، ޕަރިނީތީގެ ކައިވެނީގެ މައުލޫމާތުތައް ހޯދުމަށްވެސް ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ.

ޕަރިނީތީ އާއި ސިޔާސީ މަޝްރަހުން ފާހަގަކޮށްލެވޭ ރާގަވް ޗައްޑާގެ ކައިވެނީގެ ވާހަކަތައް ތުންތުން މަތިން ފެތުރެން ފެށީ ދެތަރިން އެކުގައި ފެންނަތާ އެތައް ދުވަހެއް ވީފަހުންނެވެ. ޕަރިނީތީގެ ކައިވެނީގެ ހަބަރަށް ސީދާ ޔަގީންކަމުގެ ބަހެއް ޕަރިނީތީ ބުނެފައި ނުވިނަމަވެސް އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ އެކްޓަރ ހަރްދީ ސަންދޫ މިވަނީ ޕަރިނީތީ ކައިވެނި ކުރަން އުޅޭކަން ޔަގީންކޮށްދީފައެވެ.

މީޑިއާ އަށް ދިން އިންޓަރވިއުއެއްގައި ޕަރިނީތީގެ ކައިވެނީގެ ހަބަރު ލިބިފައިވޭތޯ ކުރި ސުވާލަކަށް ޖަވާބުދެމުން ހަރްދީ ބުނީ ޕަރިނީތީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށާއި، އެގޮތުން ޕަރިނީތީއަށް ގުޅައި މަރުހަބާ ކިޔައިފައިވާނެކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕަރިނީތީ ޗޯޕްރާ އާއި ރާގަވް ޗައްދާ އަކީ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގައި އެކުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ދެ އެކުވެރިންނެވެ. މިދެ މީހުން އެކުގައި އެންމެ ފުރަތަމަ ފެނިފައިވަނީ ރޭގަނޑުގެ ކެއުމަކަށް ރެސްޓޯރަންޓަކަށް ދިޔަތަނެވެ. ދެން ފެނުނީ ދިއްލީ އެއާޕޯޓުން ޕަރިނީތީ ރިސީވް ކުރަން ރާގަވް ގޮސް ހުރިތަނެވެ.

އެއަށްފަހު ގިނަ ގިނައިން ދެމީހުން އެކުގައި ފެނިގެން ދިއުމަކީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމާއި، ކައިވެނި ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެތުރުމުގެ އަސްލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން