އިންސާނާ ދުނިޔެއަށް އައި ނަސްލެއްގެ ސަބަބުން އޭނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށް އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވެއްޖެއެވެ.

އައްޝައިޚް ސިފާން މިހެން ވިދާޅުވީ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި 8 ވަނަ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. މި ފޯރަމްގައި އައްޝައިޚް ސިފާންގެ އިތުރުން ބައިވެރިވެ ވަޑައިގެންނެވީ އައްޝައިޚް ޢާޒިމް ޚާލިދެވެ.

މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް މުޙައްމަދު ސިފާން ވިދާޅުވީ ކީރިތި ޤުރުއާނުގައި އަޅުގަނޑުމެން އުޅެންވީ ހުރިހާ ގޮތެއް ބަޔާންކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ޤުރުއާނުން އެންމެ ހެޔޮވެގެންވާ މަގަށް މަގު ދައްކައިދޭކަމަށް މާތް ﷲ ވަޙީކުރައްވާފައިވާކަމަށާއި އަލް ޙުޖްރާތް ސޫރަތުގައި ބަޔާންވެގެންވަނީ އަޅުގަނޑުމެންގެ މުޖުތަމައަށް ބޭނުންވާ އަޚްލާޤީ ސިފަތައްކަމަށް ޝައިޚް ވިދާޅުވިއެވެ. ޝައިޚް ވަނީ އެ ސޫރަތުގެ އާޔަތްތަކަށް ބައްލަވައި މިހާރު އަޅުގަނޑުމެންގެ މުޖުތަމައުގައި ދިމާވާ ކަންކަމަށް އަލިއަޅުއްވާ ލައްވާފައެވެ.

ދެ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ކޮށްދިނުމަށް އަންގަވާފައިވީ ނަމަވެސް މިއަދުގެ މުޖުތަމައުން ފެންނަނީ އެއާ ޚިލާފަށް ޢަމަލުކުރާތަންކަމަށް ސިފާން ވިދާޅުވިއެވެ. އަދި ބަޔަކު މައްސަލައެއް ޖެހިގެން އުޅޭނަމަ އެ މައްސަލަ އިތުރަށް ގޯސްކުރުމުގެ ބަދަލުގައި އެކަމެއް ޙައްލުކޮށްދިނުމަށް އެ ސޫރަތުގައި މާތްﷲ އަންގަވާފައިވާކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ، މާތް ﷲ ކަމަކަށް ނިޔާ ކަނޑައަޅުއްވައިފިނަމަ އެކަމަކަށް އެއްވެސް އަޅަކަށް ނުރުހުންތެރި ނުވެވޭނެކަމަށާއި މާތްﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރިހަމައަށް ކިޔަމަންވެ އެންގެވި ގޮތަށް އުޅެންޖެހޭ ކަމަށެވެ. އަދި ތިމާ ވަކި ނަސަބަކުން އައިނަމަވެސް ނަސްލެއްގެ ސަބަބުން އިންސާނާއަށް މާތްކަމެއް ނުވަތަ މަތިވެރިކަމެއް ލިބިގެން ނުވާކަމަށާއި މާތްﷲގެ ހަޟްރަތުގައި އެންމެ މާތްކަން ބޮޑީ އެންމެ ތަޤްވާވެރި މީހާކަމަށް ރޭގެ ފޯރަމްގައި ޝައިޚް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން