އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕްގެ ހަމައެކަނި ޖަރީމާއަކީ އެމެރިކާ ނައްތާލަން މަސައްކަތްކުރާ މީހުންގެ ކިބައިން އެމެރިކާ ދިފާއުކުރުން ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުފައިވަނީ ފްލޮރިޑާގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުންނެވެ. ޓްރަމްޕްގެ ސަޕޯޓަރުންނާއި އޭނާއާ ދެކޮޅަށް ނިއުޔޯކްގެ މެންހަޓަންގެ ކޯޓަކަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށްފަހުއެވެ.

މި ޖިނާއީ މައްސަލަ އާއެކު 76 އަހަރުގެ ޓްރަމްޕް ވެގެންދާނީ އެމެރިކާގެ ތާރީހުގައިވެސް ރައީސްކަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ޖިނާއީ ދައުވާއެއް އުފުލާ ފުރަތަމަ ރައީސަށެވެ.

އެމެރިކާގެ ކުރީގެ ރައީސްގެ މައްޗަށް 34 ދައުވާއެއް އުފުލާފައިވެއެވެ. މީގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްތަކާއި، ހިލޭ އަންހެނަކާއެކު ބަދު އަހުލާގީ އަމަލެއް ހިންގައި އެކަން ސިއްރުކުރުމަށް ކުރި ފައިސާގެ މުއާމަލާތްވެސް ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިދައުވާތަކާއި ގުޅިގެން ފުލުހުންގެ ހައްޔަރަށް ޓްރަމްޕް ވަޑައިގަތީ އަމިއްލަފުޅަށެވެ. އަދި ކުށުގެ ތުހުމަތުކުރެވޭ އެހެން މީހުން ފަދައިން ޓްރަމްޕްގެ އިނގިލީގެ ނިޝާންވެސް ނަގާފައިވެއެވެ. އެއަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން ޓްރަމްޕް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ކޯޓު އަޑުއެހުމުގައި ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ 34 ދައުވާއަށް އިންކާރުކޮށްފަ އެވެ.

ކޯޓު އަޑުއެހުމަށްފަހު ފްލޮރިޑާގައި ޓްރަމްޕްގެ ސަޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ އެއްވެސް ކުށެއް ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ސިޔާސީ ގޮތުން ކުރަމުންދާ ޖެއްސުމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޓްރަމްޕް ވިދާޅުވީ އޭނާގެ ހަމައެކަނި ކުށަކީ އެމެރިކާ ދިފާއު ކުރުން ކަމަށެވެ.

"އަޅުގަނޑު ކޮށްފައިވާ ހަމައެކަނި ޖަރީމާއަކީ އަޅުގަނޑުމެންގެ ޤައުމު ނައްތާލަން މަސައްކަތްކުރާ މީހުންގެ ކިބައިން ގައުމު ދިފާޢުކުރުން."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން