ދިވެހީންގެ ތެރޭގައި މަޤްބޫލު "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގެ އެކްޓަރުންނާއި އެކްޓްރެސްއިންގެ ތެރެއިން މިއަދު މި ބަލާލަނީ، އެ ސިލްސިލާގެ ފުރަތަމަ ބައިގައި މުހިމްމު ރޯލެއް އަދާކޮށްފައިވާ މިސްރުގެ މަޝްހޫރު އެކްޓްރެސް އަމީނާ ރިޒްޤްގެ މައްޗަށެވެ. 15 ޖުލައި 1980 ގައި އޭގެ ފުރަތަމަ ބައި ރިލީޒްކުރެވުނު "މުޙައްމަދު ރަސޫލުﷲ" ސިލްސިލާގައި އަމީނާ ރިޒްޤް އަދާކުރި ރޯލަކީ ސަލާމްލެއްވި އިބްރާހީމްގެފާނުންގެ މައިކަމަނާގެ ރޯލެވެ. އޭނާ އެ ރޯލު އަދާކޮށްފައިވާލެއް ފުރިހަމަ ކަމުން ދިވެހީންގެ ތެރޭގައި އޭނާ ވެފައިވަނީ ވަރަށް މަޤްބޫލު ކެރެކްޓަރަކަށެވެ. އެހެންނަމަވެސް އޭނާ އަދާކޮށްފައިވާ އިމިތައްލީގެ ރޯލު ފިޔަވައި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ގިނަ ދިވެހީންނަކަށް އެނގޭނެހެން ހީނުވެއެވެ. އަދި އޭނާގެ އަސްލު ނަންވެސް އެނގޭނީ މަދު ދިވެހީންނަކަށެވެ. އެހެންކަމުން މިއަދު މި ގެނެސްދޭ މަޢުލޫމާތުން އަމީނާ ރިޒްޤާބެހޭ ކޮންމެވެސް މިންވަރެއްގެ ތަޢާރަފެއް ލިބިގެންދާނެކަމަށް އުއްމީދުކުރަމެވެ.

އަމީނާ ރިޒްޤް އުފަންވީ 15 އޭޕްރީލް 1910 ގައި މިސްރުގެ ވެރިރަށް ޤާހިރާއާއި އިސްކަންދަރިއްޔާއާ ދެމެދުގައި އޮންނަ ޠަންޠާއޭ ކިޔާ ސަހަރުގައެވެ. އޭނާގެ އާއިލާއަކީ ފަޤީރު ނިކަމެތި އާއިލާއެކެވެ. ޢުމުރުން 8 އަހަރުގައި ބައްޕަ ނިޔާވުމުން، މަންމައާއި، މާމައާއި، ބޮޑުދައިތަ އަމީނާ މުޙައްމަދާއެކީ ޤާހިރާއަށް ދިރިއުޅުން ބަދަލުކުރިއެވެ. އޭނާގެ ބޮޑުދައިތަ އަމީނާ މުޙައްމަދަކީ އޭރު މިސްރުގެ ސިނަމާގައި ވިދަމުން އަންނަ އުއްމީދީ ތަރިއެކެވެ.

އަމީނާ ރިޒްޤް، އެކްޓިންއަށް ޝައުޤުވެރިކުރުވި ފަރާތަކީ އޭނާގެ ބޮޑުދައިތައެވެ. އެހެންކަމުން ވަރަށް ކުޑަކުޑައިރު ސްޓޭޖް ޑްރާމާތަކުގައި ބައިވެރިވަމުން އައިސް 1924 ގައި، އުމުރުން އެންމެ 13 އަހަރުގައި "ރަސްޕޫޓިން" ގެ ނަމުގައި އުފެއްދި ސްޓޭޖް ޑްރާމާއެއްގައި އޭނާއަށް މުހިއްމު ރޯލެއް އަދާކުރަން ލިބުނެވެ. އަދި އޭގެ ފަހުން އެ ޑްރާމާ އުފެއްދި ކުންފުނީގެ މުހިއްމު އެކްޓްރެސްއެއްކަމުގައި ވެ، 1944 ގައި އެކުންފުނި އުވާލުމާ ހަމައަށް، އޭނާ ވަނީ 210 ވަރަކަށް ސްޓޭޖް ޑްރާމާގައި ބައިވެރިވެފައެވެ. އަމީނާ ރިޒްޤް ފިލްމުކުޅެން ފެށީ 1928 ގައެވެ. މިގޮތުން 1996 އަހަރާ ހަމައަށް އޭނާ 150 އެއްހާ ފިލްމެއްގައި ތަފާތު އެކި ރޯލު އަދާކޮށްފައިވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކުގައި ވެސް ތަފާތު އެކި ރޯލުއަދާކޮށްފައިވެއެވެ.

އަމީނާ ރިޒްޤް ދުވަހަކުވެސް ކައިވެންޏެއް ނުކުރެއެވެ. އަދި އޭނާއަށް ދަރިއަކު ވެސް ލިބިފައި ނުވެއެވެ. އެހެންނަމަވެސް އޭނާގެ ފިލްމީ ހަޔާތުގެ ފަހުކޮޅުގައި ކުޅުނު ގިނަ ފިލްމުތަކުގައި އޭނާ އަދާކޮށްފައިވަނީ އޯގާތެރި މަންމައެއްގެ ރޯލެވެ. "މުޙައްމަދުއްރަސޫލުﷲ" ސިލްސިލާގައި ވެސް އޭނާ އަދާކުރި ފަދަ ރޯލެކެވެ. މަންމައެއްގެ ރޯލުގެ އިތުރުން އޭނާއަކީ ކޮމެޑީ ރޯލުތައްވެސް އަދާކޮށްފައިވާ ހުރިހާ ވައްތަރެއްގެ ރޯލެއްވެސް އަދާކުރެވޭހާ ކުޅަދާނަ ފަންނާނެކެވެ.

އޭނާގެ ޢުމުރުން 81 އަހަރުވެފައިވަނިކޮށް 1991 ގައި، މިސްރުގެ އޭރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްވަނީ އޭނާއަށް މިސްރުގެ ޝޫރާ މަޖްލީސްގެ މެންބަރުކަން ދެއްވާފައެވެ. އޭނާއަކީ ޝޫރާ މަޖިލީހަށް އައްޔަނުކުރެވުނު ފުރަތަމަ އަންހެން ފަންނާނެވެ. ޝޫރާ މަޖިލީހަކީ މިސްރުގެ ކުރީގެ ބަރުލަމާނުގެ މަތިގެއެވެ. އެ މަޖިލީސް އުފެއްދީ 1980 ގައެވެ. 2014 ގައި އެ މަޖިލީސް އުވާލެވުނެވެ.

އަމީނާ ރިޒްޤްގެ ހަޔާތުގައި ލިބުނު އެވޯޑުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ އެވޯޑަކީ މިސްރުގެ ރައީސް ޖަމާލް ޢަބްދުއްނާޞިރުގެ އަތްޕުޅުން ލިބުނު ވިސާމުލްއިސްތިޙްޤާޤްގެ އެއްވަނަ ދަރަޖައިގެ އެވޯޑެވެ.

އަމީނާ ރިޒްޤް ނިޔާވީ ޢުމުރުން 93 އަހަރުގައި، 24 އޮގަސްޓް 2003 ގައި ހިތުގެ މައްސަލަތަކަކާއި ގުޅިގެން ޤާހިރާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން