ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަންޖެހޭ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ”ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް އިޙްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވަނީ ނަމާދުގެ މުހިންމުކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. އެގޮތުން މުސްލިމެއްގެ ދިރިއުޅުން ކުރިއަަށް ގެންދިއުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުތީބަށް ބައްލަވަމުން ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަކަމަކީ ނަމާދުކަމަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ.

ޝައިޚް ވިދާޅުވީ ނަމާދު ކުރުމަށް ކޮންމެ ދުވަހަކުވެސް އިސްކަންދޭންޖެހޭ ކަމަށާއި އެހެންނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

އެހެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދުވެސް ކުރާ މަސައްކަތެއް ކުރަންޖެހޭނީ، ރާވަންޖެހޭނީވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައެވެ. އެގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުންވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދުކުރުމަށް ބާރުއެޅުމާއި ނަމާދުކުރުމަށް ވަގުުތު ދިނުމާއި އިމާރާތްތައްކުރާއިރުވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ނަމާދުކުރާ މީހާއާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ހުސައިން ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދު ކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދު ކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެ ކަމަށެވެ. ވަގުތަށް ނަމާދުކުރާ މީހާ އަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ޝައިޚް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން