ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ރޭ ތަޤްރީރުކުރައްވަމުންނެވެ.

މިމައުޟޫޢަށް ތަޤްރީރުކުރައްވަމުން އައްޝައިޚް ޙުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައިކަމަށެވެ. ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ ރަސޫލާގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށެވެ. އަދި މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ވަނީ ބަޔާންކުރައްވާފައިކަމަށް ޝައިޚް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުލް ޤާދިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށާއި އިންސާނުން ހައްދަވާފައިވަނީ ތަފާތު ކުލަތަކުގައިކަމަށް ޝައިޚް ވިދާޅުވިއެވެ.



އެހެންކަމުން އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމާއި އެ ޚިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ޢަބްދުލް ޤާދިރު ވަނީ މުޖުތަމައުގެ ތެރޭގައި ޚިލާފްއުފެދޭ ކަންތައްތަކަށް ބައްލަވައި އޭގެ ތެރެއިން އެއްކަމަކީ ޢަޤީދާގައި ހިމެނޭ ޚިލާފްކަމަށާއި އަޤީދާގައި ހިމެނޭ ޚިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޚިލާފްއުފެދެން މެދުވެރިވާ ސަބަބުތަކާއި ޚިލާފް އުފެދޭ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތާއި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް ޝައިޚް ތަފްސީލުކޮށްދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން