ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދިއުމާއިއެކު އިންޑިއާގެ ހޮސްޕިޓަލްތައް އެލާޓަށް ގެނަސް ތައްޔާރުވެ ތިބުމަށް ހާއްސަ ޑްރިލްތަކެއް ފަށައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ކުރިއަށްގެންދާ މި މޮކް ޑްރިލް ތަކަކީ ކޯވިޑް-19 ކޭސްތަކާ ކުރިމަތިލުމަށް ހޮސްޕިޓަލްތަކުން ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކުރިއަށްދާ ޑްރިލްތަކެކެވެ. މި ޑްރިލްތައް މުޅި އިންޑިއާގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މިޑްރިލް ތަކުގެ ސަބަބުން، އިންޑިއާގައި ކޮވިޑް ބަލީގެ ހާލަތު މައްޗަށް ދިޔަޔަސް، ހޮސްޕިޓަލު ތަކުން ބަލިމީހުންނާ ދޭތެރޭ އަމަލު ކުރާނެ ގޮތާއި ބެހޭގޮތުން ތައްޔާރުވެ ތިބުމަށް އެހީތެރިވެދޭނެކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މިފަދަ ޑްރިލްތަކެއް ކުރިއަށްދާއިރު، މީގެ ކުރިން އިންޑިއާގައި ކޮވިޑް ބަލީގެ ހާލަތު މައްޗަށް ދިޔަދުވަސްވަރު، ސަރުކާރު ހޮސްޕިޓަލްތަކުންނާއި، އަމިއްލަ ހޮސްޕިޓާ އަދި ކްލިނިކް ތަކުން ބަލިމީހުންނާއި މެދު ކަންތައް ކުރިގޮތްތަކަށް ބައިނަލްއަގުވާމީ ގޮތުންވެސް ގިނަބަޔަކު ފާޑު ކިޔާފައިވެއެވެ.

ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިންޑިއާގައި އާދީއްތަ ދުވަހު 6،000 އާ ގާތްކުރާ އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. އަދި އެކްޓިވް ކޭސްގެ އަދަދު ވަނީ 35،000 އަށް އަރާފައެވެ.

ރިޕޯޓުތައް ބުނާގޮތުން، އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދަނީ އޮމިކްރޯންގެ ސަބްވެރިއަންޓެއް ކަމަށްވާ އެކްސްބީބީ.16.1 ގެ ސަބަބުންނެވެ. މިކަމާއި ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ އިންޑިއާގައި މި ސަބްވޭރިއަންޓު ފެތުރެމުންދާ މިންވަރު ބަލަމުން އަންނަ ކަމަށެވެ.

ފާއިތުވި ހަފްތާތަކުގައި އިންޑިއާގެ ގިނަ ސިޓީތަކުގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވީ ނަމަވެސް ކޮވިޑް ބަލީގައި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައެއް ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން