އަލްސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުން މި ރޯދަމަހުގެ ޢުމްރާއަށްދާ އުމްރާވެރިން މިއަދު ފުރައިފި އެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ 182 މީހުން މިވަގުތު ތިބީ ސައުދީއަށް ދާން ޗާޓަރު ކުރި ފްލައިޓްގަ އެވެ. އުމްރާވެރިން ދަތުރުކުރަނީ ސައުދީގެ ސަލާމް އެއާގެ ފްލައިޓެއްގަ އެވެ.

ސަފާ ގްރޫޕުން މިރޯދަމަހު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާގެ މައްސަލަތަކެއް ދިމާވީ ސައުދީ ކުންފުންޏަކާއި ދިވެހިންގެ ބަޔަކު ދިން ލަނޑެއްގެ ސަބަބުންކަމަށް ސަފާ ގްރޫޕްގެ ވެރިޔާ އަބްދުﷲ ނަސީމް ވަނީ ވިދާޅުވެފައެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި މިދިޔަ ބުރާސްފަތިދުވަހު އުމްރާއަށް ފުރަން ހަމަޖެހިފައި ތިބި ފަރާތްތަކަށް އުމްރާއަށް އެ ދުވަހު ފުރޭ ގޮތް ނުވީ އެންމެފަހު ވަގުތު ވިސާ ނުލިބޭކަމަށް ބުނެ ދަަތުރު ކެންސަލްކުރުމުންނެވެ. ސަފާ ގްރޫޕުން އޭރުވެސް ބުނީ ވިސާއަށް އެދުނު ކުންފުނިން އެންމެފަހު ވަގުތު ވިސާ ނުލިބޭނެކަމަށް އެންގީކަމަށެވެ.

އުމްރާއަށް މީހުން ނުފުރުނު މައްސަލައިގައި އިސްލާމިކް މިިނިސްޓްރީންވެސް ވަނީ އެކަން ހިނގި ގޮތް ބަލައި، ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ކުންފުންޏަށް އަންގާފައެވެ. އެއާއެކު އެކުންފުނިން ވަނީ 3.35 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވިސާއާއި އުމްރާއަށް މީހުން ފޮނުވަން ފްލައިޓެއް ޗާޓަރު ކޮށްފައެވެ.

ސަފާ ގްރޫޕްގެ ވެރިޔާ އަބްދުﷲ ނަސީމް ވިދާޅުވީ ކޮންމެ މީހެއްގެ ވިސާއަށް 220 ޑޮލަރުގެ ރޭޓުން ދައްކާފައިވަނީ ސައޫދީ އަރަބިއްޔާގެ އުސޫލުލް ބައިތު ނަމަކަށް ކިޔާ ކުންފުންޏަކަށްކަމަށެވެ. އެގޮތުން 6 ލައްކައަށްވުރެ ގިނަ ރުފިޔާ ވިސާއަށް ދެއްކިކަމަށާއި ވިސާ ނުލިބޭނެކަން އެންގީ ފުރަން އޮތް ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން