އިންޑިއާގެ އެވޯޑް ހަފްލާއެއްގައި ހީޓްސްޓްރޯކެއް ޖެހިގެން އެގާރަ މީހަކު މަރުވެއްޖެ އެވެ.

އިޖުތިމާއީ މަސައްކަތް ތެރިއެއްގެ އަގުވަޒަން ކުރުމަށް، ސަރުކާރުން ސްޕޮންސަރ ކުރި މިއެވޯޑް ހަފްލާގައި ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ބައިވެރިވެފައިވާއިރު، ގިނަބަޔަކު އެތައް އިރެއް ވަންދެން އަވީގައި ތިބެން މަޖުބޫރުވިކަމަށްވެއެވެ.

އަވީގައި ތިބުމުގެ ސަބަބުން ހީޓް ސްޓްރޯކެއްޖެހި 11 މީހަކު މަރުވެފައިވާއިރު، ހާލު ދެރަވެގެން އިތުރު ބަޔަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވިއިރު، އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓީރިއާ މިނިސްޓަރު އަމީތު ޝާހު ވަނީ އަވިގަނޑުގައި ގިނައިރު މަޑުކޮށްގެން ތިބި މީހުންނަށް ތައުރީފު ކުރައްވައިފައެވެ.

މިހަފްލާގައި އެތައް ބަޔަކު މަރުވެ، ގިނަބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުމާއި ގުޅިގެން، އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ޖިނާއީ ދައުވާ އުފުލަން ޖެހޭ ކަމަށް ބުނެފަ އެވެ.

މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން، ހޫނު މޫސުމުގައި ހޫނުމިން މައްޗަށް ދިއުމުގެ އިންޒާރު، އިންޑިއާގެ އެކި ސަރަހައްދުތަކަށް ވަނީ ދީފައެވެ. އަދި މި އެވަރޑް ހަފްލާ ބޭއްވި މުމްބާއީގައި އާދީއްތަ ދުވަހު އެކަނިވެސް ހޫނުމިން 38 ސެލްސިއަސް އަށް އަރާފައިވެއެވެ.

ހޫނު މިން މައްޗަށް ދިއުމާއި ގުޅިގެން ހެނދުނު 11 އިން ހަވީރު 4 އަށް، އެންމެ ހޫނު ގަދަ ގަޑިތަކުގައި ހާއްސަކޮށް އަވިން ރައްކާތެރިވެ ތިބުމަށް ސިއްހީ މާހިރުން ވަނީ އިލްތިމާސްކޮށްފަ އެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2010 ވަނަ އަހަރުން ފެށިގެން އިންޑިއާގައި ހޫނުގަދަވުމުގެ ސަބަބުން ދިމާވާ އެކި ހާދިސާ ތަކުގައި، 6،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި މިދިޔަ އަހަރު މުޅި އިންޑިއާގެ އެކި ސިޓީތަކުގައި ރެކޯޑް އަދަދަކަށް ފިނިހޫނުމިން މައްޗަށް ދިޔަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން