ސައުތު އެފްރިކާގެ އެންމެ ނުރައްކާތެރި ކުއްވެރިންގެ ތެރޭގައި ހިމެނޭ ތަބޯ ބެސްޓާރ ޓެންޒޭނިޔާއިން އަތުލައިގަތުމަށްފަހު، ސައުތު އެފްރިކާއަށް އަނބުރާ ގެނެސްފިއެވެ.

35 އަހަރުގެ ތަބޯ ބެސްޓާރއަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މޮޑެލެއްކަމަށްވާ ނޮމްފުންޑޯ ޓްހުލޫ ރޭޕްކޮށް މަރާލިކަން ސާބިތުވެ، 2012 ވަނަ އަހަރު ޖަލަށް ލާފައިވާ މީހެކެވެ. އޭގެކުރިން އެހެން މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ އިތުރު 2 އަންހެނެއް ރޭޕްކޮށް، މަރާލިކަން ސާބިތުވެފައެވެ.

އޭނާ ރޭޕްކުރި ގިނަ މީހުންނަކީ ފޭސްބުކް މެދުވެރިކޮށް ހޯދި ބަޔަކަށްވާތީ

ސައުތު އެފްރިކާގައި ތަބޯ ބެސްޓާރ މަޝްހޫރުވެފައިވަނީ "ފޭސްބުކް ރޭޕިސްޓް" ގެ ގޮތުގައެެވެ.

2012 ވަނަ އަހަރު އޭނާއަށް ކުރި ހުކުމާއި ގުޅިގެން އޭނާ ބަހައްޓާފައި ހުރީ ސަައުތު އެފްރިކާގައި އިނގިރޭސިވިލާތުގެ ސެކިއުރިޓީ ކުންފުންޏަކާއި ހަވާލުކޮށްގެން ހިންގާ ޖަލެއްގައެވެ.

ޖަލުގައި އޭނާ ބަހައްޓާފައި ހުރި ގޮޅީގައި މިދިޔަ އަހަރުގެ މޭމަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އޭނާ މަރުވިކަމަށް ކަމާއިބެހޭ ފަރާތްތަކުން ނިންމިއެވެ. ނަމަވެސް ސައުތު އެފްރިކާގައި ހަރަކާތްތެރިވާ ތަހުޤީޤީ ނޫސްވެރިންތަކެއް ޝާއިޢުކުރި ރިޕޯޓްތަކަކާއި ގުޅިގެން އެ ޤައުމުގެ ޖަލުތަކާބެހޭ މުއައްސަސާއިން ވަނީ ބެސްޓަރ ހުރި ގޮޅިން ފެނުނު ހަށިގަނޑުގެ އިތުރު ތަހުލީލުތަކެއް ހަދާފައެވެ.

ސައުތު އެފްރިކާގެ ކަމާއިބެހޭ ފަރާތްތަކުން ފަހުން ކުރިއަށްގެންދިޔަ ތަހުޤީގުން އެނގުނު ގޮތުގައި އަލިފާނުގެ ހާދިސާއަށްފަހު ގޮޅިން ފެނުނީ ބެސްޓަރގެ ހަށިގަނޑެއް ނޫނެވެ. އަދި އެތަނުން ފެނުނު ހަށިގަނޑަކީ އަލިފާނުގެ ހާދިސާގެ ކުރިން ގޮޅީގައި އޮތް ހަށިގަނޑެއްކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތަހުޤީޤުތަކުން ފަހުން އެނގުނު ގޮތުގައި ބެސްޓަރ ޖަލުން ފިލީ ވަރަށް ބޮޑަށް ރޭވިގެން ކުރި ކަންތައްތަކެއްގެ ތެރެއިންނެވެ. އަދި އެ މައްސަލައިގައި އިނގިރޭސިވިލާތުގެ ކުންފުންޏާއި ޖަލު ހިންގަން ހަވާލުކޮށްފައި އޮތްއޮތުން ވަގުތީ ގޮތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.

ސައުތު އެފްރިކާގެ ޖަސްޓިސް އެންޑް ކަރެކްޝަނަލް ސަރވިސްއިން ބުނީ ޖަލުގައި އަލިފާނުގެ ހާދިސާ ހިނގި ދުވަހު އެއްވެސް ހުއްދައެއް ނެތި ޕްރައިވެޓް ވެހިކަލެއް ޖަލެއް ވައްދާފައިވާކަމަށެވެ. އަދި އެއީ ބެސްޓަރގެ ބަދަލުގައި ގޮޅީގައި އޮތް އަންދާލާފައިވާ ހަށިގަނޑު ގެނައި ވެހިކަލްކަމަށް ކަމާބެހޭ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ބެސްޓަރ ފިލި ޖަލަކީ އެ ޤައުމުގައި ހުރި އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލުކަމަށް ބުނާ ޖަލެވެ. މިދިޔަ ބުދަދުވަހު އެ މައްސަލައިގައި ޖަލު ބަލަހައްޓާ އިނގިރޭސިވިލާތުގެ ކުންފުނީގެ ވެރިން މަޖިލީހަށް ވަނީ ހާޒިރުކޮށް، ސުވާލުކޮށްފައެވެ. އެ ކުންފުނީގެ ވެރިން ބުނާގޮތުން ކުންފުނީގެ އެއްވެސް ބައިވެރިވުމެއް އެކަމުގައި ނެތެވެ. އަދި އެ ދުވަހު ޖަލުގައި ޑިއުޓީ އަދާކުރަމުންދިޔަ 3 މީހަކު ވަޒީފާއިން ވަކިކޮށް، 7 ވަރަކަށް މީހުން ސަސްޕެންޑްކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅޭގޮތުން ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓެއްގައިވާ ގޮތުން އޭނާ ހުރި ގޮޅިން ވަނީ ލެޕްޓޮޕަކާއި ފޯނެއް ފެނިފައެވެ، އަދި އޭނާ ކުރިން ހުރި ގޮޅިން، އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފައިވަނީ އޭނާ އެދިގެން އަލިފާނުގެ ހާދިސާ ހިނގުމުގެ 3 ދުވަސް ކުރިންކަމަށްވެސް ރިޕޯޓްގައިވެއެވެ.

މީގެއިތުރުން ބެސްޓަރ ޖަލުން ފިލިރޭ ކަރަންޓްގެ މައްސަލައަކާއި ހެދި ސީސީޓީވީ ރެކޯޑިންގ ނެތްކަމަށްވެއެވެ.



ބެސްޓަރ ފިލިކަން އެނގިގެން އޭނާ ހޯދުމުގެ މަސައްކަތް ސައުތު އެފްރިކާގެ ކަމާއިބެހޭ ފަރާތްތަކުން ފެށީ މިދިޔަ މަހުއެވެ. އަދި އޭނާ އަތުލައިގަތީ މިދިޔަ ހަފްތާގައި ޓެންޒޭނިއާގެ ބޯޑަރު ކައިރިން ކަމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުންނެވެ. ބެސްޓަރއާއެކު އޭނާގެ މިހާރުގެ ލޯބިވެރިޔާވެސް ވަނީ ހައްޔަރުކޮށްފައެވެ. ބެސްޓަރގެ ލޯބިވެރިޔާއަކީ ސައުތު އެފްރިކާގެ މަޝްހޫރު ޑޮކްޓަރެއްކަމަށްވާ ޑރ. ނަންޑިޕާ މަގުޑުމަނާއެވެ.



ބެސްޓަރ ހައްޔަރުކޮށްގެން ސައުތު އެފްރިކާއަށް ގެންދިއުމަށްފަހު ބަހައްޓާފައިވަނީ ޕެރިޓޯރިއާގައި ހުންނަ ހައި ސެކިއުރިޓީ ޖަލެއްގައެވެ. އަދި އޭނާ ބެލެހެއްޓުމަށް ޖަލުގައި ތިބި އެންމެ ރަނގަޅު އޮފިސަރުން ވަނީ ހަމަޖައްސާފައެވެ. ބެކްސްޓަރގެ އިތުރުން އޭނާގެ ލޯބިވެރިޔާއާއި ލޯބިވެރިޔާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށް، ބަންދުކޮށްފައެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އޭނާ ފިލުމަށް އެހީތެރިވުމުގެ ކުށުގައެވެ. މި މައްސަލައިގައި އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން