ޗައިނާ ފަހަތަށް ޖައްސާލައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް ވުމުގެ މަގުމަތީގައި އޮތް އިންޑިއާގެ އާބާދީއަށް މިއަހަރުގެ މެދުތެރެއެއްހާހިސާބުގައި ގާތްގަނޑަކަށް 3 މިލިއަން މީހުން އިތުރުވެގެންދާނެކަމަށް އދ ގެ ތަފާސް ހިސާބަކުން ދައްކައިފިއެވެ.

އެގޮތުން އދ ގެ ޕޮޕިއުލޭޝަން ފަންޑު (ޔޫއެންއެފްޕީއޭ)ގެ "ސްޓޭޓް އޮފް ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް" ގައި މިއަހަރު އިންޑިއާގެ އާބާދީ 1428.6 މިލިއަން ނުވަތަ 1.4286 ބިލިއަން އަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ޗައިނާގެ އާބާދީ މިއަހަރު 1.4257 ބިލިއަން އަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މި ރިޕޯޓުގައި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވެގެންދާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ. އދ އިން ހާމަކޮށްފައިވާގޮތުން، އިންޑިއާ އާއި ޗައިނާއިން ލިބިފައިވާ މައުލޫމާތަކީ އެންމެ ފަހުގެ މައުލޫމާތު ކަމާ މެދު ޔަގީންކަމެއް ނެތުމުން، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކަށް އިންޑިއާ ވެގެންދާނެ ވަކި ތާރީހެއް ހާމަކުރަން ވަނީ އުނދަގޫވެފައެވެ.

އިންޑިއާގައި އާބާދީގެ މައުލޫމޫތު އެއްކުރުމަށް ބޯހިމެނުމުގެ ސަރވޭއެއް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2011 ވަނަ އަހަރުއެވެ. 2021 ވަނަ އަހަރު އިންޑިއާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިގެންދިޔަ ބޯހިމެނުން، ކޯވިޑް-19 ގެ ސަބަބުން ލަސްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑެތި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އަދި އޮތީ ޗައިނާއެވެ. ދެވަނައިގައި އިންޑިއާ އޮތް އިރު، ތިންވަނައިގައި އޮތް އެމެރިކާގެ އާބާދީ، މިއަހަރު 340 މިލިއަނަށް އަރާނެކަމަށްވެސް އދ ގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން