އެމެރިކާގެ އަލަބާމާ ސްޓޭޓުގައި އުފަންދުވަހުގެ ޕާޓީއަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ބަޔަކު މަރުވި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ފުރާވަރުގެ ދެކުއްޖަކާއި ބޮޑު މީހެއްގެ މައްޗަށް ގަސްތުގައި ބަޔަކު މަރާލި ކަމުގެ ދައުވާ އުފުލައިފިއެެވެ.

އެމެރިކާގެ އަލަބާމާ ސްޓޭޓުގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ކުޑަކުއްޖެއްގެ 16 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީއަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާގައި ހަތަރު މީހަކު މަރުވެ 32 މީހަކު ޒަހަމްވެފައި ވެއެވެ.

އެ ހަމަލާ ދިން ކަމަށް ތުހުމަތުގައި ފުލުހުން މިހާރު ވަނީ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމައްސަލަ އާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރުގެ ބްރަދަރސް ޓައި ރެއިކް މެކަލޯ، އާއި އުމުރުން 16 އަހަރުގެ ޓްރެވިސް މެކްކަލޯ ކަމަށެވެ. އޭގެ އިތުރުން އެމައްސަލައިގައި ދެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހެކެވެެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ވެސް ވަނީ ފަރުވާކުޑަކޮށް މީހަކު މަރާލުމުގެ ހަތަރު ދައުވާއެއް އުފުލާފައެވެ. އަދި އިތުރު ދައުވާއެއް އެކުދިންގެ މައްޗަށް އުފުލޭނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުން ފުލުހުން ވަނީ ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހަކު ހައްޔަރު ކުރިކަން އިއުލާންކޮށްފަ އެވެ. އުމުރުން 20 އަހަރުގެ ވިލްސަން ލާމާ ހިލްގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ ބޮޑެތި މީހުންގެ ގޮތުގައި ކަމަށް ޕީޖީން އޮފީހުން ވަނީ ބުނެފައެވެ.

އެމެރިކާގެ ފުލުހުން ބުނީ މި ހަމަލާގައި ޒަހަމްވި 32 މީހުންގެ ތެރެއިން ހަތަރު މީހުންގެ ހާލު ސީރިއަސް ކަމަށާއި އެ މީހުންނަަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

އެމެރިކާގެ އަލަބާމާ ސްޓޭޓުގައި އުފަންދުވަހުގެ ޕާޓީއަކަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ ދިން ސަބަބެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން