ގއ. މާމެންދޫގައި 2021 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ހިންގި ގްރޫޕް މާރާމާރީގައި ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަރަށް ލާއިންސާނީކޮށް މަރާލި މައްސަލާގައި، ދިފާއީ ހެކިންގެ ހެކިބަސްނެގުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ތިން މީހަކަށާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށް ޖުވެނައިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ ހުށައަޅާފައެވެ. އޭގެތެރެއިން ކުޑަކުއްޖާގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް 14 ސެޕްޓެންބަރު 2022 ގައި ޖުވެނައިލް ކޯޓުން ވަނީ ކަނޑައަޅުއްވައިފައެވެ.

ޢުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލާފައިވަނީ މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ހަމަ އެރަށު ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމަށް ފުރަތަމަ ޙާޟިރުކުރި ދިފާއީ ހެކިވެރިޔާ ބުނެފައިވަނީ މާރާމާރީ ހިނގި ތަނުގައި އޭނާ ހުރިކަމަށާއި އެތަނުގައި ޝަރަފް ފެންނަން ނެތްކަމަށެވެ. ހަމައެއާއެކު އުދައްޔުއަށް ޙަމަލާ ދިނުމާއި މަރާމާރީ ހިންގުމުގައި މާޒިން ޙަރަކާތްތެރިވެފައިވާތަން ނުފެންނަކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ. ރައްދުގައި ދަޢުލަތުންވަނީ ހެކިވެރިޔާ ފުލުހުންގެ ތަޙުޤީޤަށް ދިން ބަޔާނުގައި ހުރި ވާހަކަތަކާއި، ޝަރީޢަތުގެ މަޖިލީހުގައި ދިން ބަޔާނުގައި ހުރި ފުށުއެރުންތައް ޤާޟީގެ ސަމާލުކަމަށް ގެނެސްފައެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާ ބުނެފައިވަނީ ޙާދިސާ ހިނގި ތަނުގައި އޭނާ ހުރި ކަމަށާއި، އެތަނުގައި ޝަރަފް ރަޝީދުއާއި މާޒިންވެސް ތިބިކަމަށެވެ. ނަމަވެސް އެމީހުން މާރާމާރީގައި ބައިވެރިވިތަން ފެނިފައިނުވާކަަމަށް އެ ހެކިވެރިޔާ ބުންޏެވެ. މައްސަލާގައި ޝަމީމްގެ ފަރާތުން ހުށައެޅި ދިފާޢީ ހެކިން ބުނެފައިވަނީ ޙާދިސާ ހިނގިރޭ ޝަމީމް ހުރީ އޭނާގެ ގޭގައި ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ޤާޟީ ޢަލީ ނަދީމް ވިދާޅުވީ، ދެން މި މައްސަލައިގައި އޮންނާނީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުން ކަމަށެވެ.

އުދައްޔުގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ޙަމަލާދީފައިވާއިރު ބައެއް ޒަޚަމްތަކުގެ ފުންމިނުގައި ފަސް އިންޗި ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ޙަމަލާ ދީފައިވަނީ ބުރަކަށިން ހިތާ ދިމާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން