އިންޑިޔާގެ އިދިކޮޅު ކޮންގުރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީގެ މައްޗަށް އުފުލާފައިވާ ޖިނާއީ އަބުރުގެ މައްސަލައިގައި ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށައެޅި ހުށައެޅުން، އިންޑިއާގެ ކޯޓަކުން ބާތިލްކޮށްފިއެވެ.

ރާހުލް ގާނދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވައި އޭނާގެ ނަންފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރަށްވައި ވާހަކަ ދެއްކެވިކަން ސާބިތުވުމުންނެވެ. ރާހުލް ގާނދީގެ މައްޗަށް ޖިނާއީ އަބުރުގެ މައްސަލަ ސާބިތުވުމާއި ގުޅިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުންވެސް ވަނީ ވަކިކޮށްފައެވެ.

ޖިނާއީ އަބުރުގެ މައްސަލައިގެ ކުރި ހުކުމް އިސްތިއުނާފު ކުރަން ހުށައެޅި ހުށައެޅުން، އިންޑިއާގެ ކޯޓުން ބާތިލްކުރުމާއި ގުޅިގެން އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ގައުމީ އިންތިހާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ނެތްކަން އިތުރުވެގެންދެއެވެ.

ގާނދީގެ ވަކީލު ކިރިތު ޕަންވާލާ ބީބީސީއަށް ވިދާޅުވީ އެ ނިންމުމާއި ދެކޮޅަށް ގުޖުރާތުގެ ހައިކޯޓުގައި އިތުރަށް މައްސަލަ ޖައްސާނެ ކަމަށެވެ. އަދި މިމައްސަލައިގައި ގާނޫނީ ހުރިހާ އިސްތިއުނާފެއް ނިމެންދެން ގާނދީ ހައްޔަރު ނުކުރާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާހުލް ގާނދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން ހުކުމްކުރުމާއި ގުޅިގެން ކޮންގްރެސް އިން ވަނީ ފާޑުކިޔައި، އެހުކުމަކީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ސިޔާސީ ބަދަލު ހިފުންކަމަށް ތުހުމަތުކޮށްފަ އެވެ.



ބީޖޭޕީން ވަނީ މިކަން ދޮގުކޮށް، އެ މައްސަލައިގައި ޝަރުއީ ގޮތުން ކަންކުރަންވާނެ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން