ތަޢުލީމު އުނގެނުމުން މަހުރޫމު ކުރުމަށްފަހު، އަފްޣާނިސްތާނު އަންހެނުންނަށް އީދު ފާހަގަކުރުމުގެ މުނާސަބަތުގައި ބައިވެރިވުންވެސް މަނާކޮށްފައިވާކަން ރިޕޯޓުކޮށްފިއެވެ.

އަފްޣާނިސްތާނު އަންހެނުންނަށް ފިތުރު އީދު ފާހަގަ ކުރުން މަނާކޮށްފައިވަނީ ބަޣްލާން އަދި ތަޚާރް ޕްރޮވިންސްގައެވެ. މިކަމާބެހޭގޮތުން ތާލިބާނުން ނެރެފައިވާ ބަޔާނުގައި، ގްރޫޕް ގްރޫޕް ހަދައިގެން އީދު ފާހަގަ ނުކުރަން އަންގާފައިވެއެވެ.

ތާލިބާނުންގެ މި ފަހުގެ ނިންމުން އާންމުކޮށްފައިވަނީ، އެގައުމުގެ ހެރަތު ސަރަހައްދުގެ އާންމު ތަންތަނުގައި އަންހެނުން ކެއުން މަނާކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ. ތާލިބާން ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އާންމު ތަންތަނުގައި، އަންހެނުންނާއި، ފިރިހެނުން މަސްހުނިވެ އުޅުން ހުއްޓުވުމަށްކަމަށް ބުނެއެވެ.

އީދު ފާހަގަ ކުރުމާއި، އާންމު ތަންތަނުގައި ކެއުން މަނާކުރުމުގެ އިތުރުން ފިރިހެން ޑޮކްޓަރުންނަށް، އަންހެން ބަލިމީހުންނަށް ފަރުވާ ނުދެވޭނެ ކަމަށް ބުނެ ހަރުކަށި ގަވާއިދުތަކެއް ވެސް ތާލިބާނުން ވަނީ ފާސްކޮށްފަ އެވެ.

އަންހެނުންނާއި ދެކޮޅަށް އެތައް ކަމެއް މަނާކުރި ނަމަވެސް، އަފްޣާނިސްތާނުގެ މުސްތަގުބަލަށް އެންމެ ބޮޑަށް ގެއްލުން ލިބޭނީ، ތައުލީމު އުނގެނުމުން އަންހެނުން މަހުރޫމް ކުރުމުންކަމަށް ކަމާބެހޭ މާހިރުންނާއި ބައިނަލްއަގުވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުން ފާހަގަކުރެއެވެ.

އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވުމާއިއެކު، އަންހެން ކުދިން ސްކޫލަށާއި، ކޮލެޖު އަދި ޔުނިވަރސިޓީތަކަށް ދިއުން ވަނީ މަނާކޮށްފައެވެ. ތާލިބާނުންގެ މިނިިންމުން އިތުރަށް ހަރުކަށިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތާލިބާނުން ވަނީ އަފްޣާނިސްތާނުގެ އަންހެން ކުދިން ތައުލީމީ މަރުކަޒުތަކަށް ދިއުން ވަކި މުއްދަތެއް ނެތް ގޮތަށް މަނާކޮށްފައިވާކަން އިއުލާންކޮށް ޕަބްލިކް އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކާއި، ކޮލެޖުތަކަށް ސިޓީއެއް ފޮނުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން