ޖިސްމާނީ އަނިޔާ ހިމެނޭ ގޮތަށް ރަޝިޔާ މީހުންނާ މެދު ތަފާތުކުރުމުގެ އެތައް މައްސަލަތަކެއް ފާހަގަކޮށް، ރަޝިޔާގެ ރައްޔިތުން ކެނެޑާއަށް ދަތުރު ނުކުރުމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ރަޝިޔާއިން ޔުކްރެއިނު ހިފުމަށް ހަމަލާ ދޭން ފެށުމާއިއެކު، ކެނެޑާއިން ވަނީ އެތައް ފަހަރެއްގެ މަތިން ޔުކްރެއިނަށް ތާއީދު ކުރާކަން އަންގައި ރަޝިޔާ އާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން ކެނެޑާއިން ވަނީ ރަޝިޔާގެ އެތައް ސަތޭކަ އޮފިޝަލުންނާއި ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ފުޅާދާއިރާއެއްގައި ވިޔަފާރި ކުރުންވެސް މަނާކޮށްފައެވެ.

ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ރަޝިޔާއިން ފަހުން ނެރުނު އިއުލާނުގައި ކެނެޑާގައި ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖިސްމާނީ އަނިޔާ ދިނުމާއި، ރަޝިޔާ މީހުންނާ މެދު ތަފާތުކުރަމުންދާކަމަށް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން ރަޝިޔާގެ ރައްޔިތުން ކެނެޑާއަށް ދަތުރު ނުކުރުމަށް ނެރުނު މިއެންގުމުގައި މިހާރު ކެނެޑާގައި ތިބި ރަޝިޔާގެ ރައްޔިތުން އާންމު ތަންތަނުގައި ސަމާލުވުމަށްް ވެސް އިލްތިމާސް ކޮށްފައިވެއެވެ.

މީގެއިތުރުން، ރަޝިޔާއިން މިދިޔަ ހަފްތާގައި ކެނެޑާގެ 333 އޮފިޝަލުންނާއި އާންމު ފަރާތްތަކުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަން އިއުލާންކޮށްފައިވެއެވެ.

ރަޝިޔާއިން ޔުކްރެއިނަށް ހަމަލާ ދޭން ފެށިތާ މާގިނައިރުތަކެއް ނުވެ ކެނެޑާއިން ވަނީ ރަޝިޔާއަށް ދަތުރުނުކުރަން އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ކެނެޑާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުން ވަނީ ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން