ބ. ހިތާދޫ އާއި ގއ. ކޫއްޑޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ. އެގޮތުން ބ. ހިތާދޫ އާއި ގއ. ކޫއްޑޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ހިތާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މޮބިލައިޒް ކޮށްފައިވަނީ 11 މެއި 2022 ގައެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ބުނީ ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫޢުގެ ދަށުން، އެރަށުގައި މިހާރު އޮތް ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުލް ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 14،929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4،101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތުދީފައިވެއެވެ.

ހިތާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއަކީ 19.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހަމައެއާއެކު ގއ ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 24 އޭޕްރީލް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށްވެސް އެމްޓީސީސީން މިއަދު ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 90 މީޓަރުގެ ޝީޓް ޕައިލް އެޅުމުގެ މަސައްކަތާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 33،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56،216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން ހިމެނޭކަމަށެވެ.

އަދި 89،516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމާއި، 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓިސީސީން ބުނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން 78.37 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން